މިދިޔަ މަހު އެޕަލްއިން ނެރުނު އެއާޓެގް ހެކުކޮށްފިއެވެ. އެޕަލް އެއާޓެގަކީ ވޮލެޓާއި، ދަބަސް އަދި އެހެންވެސް އަގުހުރި އެއްޗެއް ގެއްލުނަ ނުދީ ރައްކާތެރި ކުރުމަށް ބޭނުން ކުރެވޭނެ ގޮތަށް ތައްޔާރު ކޮށްފައިވާ ޓެގެކެވެ. ސްޓައިލިޝްކޮށް ޑިޒައިން ކޮށްފައިވާ އެޕަލް އެއާޓެގް މެދުވެރިކޮށް ޓެގް ހަރުކޮށްފައިވާ އެއްޗެއް ވަގަށް ނަގައިފި ނަމަ އެ އެއްޗެއް ގެންދާ ތަނެއް ފައިންޑް މައި އެޕްލިކޭޝަން މެދުވެރިކޮށް ބެލެއެވެ.

އެޕަލްގެ އެއާޓެގް ހެކު ކުރެވިދާނެ ކަމަށް ޖަރުމަނު ވިލާތުގެ ސެކިއުރިޓީ ދިރާސާކުރާ ތޯމަސް ރޮތު ވަނީ ބުނެފައެވެ. އޭނާ މިހެން ބުނެފައިވަނީ އެޕަލް އެއާޓެގް ހެކު ކޮށް އެކަން ދިރާސާ ކުރުމަށް ފަހުއެވެ. ތޯމަސް ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވާ ގޮތުން އޭނާ ވަނީ އެއާޓެގްގެ މައިކްރޯކޮންޓްރޯލާ އަށް ވަދެފައެެވެ. އެއާޓެގްގެ ފާމްވެއާއަށް ބަދަލު ގެނައުމާއި އެއާޓެގް އަލުން ޕްރޮގްރާމް ކުރުން ފަދަ މަސައްކަތް އޭނާއަށް ކާމިޔާބު ކަމާއެކު ކުރި ކަމަށް ބުނެފައިވެއެވެ.

އެއާޓެގްގެ މައިކްރޯކޮންޓްރޯލާ އަލުން ޕްރޮގްރާމް ކުރުން ފަދަ ކަންކަން ހެކަރުންނަށް ކުރެވުމަކީ ކުންފުނިން ސިހޭނެ ކަމަކަށް ވުމުގެ ފުރުސަތު ބޮޑެވެ. އެޕަލްއިން އެއާޓެގަށް ފޮނުވާ ނޮޓިފިކޭޝަން އޮޅުވާލުމަކީ ވެސް ހެކަރުންނަށް ކުރަން މާ އުނދަގޫ ކަމަކަށް ނުވާނެއެވެ.

ކަން މިހެން ހުރުމުން، އެޕަލްއިން ފާމްވެއާ ލެވެލް މޮޑިފައިކޮށް ސެކިއުރިޓީ ވަރުގަދަ އަޕްޑޭޓެއް ނެރުމަކީ ވެދާނެ ކަމެއް ކަމުގައި ރިޕޯޓުތައް ބުނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު