އަޙުމަދު ފާއިޒް ސަޢީދު ޢަލި މަނިކަށް ސަލާމަށްފަހު ބުނަމެވެ.

މިއީ އަހަރެން ކަލެއަށް ލިޔާ އެންމެ ފަހު ސިޓީ ކަމުގައި ހީކުރާށެވެ. ކަލޭ ވަނީ އަހަރެންގެ މުޅި ދިރިއުޅުން ފުޑުފުޑު ކޮށްލާފައެވެ. ކަލެއާ އެކު ލޯބިން އަހަރެންނަށް އުޅެވުނީ މަދު ދުވަސް ކޮޅެއްގައެވެ. ކަލޭގެ ހަގީގަތް އެގެން ފެށީ މީހަކު ބުނި ވާހަކައަކުން ނޫނެވެ. ކުޅެމުން ދިޔަ މަކަރުވެރި ތަމްސީލުންނެވެ. މި ސިޓީން ކަލޭގެ ފަތިފުށް ވަރަށް ރަނގަޅަށް އަމިއްލައަށް ކިޔާލަން ލިބޭނެއެވެ.

އަހަރެން ކަލެއާ އޭރު ކައިވެނިކުރީ އިސްކޮޅާ ރޫފައާއި އެއްވަރަށް ތައުލީމު ލިބިފައިހުރި ރަނގަޅު މީހެއް ކަމުގައި ފެނިގެންނެވެ. އަދި އަހަރެންގެ އާއިލާއިން ވެސް ދުށީ އެގޮތަށެވެ. ކައިވެނީގެ ފުރަތަމަ ދުވަސްކޮޅު ކަލޭގެ ބަލާޣާތްތެރި ދުލުން އަހަރެންނާއި އާއިލާ މީހުންގެ ރުހުން ހޯދިއެވެ. އަދި ގައުމީ ފެންވަރުގެ ބައްދަލު ވުންތަކުގެ ޕޯޑިއަމް ތަކުން ކަލޭ ޖާގަ ހޯދިއެވެ. ޓީވީ ޗެނަލްތަކުން ކަލޭގެ ބޭނުން ހިފީ މޮޅު އަބުރުވެރި މީހެއްގެ ގޮތުގައި ދެކިގެންނެވެ. އޭރު އަހަރެން ކަލެއާ މެދު ފަޚުރުވެރި ވީމެވެ.

ހުރިހާ ކަމެއް ބަދަލު ވާން ފެށީ ކަލޭ ސިޔާސީ ދާއިރާ ޚިޔާރު ކުރުމުންނެވެ. ލޯގަނޑު ކުރިމަތީގައި ހުންނަ އިރު އަމިއްލަ ސިފަ ކަލެއަށް ފެންނަން ފެށިއެވެ. އަޑިނޭނގޭ ކަންކަން ކުރަން ފެށީއެވެ. އޭރު މީހުން ދައްކަމުން ދިޔަ ވާހަކަތައް އަހަރެން ގަބޫލެއް ނުކުރަމެވެ.

މީހާގެ ފިޔަފަޅައި އުދުހެވެން ފެށުމުން ފައިސާއާއި މަގާމާއި ޖާހަކީ ކިހާ އަސަރު ހުރި އެއްޗެއްކަން ކަލޭގެ ސިކުނޑިއަށް ވެރިވާން ފެށިއެވެ. ކަތުރު ފަންޏެއް ލަކުޑި ގަނޑެއް ކާހެން ކަލޭގެ ސިކުނޑި ދިޔައީ ނުބައި ނުލަފާ ޖައްބާރުންގެ ވިސްނުމާއި ސައިތާނީ ގޮތަށް ބަދަލު ވަމުންނެވެ. ދިރިއުޅުމުގައި އަހަރެން ކުރަމުން އައި އުންމީދު ފަނޑުވާން ފެށިއެވެ. އަހަރެންނާއި ދަރިފުޅަށް ދެމުން އައިލޯބި ފަނޑުވެ ކަލޭގެ އެކުވެރިންނާއި ސިޔާސީ މުދައްބިރުންނާއި ޕާރޓީ ދެކެ ވާ ލޯބި ބޮޑުވާން ފެށިއެވެ.

ޕާޓީގެ ހަޒާންދާރު ކަމުގެ މަގާމަށް އިސްވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މާލެއިން ގޯއްޗެއް ގަތީ ކަލޭ ކޮންތާކުން ހޯދި ފައިސާއިން ހެއްޔެވެ؟ ކަލޭގެ ބަސްމަގު ވެސް ރީއްޗެވެ. އޮޅުވާލުން ވެސް މޮޅެވެ. އެންމެ ފަހުން އެގޯތި ކަލޭގެ ބޮޑުދައިތަގެ ނަމުގައި ރަޖިސްޓްރީ ކުރީ ދުނިޔެއަށް ފޮރުވައި މީހުންގެ ލޮލުގައި އަނދުން އަޅުވަން ނޫންހެއްޔެވެ؟ ޕާޓީ ކަންކަމުގައި ހެޔޮއެދޭ މީހުން ދޭ ފައިސާއިން ކަލޭގެ އަމިއްލަ ޖީބު ދިޔައީ ބޮޑު ކުރަމުން ނޫން ހެއްޔެވެ؟ ގޭގެ ބޮޑުކޮޓަރިއަށް ކަލޭގެ އިސްކޮޅުވަރުގެ ބޮޑު ތިޖޫރީއެއް ވެއްދުމުން ވެސް އަހަރެން ކިހާ ސުވާލެއް ކުރިން ހެއްޔެވެ؟

މުޒާހަރާ ތަކުގައި ކަލޭ ހައްޔަރު ވާ ކޮންމެ ފަހަރަކު އަހަރެންގެ ޅިޔަނު ކައިރީ ބުނެ އާދޭސްކޮށްގެން ކަލޭ ގޮޅިން ނެރޭކަން ދުވަހަކު ވެސް ކަލެއަށް އިހުސާސްވި ހެއްޔެވެ؟ އޭރު އަހަރެން ކަލެއަށް ދިން ނަސޭހަތް ވީ ކަނޑުގައި އެޅި ރޮނގަކަށެވެ.

ރާއްޖެ ދޫކޮށް ބޭރު ކަރައަކަށް އަރުވާލެވިގެން ހުރި އިރުވެސް ހުރިހާ ބުރައެއް އުފުލީ އަހަރެން ނޫންހެއްޔެވެ؟ އަހަރެން އުފުލި ބުރަޔަށް ކަލޭ ހެޔޮ އެންމެ ބަހެއް ވެސް ބުނެލިން ހެއްޔެވެ؟ މާލެއިން ކަލޭ ހިތާވެގެން އުޅު ކުއްޖާ ސިއްރުން ގެންދިޔައީ އެއްވެސް މީހަކަށް ނޭނގޭނޭ ކަމަށް ހެއްޔެވެ؟ އަދި އެކުއްޖާ އަންބެއްހެން މެލޭޝިޔާގައި ގެންގުޅުއިރު ކަލޭ ހީކުރީ ދޮން ކަޅުވެސް އަހަރެންނަށް ނޭނގޭނެކަމަށް ހެއްޔެވެ؟ ކަލޭ ކަހަލަ ގޮތެއް ނެތް މީހެއްގެ ސަޅިބައިސާ އުމުރު ދުވަހު އަޑުއަހަން އަހަރެންގެ އަގުހުރި ވަގުތުތައް ހުސްނުކުރެވުނީތީ މިއަދު އުފާކުރަމެވެ.

ބޮޑު މަޖިލީހުން ކަލެއަށް ގޮނޑި ކަށަވަރުވެގެން އެކުވެރިންނާއި އާއިލާގެ މީހުންނާއެކު އުފާކޮށް މަޖާނެގި ދުވަހު އަހަރެން ކުޑަކޮށްވެސް އުފަލެއް ނުވަމެވެ. ދުވަސްކޮޅެއްވީ ތަނުން ކަލެއަށް މަސައްކަތް ކޮށްދިން މީހުން ހަނދާން ނައްތާލައި ގޮނޑި ވިއްކާލީ ކުރިން ކަލޭ ނުދެކޭ ވަރުގެ ބޮޑެތި އަދަދުތަކުން ފައިސާ ލިބުމުންނެވެ. ކަލެއަށް އިތުބާރު ކުރި އެތަކެއް ސަތޭކަ ރައްޔިތުންގެ ގުރުބާނީގައި ކޮޅުފައިން ޖެހުމަށް ފަހުގައެވެ. ލިބުނު ފައިސާ ގިނަކަމުން ހަދާނެ ގޮތެއް ނެތިގެން އުޅުނުތަން ވެސް އަހަރެން ދުށީމެވެ.

ކަލޭ އަތުގައި ފައިސާ ގިނަވެ ސޫދަށް ފައިސާ ދިނުމާއި މަކަރާއި ހީލަތް ހެދުން ވެސް އޮތީ ހައްދު ފަހަނަ އަޅާފައި ނޫންހެއްޔެވެ؟ މިހުރިހާ ކަމަކާ ގުޅިގެން އަހަރެން އޭރު ނިންމީ ކަލޭގެ އެންމެ ފައިސާ ފޮއްޗެއްގައި ވެސް އަހަރެން ނުޖެހުމަށެވެ. އަދި އަހަރެންގެ ދަރިފުޅު ވެސް ކަލޭ ހޯދާ ކަޅުފައިސާއިން ކާންދީ ބޮޑު ނުކުރާށެވެ. މާލެ ދޫކޮށް ދަރިފުޅު ގޮވައިގެން އަހަރެންގެ ބައްޕަ ކައިރިއަށް ރަށަށް ބަދަލުވީ އެހެންވެގެންނެވެ.

ކަލެއަށް ކާންދީ ބޮޑުކޮށްފައި ހުރީ ނުހައްގު ގޮތުގައި ހޯދާފައި ހުރި ފައިސާއިންކަން އަހަރެންނަށް އެނގެއެވެ.

ކަލޭގެ ކާފަ ބޮޑު ބުމަރު ޢަލި މަނިކަކީ މައިޓް ކުންފުނީގައި އުޅެމުން އެތަނުގެ ފައިސާއަށް ޚިޔާނަތް ވެގެން އަރުވާލި މީހެކެވެ. އެފައިސާއިން ކަލޭގެ ބައްޕަ އަށް ކާންދީ ބޮޑު ކުރިއެވެ. ކަލޭގެ ބައްޕަ ސައީދު އަލި މަނިކަކީ އެތައް ބަޔަކަށް މާލޭގެ ބޮޑެތި ގޯތިތައް އެގޯތި ތަކުގެ ވެރިފަރާތްތަކަށް ނާންގައި މަކަރާ ހީލަތުން ވިއްކާލައިގެން ފައިސާ ހޯދި މީހެއް ނޫންހެއްޔެވެ؟ ކަލޭގެ ބައްޕަ އަކީ ހަކުރާ ފެއަރގެ ވައްކަމުގައި ވެސް ބައިވެރިވި މަޝްހޫރު މީހެއްކަން އަހަރެންނަށް ސާފުވީ ކަލޭގެ ޗާލާކީ ދިރިއުޅުމުގެ މަޅީގައި ޖެހުނު ފަހުންނެވެ.

ކަލޭގެ މަންމަ އަހަރެންނަށް ކިޔައިދިން ގޮތުން ކަލޭގެ ބައްޕަ ވަނީ ކާފަ ހިންގި ހޮޓަލުގެ ވަތްގަނޑުން ވެސް ވައްކަން ކޮށްފައެވެ. ދެން ކަލޭ ސަހަލު ވާނެ ގޮތެއް މަށަށް ބުނެދީބަލާށެވެ. ކަލޭގެ މަންމަ، ބައްޕަ ކައިރިން ވަރިވީ ވެސް ވައްކަމާއި ޚިޔާނާތުގެ ކަންކަން ހައްދު ފަހަނާ ދިޔުމުންނެވެ. ކަލޭގެ މަންމަގެ ރަން ފައްޓަރު ބަޔާ އުޅާބައިވެސް މަންމަގެ އަލަމާރިން ވަގަށް ނަގައި ވިއްކާލީއެވެ. އެކަމު އެކަން ވެސް ކަލޭ ބައްޕަ މަތިކުރީ ގޭގައި ގެންގުޅުނު ކުއްޖަކަށެވެ. އެކުއްޖާ ފުޅުގެ މުސްތަގުބަލު ގެއްލުވާލިއެވެ. އެތަކެއް ދުވަހު ޖަލުގައި ހޭދަކުރިއެވެ.

ވަގަށް ނެގި ފައްޓަރުބައި ވިއްކާލައިގެން ކަލޭ ބައްޕައަށް ލިބުނު ފައިސާއިން ކުރި އެންމެ މޮޅު ކަމަކީ އެހެން މީހަކާ ކައިވެނި ކުރުމެވެ. އަދި ކައިވެނިކުރި މީހާއަށް ވާރުތަމުދަލުން ލިބިފައިއޮތް މަސްއޮޑި ވެސް ވިއްކާލީ އޭނާ އަށް ކިހާ ދޮގެއް ހަދާފައި ހެއްޔެވެ؟ އަދި އެ ފައިސާ ވެސް ގޮހޮރަށް ދިރުވާލީ ނޫންހެއްޔެވެ؟ ނޫނޭވާ ކަލެއަކީ މިރާއްޖެ ދުށް ކަލޭ ކަހަލަ ވަގުން ފަޚުރުވެރިވާނޭ ފަދަ މީހެކެވެ. އެމީހުންގެ ޖަމުއިއްޔާއެއް ހަދައިފިނަމަ ކަލެއަށް އެޖަމުއިއްޔާގެ ރައީސްކަން ދޭނެއެވެ. އަދި މަތިމައްޗަށް ރަންގިލަފަތިތަކާއި މެޑެލިތައް ދޭނެއެވެ. ހަނދާނީ ފިލާތަކުން ކަލޭގެ ބޮޑުދައިތަގެ ނަމުގައި ގަތް ގޭގެ ސިޓިން ރޫމްގެ ފާރުތައް ފުރާލާނެއެވެ.

ކަލޭމެންގެ އާއިލާގެ މީހުން ޢީދަށް އަހަރެމެން ރަށަށް ދިޔަ ފަހަރެއްގައި ކަލޭ ބައްޕަ ކުރި އެންމެ މޮޅުކަންތައް ކަލެއަށް އެނގޭހެއްޔެވެ؟ އަޑުހާށެވެ. އަހަރެންގެ ބައްޕަ ގެ ވަދުދޯނިގައި މަހަށް ގޮސްގެން އުޅެނިކޮށް ހޮވި މާވަހަރު ވިއްކާލައިގެން ލިބުނު ފައިސާ އެދޯނިން މަހަށް ދިޔަ މީހާއަށް ނުދީ ކާލުމެވެ.

އަހަރެންގެ ބައްޕައާއި އެކު ކަލޭ ބައްޕަ ހައްޖަށް ދިޔަފަހަރު މައްކާގެ ރަންފިހާރައަކުން ވައްކަން ކުރަނިކޮށް ސަލާމަތް ކޮށްދިނީ ވެސް އަހަރެންގެ ބައްޕައެވެ. އެފަހަރު އެކަން ފަޅާ އެރިނަމަ ކަލޭގެ ބައްޕަގެ އެއްއަތް މިހާރު ފެންނާކަށް ނޯންނާނެއެވެ. އަޅުކަން ކުރަން ދިޔަ އެންމެ މާތް ބިމުން ވެސް ކަލޭ ބައްޕަ ބެލީ ވައްކަމެއް ކޮއްލެވޭތޯއެވެ.

އެންމެ ފަހުން ކަލޭ ކުރި އެންމެ މޮޅު ކަމަކީ ބޮޑުދައިތަގެ ނަމުގައި ގަތް ގޯއްޗަށް ހެދިގޮތެވެ. ކަލޭ ޚަރަދުކޮށްގެން އެގޯތީގައި ހެދި އިމާރާތަށް ބޮޑުދައިތަ، ކަލޭ އަތުން ލޯނު ނަގައި އެފައިސާ ނުދައްކާ އޮތްކަމަށް ހަދައި، ބަދަލު ނަގައި ދިނުމުގެ ދައުވާއެވެ. އެންމެ ފަހުން ބަދަލުގެ ގޮތުގައި ކަލޭގެ ނަމަށް ގޯތީގެ ރަޖިސްޓްރީ ބަދަލުކުރީ ނޫން ހެއްޔެވެ؟

ހިންޏަށް ހަކުރު ދަޅު އޮޅުވާލަން ހަކުރު ދަޅުގެ ބޭރުގައި ލޮނުކަމަށް ޖެހި މީހާ އާއި ކަލެ އާއި ތަފާތެއް ނެތެވެ. އަމިއްލަނަފުސަށް ތިޔަ ވަރަށް އޮޅުވާލާ މީހަކު އަހަރެން މިދުނިޔޭން އަދި ނުދެކެމެވެ.

ކަލޭގެ ފަތިފުށުގައި މިނޫން ކިތައް ކަންތައް ވޭހެއްޔެވެ؟ ވައްކަމުގެ ވާހަކައިގެ އިތުރުން އަހަރެން އެންމެ ދެރަވި އަދި ކަލޭކައިރިން ދުރުވާން ޖެހުނު އެއް ކަންތައް ބުނެދެން ހެއްޔެވެ؟ އަހަރެންގެ ފިރިއަކަށް ހުރެ އަހަރެންގެ އަންހެން ކޮއްކޮއާ ބެހުމެވެ. އެމަންޖެ އަދި ވެސް އެއުޅެނީ އެކަމުގެ ބިރުވެރި ކަމުން އަރައި ނުގަނެވިގެންނެވެ. ވައްކަމާއި އެއްވަރަށް އަންހެން ކުދިންނަށް ޖިންސީ ފުރައްސާރަ ވެސް ކުރަމުން ދިޔައީ ހައްދު ފަހަނަ އަޅާ ދާވަރަށް ނޫންހެއްޔެވެ؟ އެހެން ނޫންނަމަ ކަލޭ ގެ ޓްރެވަލް އެޖެންސީގައި ގެންގުޅު ކުދިން އެވާހަކަ ނުދައްކާނެއެވެ.

ކަލޭ ޑުބާއީއަށް ކުރި ޓްރެވަލް ފެއަރގެ ދަތުރުގައި ކަންތައް ވީގޮތް ކިޔާދެން ހެއްޔެވެ؟ އެޓްރެވަލް ފެއަރއަށް ގޮސް ހުރި އަބުރުވެރި ގަދަރުވެރި އަންހެނެއްގެ އިއްފަތް ނަގާލަން ކަލޭ ނޫޅެން ހެއްޔެވެ؟ އޭނާ މިދާކަށް ދުވަހު އަހަރެންނަށް އެވާހަކަތައް ކިޔައި ދިނެވެ. އަދި ކަލޭ އެތާ އުޅުނު ގޮތް ވެސް ކިޔާދިނެވެ. މިހާރު ތިޔަ ވަނީ މަސްތުވާ ދިޔާ އެއްޗިއްސަށް ވެސް ދެވި ހިފާފައި ނޫންހެއްޔެވެ؟ އަހަރެން ހީކުރީ އަހަރެންގެ ކޮއްކޮއާއި ކަލޭ ބެހުމުން ވީފަޟީޙަތުން ދެން އަހަރެން ދަންނަ ގާތް މީހުންނާ ކަލޭ ނުބެހޭނެ ކަމަށެވެ.

މިރާއްޖޭގެ ރައްޔިތުންގެ ސިކުޑިން ކަލޭގެ ނަން ފޮހެލެވޭނެ މޮޅު ގޮތެއް ބުނެދެން ހެއްޔެވެ. އެއީ މިފަހުން ގެޒެޓް ކުރި ދިވެހި ރައްޔިތުކަން ދޫކޮށްލުމުގެ ގަވާއިދުގެ ބޭނުން ހިފުމެވެ. އޭރުން ކަލޭގެ ނަމާއި ސިފަވެސް ބަދަލުކޮށްލެވުނީއެވެ. ދުވަހަކު ރާއްޖެ ނައިސް ވިލާތުގައި ދޮން މީހުން އުޅޭ ގޮތަށް ކަލެއަށް އުޅެވިދާނެއެވެ. މީހުން ގާތުގައި ކަލޭ އާންމުކޮށް ބުނާ ހަރުބަހެއް ވެސް މިވަގުތު ލިޔަލަން ބޭނުމެވެ. އެއީ ދުނިޔެ އުޅެވޭނީ މަކަރާ ޖަހައިގެންނެވެ.

ނިންމާލަމުން ބުނެލަމެވެ. ދުނިޔޭގައި ފައިސާއާއި ބާރަކީ ނުހަނު ކުޑަ ވަގުތު ކޮޅެއްގެ ކަމެކެވެ. މިހިނދުން މިހިނދަށް ވެސް އަދި މާދަމާ ވެސް ކަންކަން ބަދަލުވެދާނެއެވެ. ކަލޭގެ ތިނުބައި ނުލަފާ ގޮތެއް ނެތް ދިރިއުޅުމާ ވަކިވާށެވެ. އިސްލާހުވެ ތައުބާވާށެވެ. ކުޅިވަރާ މަޖަލާއި، ވައްކަމާއި ޚިޔާނަތާއި، ޖިންސީ ފުރައްސާރައިގެ އަގު ކަލެއަށް އެނގޭހެއްޔެވެ؟ އޭގެ އަގަކީ ނަރަކައިގެ ހޫނު އަލިފާނެވެ.

ކަލޭ މިދުނިޔެ ދޫކޮށް ދާއިރު ނިޝާނަކަށް ވާނީ ކަލޭގެ ދަރިފުޅެވެ. ކަލޭ ދުނިޔޭގައި ހުރިނަމަ އެދަރިފުޅު ބޮޑުވެގެން ބައްޕައެއްގެ ލޯތްބާ އެކު އެޅުވޭނީ ތިޔަ އުޅުމުން މީހާ ދުރުވެ ސުމަކުން ދިރިއުޅުން ފަށައިގެންނެވެ.

ކަލޭ ނުހައްގުން ހޯދި ފައިސާއިން ގަތް ގެއާއި އަދި އަގުބޮޑު މުދާތައް ދޫކޮށްގެންނެވެ. އެހިތްވަރު ކަލޭކަހަލަ ހިލަހިތެއްގެ ވެރިއަކަށް ލެވިދާނެބާވައެވެ! އަހަރެން ދުއާ ކޮށްދޭނަމެވެ. އެއީ އަހަރެންގެ ދަރިފުޅުގެ ބައްޕައަށް ވީތީއެވެ. އިންސާނިއްޔަތު ކަމުގެ ގޮތުންނެވެ.

ބޮޑު ވަގެއްގެގޮތުގައި ކަލޭގެ ކާފަ އަދި ބައްޕަ މަރުވެ ދިޔަހެން ކަލޭ މަރުވާކަށް އަހަރެން ބޭނުމެއް ނޫނެވެ.

30 އޭޕްރީލް 2021

ކަލޭގެ އަލަތު އަނބިމީހާ
މަރިޔަމް ޝާމިލާ އާދަމް

- ނިމުނީ -

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަސަނު

    ނޫނޭ އަރާމު ބަވާލުމެއް

    13
  2. ކެކެކެ

    ވ.ސަޅި...