އެންމެ ލޯބިވާ މާމަގެ ބުނި ބުނުމަކަށް ދިވެހިރާއްޖޭގެ އަޑަށް ވަންނަން އޭނާ ބޭނުންވިއެވެ. ރޭޑިއޯއިން މާމަ ދަރިފުޅުގެ އަޑު އަހާލަން ކެއްމަދުވެފައި ހުރީ ނ. ހޮޅުދޫ، ހައްވާ އާދަމް އެވެ. އެ ފުރުސަތު ހައްވައަށް ލިބުނެވެ. މާމަ ދަރިފުޅުގެ އަޑު ނީވޭނަމަ ދަރިފުޅަށް ގުޅާ ވީގޮތް އޮޅުން ފިލުވައެވެ. މިގޮތަށް އަހަރުތަކެއް ދެމިގެން ދިޔައެވެ. އެހެންކަމުން ދިވެހިރާއްޖޭގެ އަޑުގައި މަސައްކަތް ކުރަމުންދާ ނ. ހޮޅުދޫ އަށް އުފަން ފާތިމަތު ހުދާގެ ވަޒީފާއާ މާމައާ އޮތީ ގުޅިލާމެހިފައެވެ.
ރޭޑިއޯގައި ޕްރެޒެންޓަރެއް އަދި ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ހުދާ އެތަނުގައި މަސައްކަތް ކުރަމުންދާތާ 13 ވަރަކަށް އަހަރުވަނީ އެވެ. ވަރުބަލި ކަމެއް ނެތި ފޫހިކަމެއް ނެތި ކުރަމުންދާ މަސައްކަތުގައި ހިތްހަމަ ޖެހުމާއި އުފާވެރި އެތައް ދުވަސްތަކެއް އެތަނުގައި ހޭދަކޮށްފިއެވެ.
"އޭލެވެލް ނިންމިގޮތަށް ޖޮބްތަކަށް އެޕްލައި ކުރިއިރު، އެންމެ ފުރަތަމަ ދާން ބޭނުންވީ ފައިނޭންސް ކަންކަމަށް، އެއިރު އެޕްލައި ކުރީ ފިނޭންސް މިނިސްޓްރީއަށާއި، މީރާއަށާއި. އެކަމަކު އެއިރު އޭލެވެލް ނަތީޖާވެސް ނުވެސް ލިބޭ، ދެން އެ ދެތަނުން ނުވެސް ގުޅާ. ދެން އެޕްލައި ކުރީ އައިޖީއެމްއެޗްއަށާއި، އަޑަށް" ރޭޑިއޯގެ ވަޒީފާއަށް ކުރިމަތިލެވުނު ގޮތް ކިޔައިދެމުން ހުދާ ބުންޏެވެ.
ނަސީބު ދިމާކުރިގޮތުން، ހުދާއަށް ވަޒީފާ ލިބުނީ ދެ ތަނުން އެއްކޮށް ކަހަލަ ގޮތަކަށެވެ. އަޑަށް އެޕްލައި ކުރިއިރު، އެޕްލައި ކުރީ އޮންއެއާ އެނައުންސަރަކަށެވެ. ނަމަވެސް ފަހުން އެތަނުން އެދިގެން އޭނާ ބަދަލުވީ ޕްރޮޑިއުސަރަކަށެވެ. އޭގެ ކުރިން އޭނާއަށް އައިޖީއެމްއެޗްއިންވެސް އޮތީ ވަޒީފާ ލިބިފައެވެ. އެހެން ނަމަވެސް އޭނާ އަޑު ނެގީ ވަރަށް ގިނަ ކަންކަމަށް ބެލުމަށް ފަހު އެވެ. އޭނާ ފާހަގަކުރި ކަމަކީ އާއްމުކޮށް ކުރާ މަސައްކަތްތަކަށްވުރެ ތަފާތު މަސައްކަތެއް ކުރަން ޖެހުމެވެ. ދެވަނަ ކަމަކީ މާމައެވެ. މާމައަކީ ރޭޑިއޯ އަޑުއަހާ "ރޭޑިއޯ ދެކެ ހާއްސަ ލޯތްބެއް މާމަ ވުމަކީ" އަޑުގެ ވަޒީފާ އިހްތިޔާރުކުރަން ނިންމި ދެވަނަ ސަބަބެވެ.
"ހުދާ މާމަ ވަރަށް އަޑު އަހާނެ، މާމަ ބުނާނެ އަޑު ކަހަލަ ތަނަކަށް ވަނީމަ، ރަށުގައި އެހެން އުޅޭއިރު އަޑުވެސް އިވޭނެ ނޫންހެއްޔޭ" މާމަގެ އުފާވެރި އިހްސާސްތައް ހިއްސާކުރަމުން ހުދާ ކިޔައިދިނެވެ.
ހުދާގެ ސްކޫލް ދައުރުގެ ހަނދާންތައް!
ހުދާ ގްރޭޑް 9 އާއި ހަމައަށް ކިޔެވީ ރަށުންނެވެ. އޭގެ ފަހުން އޭނާ ވަނީ މާލެ އައިސް އަހުމަދިއްޔާ ސްކޫލުން ކިޔަވަން ފަށާފައެވެ. އަހުމަދިއްޔާއިން ގްރޭޑް 10 ނިންމާފައި، އޭނާ ވަނީ ސީއެޗްއެސްސީއަށެވެ.
ސްކޫލް ދައުރުގެ ހަނދާންތައް ހިއްސާ ކުރަމުން ހުދާ ބުނީ، އޭނާއަކީ ސްކޫލް ދައުރުގައި އިތުރު ހަރަކާތްތަކުގައި ވަރަށް ބޮޑަށް އުޅޭ މީހެއް ކަމަށެވެ. އޭގެ ތެރެއިން އޭނާ އެންމެ ބޮޑަށް ހަނދާން ހުންނަނީ ލިޓިލްމެއިޑްސްގައި އާއި ގާލްގައިޑްގައި އުޅުނުއިރު، އައުޓިންތަކަށް ދާ ހަނދާނެވެ.
އަދި ރަށު ސްކޫލަށް 50 އަހަރުން ފުރުން ފާހަގަކުރުމަށް ބޭއްވި ނެށުމުގެ ހަރަކާތްތަކުގައި ހުދާމެންގެ ޓީމާއެކު އުޅުނު ކުއްޖެއްގެ ކުއްލި މަރުގެ ހަނދާން އަދިވެސް ހުންނަ ކަމަށް ހުދާ ބުންޏެވެ. އެ ކުއްޖާއަކީ ވަރަށް ގާތްކޮށް އުޅުނު ކުއްޖެއްކަން ފާހަގަކުރަމުން ހުދާ ބުނީ، އެ ހަރަކާތުގައި ޖެހި ސަކަރާތާއި، އުޅުނު ގާތްކަން ވަރަށް ބޮޑަށް ހަނދާން ހުންނަ ކަމަށެވެ.
"ހުދާ މެންނާއެއްކޮށް ވަރަށް ގާތްކޮށް އުޅުނު ކުއްޖަކު، ހުދާ ހަނދާންވަނީ އެކަންތަކަށްފަހު މާ ގިނަ ދުވަހެއް ނުވެ، އެ ކުއްޖާ ބަލިވީ، ދެން ކެންސަރު ޖެހިގެން އެ އެ ކުއްޖާ ނިޔާވީ. އެއީ އަދިވެސް ހުންނަ ވަރަށް ހިތާމަވެރި ހަނދާނެއް." ގްރޭޑް ފަހެއްގައި އުޅުނުއިރު ދިމާވި އެ ހާދިސާ ހިއްސާ ކުރަމުން ހުދާ ބުންޏެވެ.
ދިވެހިރާއްޖޭގެ އަޑުގެ ދިރިއުޅުން ކުރުކޮށް!
ހުދާ ދިވެހިރާއްޖޭގައި އަޑުގައި މަސައްކަތް ކުރާތާ 13 އަހަރު ވާން ކައިރިވެފައިވާއިރު، އެތަނުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައި ހުންނާނެކަން ޔަގީނެވެ.
ހުދާ ވަނީ ކޮންމެވެސް ވަރަކަށް އޭނާގެ ވަޒީފާގެ މަސައްކަތްތައް ރޭވިފައި އޮންނަގޮތް ކިޔައިދީފައެވެ. އެގޮތުން އޭނާ ހިއްސާ ކުރީ ކޮވިޑްގެ ކުރިން ވަޒީފާގެ ކަންކަން ދާ ގޮތެވެ. އޮފީހުގެ ރަސްމީ ޑިއުޓީ 8:00 ޖަހާއިރު ފެށެއެވެ. އަށް ގަޑިއިރުގެ ޑިއުޓީ އޮންނަ އޮފީހުގައި އިތުރު މަސައްކަތްތައް ހުންނަމަ، މަސައްކަތްތައް ދިގުދެމިގެން ދެއެވެ. ބައެއް ފަހަރު އެގޮތަށް 12 ގަޑިއިރު 13 ގަޑިއިރަށް ދާއިރު، ޕްރޮގްރާމްތައް ހުށަހެޅުމާއި، ޕްރޮޑިއުސް ކުރުމާއި، އަދި އެނޫންވެސް މަސައްކަތްތައް ކުރަން ޖެހެއެވެ.
އާއްމުގޮތެއްގައި ވަޒީފާގެ ދުވަސްތައް "ލުއިކޮށް" ދިޔަ ނަމަވެސް ރޯދަ މަހަކީ ވަރަށް ބުރަކޮށް ދާ މަހެއްގެ ގޮތުގައި އޭނާ ފާހަގަކުރިއެވެ.
ހުދާ އަޑުގައި ކުރި އޭނާގެ އަމިއްލަ ފުރަތަމަ މަސައްކަތަކީ 2008 ވަނަ އަހަރު އޭނާ ހެދި ކުޑަކުދިންނަށް ހާއްސަ ލައިވް ޕްރޮގްރާމެކެވެ. އެ އަހަރަކީ އޭނާ އަޑަށް ވަން އަހަރުވެސް މެއެވެ. އެ ޕްރޮގްރާމަށް ކިޔަނީ ވިސްނާފައި ޖަވާބުދީ އެވެ. އޭގެ ފަހުން އޭނާ ވަނީ ފާހަގަކުރާ ދުވަސްތަކާއި ރޯދަ މަސް ފަދަ މަސްމަހުގައިވެސް ހާއްސަ ޕްރޮގްރާމްތައް އުފައްދާ އަދި ގެނެސްދީފައެވެ. އެގޮތުން އޭނާއަށް 100 އަށްވުރެ ގިނަ ސިލްސިލާ ހެދިފައި ހުންނާނެ ކަމަށް ހުދާ ބުންޏެވެ.
ހުދާ "ވަގުތު"އާ ހިއްސާ ކުރި ފޮޓޯތަކަށް ބަލާއިރު، އޭނާ ވަނީ ރާއްޖޭގެ ރައީސުންނާއި އަދި ކުރީގެ މިނިސްޓަރުންނާއި އިންޓަވިއު ނަގާފައެވެ. އެކި އިވެންޓްތަކުގައި ނަގާފައިވާ ފޮޓޯތަކަށް ބަލާއިރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި އަދިވެސް ސިޔާސީ ބައެއް ބޭފުޅުންނާއި އޭނާ އިންޓަވިއުކޮށްފައި އެބަހުއްޓެވެ.
ހުދާ ބުނީ، އޭނާ މިހާރު އާއްމުކޮށް ހުށަހަޅަނީ އެންޓަޓެއިންމެންޓް ދާއިރާގެ ޝޯވތަކެވެ. އޭނާ އެ ދާއިރާއިން ކުރެވުނު އެންމެ ފާހަގަކޮށްލެވޭ މަސައްކަތަކަކީ އޭނާ ހެދި ކުޑަކުދިންނަށް ހާއްސަ ވާހަކަ ކިޔުމުގެ މުބާރާތެވެ. އޭގެ އަށް މުބާރާތް ކުރިއަށް ގެންގޮސްފައި ވެއެވެ. އަދި މިހާރު އޭނާ ދަނީ ދުނިޔޭގެ މުނިފޫހިފިލުވުމުގެ ދާއިރާއަށް ހާއްސަކޮށްގެން ޕްރޮގްރާމެއް ގެނެސްދެމުންނެވެ. މީގެ އިތުރުން އޭނާ ދަނީ އިޖްތިމާއީ ބައެއް މައްސަލަތަކާއި ގުޅުން ހުރި ޕްރޮގްރާމްތައްވެސް ހުށަހަޅަމުންނެވެ.
ހުދާ ބުނީ، އޭނާ ދާއިރާގައި ކުރެވުނު އެންމެ ފާހަގަކޮށްލެވޭ މަސައްކަތަކީ އަޑުގެ 54 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ހެދި ހިދުމަތުގެ ރަން ހަނދާން ޕްރޮގްރާމެވެ. އެއީ ހޮޅުދޫ އަބްދުﷲއަށް ހާއްސަކޮށް ހެދި ޕްރޮގްރާމެކެވެ.
މާމަ އާއި ދިވެހިރާއްޖޭގެ އަޑާއި ހާއްސަ ގުޅުމެއް!
ހުދާގެ މާމައަކީ ދިވެހިރާއްޖޭގެ އަޑާއި ވަރަށް ހާއްސަ ގުޅުމެއް ވާ ފަރާތެކެވެ. މާމައަކީ ވަރަށް ބޮޑަށް ރޭޑިއޯއަށް ފަރިތަ މީހެކެވެ. ވަރަށް ގިނައިން ރޭޑިއޯ އަޑު އަހާނެ އެވެ. އަދި ހުދާގެ އަޑު ނީވޭނަމަ ހުދާގެ މާމަ ގުޅާފައިވެސް އޭނާ ކައިރިން އަހައެވެ.
ހުދާ މާމަ 2019 އަހަރު ވަނީ ނިޔާވެފައެވެ. ނިޔާވި ދުވަސްވަރަކީ އޭއެމް ޗެނަލް ކެނޑިފައި އޮތް ދުވަސް ވަރެކެވެ.
"މާމަ ނިޔާވިއިރު، ރޭޑިއޯގެ އޭއެމް ޗެނަލް ހުރީ މެދުކެނޑިފައި، ވަރަށް ގިނައިން ރޭޑިއޯ އަޑުއަހާނެ، ދެން އަޑު ނީވެންޏާވެސް ބުނާނެ އަޑު ނީވެއޭ، ޗުއްޓީގަހޭވެސް. އެއިރުގައި އެ މެދުކެނޑުނުއިރުވެސް ހަފްތާއަކު އެއްފަހަރު ނޫނީ ދުވާލަކު އެއްފަހަރު ގޮތަކަށް ގުޅާލާނެ ކޮން އިރަކުތޯ އަޑު ލިބެނީ، ހަމައެކަނި އެ އަހާނެ ސުވާލަކީވެސް، ކޮބާ ދަރިފުޅާ ކޮން އިރަކު އަޑުލިބެނީ، އާ އެހެންވީމަ ދެން ބާއްވާލަނީ އިނގޭ. ނަސީބު ދެރަކަމުން އަޑު ލިބުނުއިރު މާމައެއް ނެތް" މާމަ ވަކިވެދިއުމުގެ ހިތާމަ އާކުރަމުން ހުދާ ބުންޏެވެ.
ނުކުންނަން ބޭނުންވަނީ ފައިނޭންސް ދާއިރާއަށް!
އޭނާ އެންމެ ބޮޑަށް ބޭނުންވަނީ ފައިނޭންސް ދާއިރާއިން ކުރިއަށްދާށެވެ. އެގޮތުން މިހާރުވެސް އެ ދާއިރާއިން އޭނާ ދަނީ އިސްލާމިކް ޔުނިވާސިޓީން އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް ދާއިރާއިން ޑިގްރީ އަށް ކިޔަވަމުންނެވެ.
އަޑުން ހުދާގެ އަޑު ކެނޑިއްޖެނަމަ މާލީ ދާއިރާގެ ވަޒީފާއަކުން އޭނާގެ "އަޑު" އިވެމުން ދާނެ ކަމަށް އުއްމީދު ކުރެވެއެވެ.
ހުދާގެ ހާާއްސަ ޝުކުރުގެ ލިސްޓް!
"ހާއްސަ ޝުކުރު އާއިލާ ހާއްސަކޮށް މަންމަ އެންޑް ދައްތަ. ދެން އޮފީހުގައި އެކީގައި މަސައްކަތްކުރި އެންމެން. ހާއްސަކޮށް އެންމެ ފުރަތަމަ ބޮސް ހަފްޒާއްތަ. މިއަދު މިހިސާބަށް އައުމުގައި ކުރެވުނު ބޮޑެތި މަސައްކަތްތައް ބޮޑު ރޯލެއް ކުޅޭނެ. އިތުބާރުކޮށްފައި އެކަންކަން ހަވާލު ކުރީތީ މިހާރުގެ ބޮސް ނަސްރުއަށް. ދެން ރިޒްމީ އަދި އާތިފާއަށް. ފެށިގެން އައި ދުވަސްވަރު ވަރަށް ގިނަ ކަން ކަން ބުނެދިން. ޖުމްލަކޮށް ހުރިހާ އެންމެން. ދެން ހުދާގެ މަސައްކަތް ބަލައިގަތް ލޮބުވެތި އެހުންތެރިން"
ވަރަށް ޒުވާން އުމުރުގައި ފެށި މަސައްކަތުން ހުދާ ވަނީ ރޭޑިއޯގެ އެހުންތެރިންގެ ލޯތްބާއި އިހްތިރާމް ހޯދާފައެވެ. އޭނާގެ ކާމިޔާބީގެ އަސްލަކީ ކެރިގެން ކުރި ބުރަ މަސައްކަތެވެ.
ހުދާ އާއ އި ދެ އަންބަށް އިންނަށް ބޭނުން.
ކޮބާ މީހަކާ އިންނަނީ ކޮންއިރަކުތަ އޭރުންދޯ ހުރިހާކަމެއް ފުރިހަމަވާނީ
hOdi kaamiyaabeh marhabaަ