އިންޑިޔާގައި ކޮވިޑް-19ގެ ހާލަތު ބޮޑުވެ، މި ވައިރަހުގައި އެތައް ބަޔަކު މަރުވަމުންދާއިރު، ދިރި ތިބި އެތައް ބަޔަކު މަރުވެފައިވާ ކަމުގެ ޚަބަރުތައް ވެސް ދަނީ ފެތުރެމުންނެވެ.

މިގޮތުން ފިލުމީ އެތައް ފަންނާނުންނެއް ދިރިތިއްބާ މަރުވެފައިވާ ކަމުގެ އަޑުތައް ވަނީ މީގެ ކުރިން ވެސް އަރައިފައެވެ. އެގޮތުން އެ ލިސްޓަށް އެންމެ ފަހުން އެއްކުރެވުނު ނަމަކީ ހިންދީ ފިލުމުތަކުގައި ވިލަންގެ ރޯލާއި ކޮމެޑީ ރޯލުތަކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އެކްޓަރ ޕަރޭޝް ރާވަލްއެވެ.

ކޮވިޑް ޖެހިގެން ޕަރޭޝް މަރުވެއްޖެ ކަމުގެ ޚަބަރުތައް މިދިޔަ ހުކުރު ދުވަހު މީސް މީޑިޔާގައި ހަލުވިކަމާއި އެކު ދައުރުވެފައިވެއެވެ. މިފަދަ އަޑުތައް އަރާފައިވާ އެެހެން ފަންނާނުންނެކޭ އެއްފަދައިން ދުނިޔޭގައި ހެޔޮ ހާލުގައި ހުރިކަން އެންގުމަށް ޕަރޭޝް ރާވަލް ވެސް ވަނީ މީސް މީޑިޔާގައި ރައްދުދީފައެވެ.

ޓުވިޓާގައި ކޮށްފައިވާ ޕޯސްޓެއްގައި ޕަރޭޝް ބުނެފައިވަނީ އޮޅުން އަރާފައިވާ ކަމަށްޓަކައި މަޢާފަށް އެދޭ ކަމަށާއި އޭނާ އެރޭ ނިދާފައިވަނީ އިރުއޮއްސި ހަތެއް ޖަހާކަށް ހާއިރު ކަމަށެވެ.

ޕަރޭޝް މަރުވެފައިވާ ކަމުގެ ޚަބަރު ދޮގުކުރުމަށް އޭނާ ކުރި ޕޯސްޓުން އޭނާގެ މަޖާ މިޒާޖު ދައްކުވައިދެއެވެ.

މީގެއިތުރުން އެކްޓަރ މުކޭޝް ކަންނާއާއި ބަތަލާ ތަބައްސުމްއާއި ލަވަކިޔުންތެރިޔާ ލަކީ އަލީ ވެސް މަރުވެފައިވާ ކަމުގެ އަޑުތައް ފެތުރުނެވެ. އަދި މި ފަންނާނުން ވަނީ މީސް މީޑިޔާ މެދުވެރިކޮށް އެ ޚަބަރުތައް ދޮގުކޮށް ހެޔޮ ހާލުގައި ސަލާމަތުން ހުރިކަމަށް ބުނެފައެވެ.

މިފަދަ ހިތްދަތި ވަގުތެއްގައި މިފަދަ ދޮގު ޚަބަރުތައް ނުފެތުރުމަށް ވެސް ގިނަ ބަޔަކު ދަނީ އެދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު