އިންޑިޔާގައި ކޮވިޑް-19ގެ ދެވަނަ ރާޅާއި އެކު އެ ގައުމަށް ކުރިމަތިވެފައިވާ ސިއްހީ ބޭސްފަރުވާގެ ކަންކަމުގައި އެތައް ބޮލީވުޑު ފަންނާނުންނެއް އެހީތެރިވަމުންދާއިރު އޭގެތެރެއިން ފާހަގަ ކޮށްލެވޭ އެކަކީ ބަތަލާ ޖެކުއެލިން ފެނާންޑަޒްއެވެ.

ކޮވިޑް ޖެހިފައިވާ ފަރާތްތަކަށް ހޮސްޕިޓަލު އެނދު ހޯދައި ދިނުމާއި އޮކްސިޖަން ހޯދައިދިނުމުގައި މީސް މީޑިޔާގައި ހަރަކާތްތެރިވުމަށް ފަހު ޖެކުއެލިން ވަނީ އަމަލީ ގޮތުން ވެސް ނިކަމެތިންނަށް މި އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެންޖީއޯއެއްގެ ފަރާތުން ނިކަމެތިންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގައި ކުރިއަށްދާ އިވެންޓެއްގައި ވެސް ބައިވެރިވެ ޖެކުއެލިން ވަނީ ނަމޫނާ ދައްކާދީފައެވެ.

މިވަރުން ޖެކުއެލިންގެ އެހީ ނިންމާލަން އޭނާ ބޭނުމެއް ނުވިއެވެ. މިހާރު އޭނާ ތައްޔާރު ވަމުންދަނީ ހޮސްޕިޓަލުގެ 100 އެނދާއި 500 އޮކްސިޖަން ސިލިންޑަރއާއި އެކު ކޮވިޑް ކެއަރ ސެންޓަރއެއް ހުޅުވުމަށެވެ. މީގެއިތުރުން ދެ އެންބިއުލެންސެއް ހަމަޖައްސައި ހިލޭ އެންބިއުލެންސްގެ އެހީ ނިކަމެތީންނަށް ފޯރުކޮށްދޭން ވެސް ފަށައިފިއެވެ.

''އަހަރެމެން ހިލޭ އެންބިއުލޭންސްގެ ޚިދުމަތް ދޭން ފަށަނީ. އެއީ މިހާރު އެންބިއުލެންސްގެ އަގުބޮޑު ކަމުން. ނިކަމެތީންނަށް އަތްނުފޯރާ ހިސާބުގައި އެންބިއުލޭންސްގެ އަގު ހުންނަނީ. އެކަމުގެ ސަބަބުން އަވަހަށް ހޮސްޕިޓަލަށް ދިޔުމަށް އުދަނގޫވޭ. އެއީ އަހަރެންނަށް ވަރަށް އުދަނގޫ ކުރުވާ ކަމެއް. އެހެންވެގެން އަހަރެމެން 2 އެންބިއުލެންސެއްގެ ޚިދުމަތް ދޭން ފަށަނީ. މި އެންބިއުލޭންސްގައި ހުރިހާ ވަސީލަތެއް ވެސް ހުންނާނެ'' ޖެކުއެލިން ބުނެފައިވެއެވެ.

އޮކްސިޖަން ފޯރުކޮށްދިނުމުގައި އަކްޝޭ ކުމާރާއި އޭނާގެ އަންހެނުން ވެސް ފާހަގަ ކޮށްލެވެ. މި ދެފަންނާނުން ވަނީ 100 އޮކްސިޖަން ސިލިންޑަރ ހަދިޔާ ކޮށްފައެވެ. ހަމައެގޮތަށް އަމީތާބު ވެސް ވަނީ 50 އޮކްސިޖަން ސިލިންޑަރާއި 20 ވެންޓިލޭޓަރ ހަދިޔާ ކޮށްފައެވެ.