ލޮސް އެންޖަލެސްގައި ގެދޮރު ނެތް ނިކަމެތިންނަށް އެހީތެރިވުމުގެ ގޮތުން އެމީހުންނަށް ހިލޭ ކައިބޮއެ ހެދޭނެ ފަދަ ރެސްޓޯރެންޓެއް ހުޅުވުމަށް އެމެރިކާގެ އެކްޓަރ ޖޭޑެން ސްމިތު ނިންމައިފިއެވެ.

މި ރެސްޓޯރެންޓް ހުޅުވުމަށް ނިންމާފައިވަނީ ދެ އަހަރު ކުރިން އޭނާގެ 21 ވަނަ އުފަންދުވަހު ތަޢާރަފް ކުރި ''އައި ލަވް ޔޫ ފުޑް'' ގެ ނަމުގައެވެ.

ލޭޑެންގެ މި ''އައި ލަވް ޔޫ ފުޑް'' ގެ މައިގަނޑު މަގުސަދަކީ ލޮސް އެންޖަލެސްގައި ތިބި ގެދޮރު ނެތް އަދި އެހީ ބޭނުންވާ ނިކަމެތިންނަށް ސިއްހީ ގޮތުން ފައިދާ ހުރި ކާނާ ހިލޭ ކެވޭނެ ފަދަ އިންތިޒާމެއް ގާއިމު ކޮށްދިނުމެވެ.

މި ނަމުގެ ދަށުން ''އައި ލަވް ޔޫ ރެސްޓޯރެންޓް'' ގެ ނަމުގައި ރެސްޓޯރެންޓެއް ހުޅުވުމަށް ނިންމާފައިވާ ކަމަށް ޖޭޑެން ސްމިތު ބުނެފައިވެއެވެ. މި ރެސްޓޯރެންޓާއި ބެހޭގޮތުުން ވާހަކަ ދައްކަމުން ޖޭޑެން ބުނެފައިވަނީ އެ ރެސްޓޯރެންޓަށްދާ ނިކަމެތިން ފިޔަވައި އެހެން މީހުން އެމީހުންގެ ކެއުމަށް އިތުރަށް ވެސް ފައިސާ ދައްކަން ޖެހޭނެ ކަމަށެވެ.

''ތިބާއަކީ ގެދޮރު ނެތް ނިކަމެތި މީހެއް ނޫން ނަމަ، ތިބާގެ ކެއުމަށް އެރި ފައިސާގެ އިތުރަށް ފައިސާ ދައްކަން ޖެހޭނެ. އެއީ ތިބާއާއި ޖެހިގެން އިން މޭޒުގައި ކާން އިންނަ ނިކަމެތި މީހާއަށާއި އެކުގަ'' ޖޭޑެން ސްމިތު ބުނެފައިވެއެވެ.

ޖޭޑެންގެ ''އައި ލަވް ޔޫ'' މި ބުރޭންޑެ ނަމުގެ ދަށުން ކޮރޯނާ ވައިރަސްގެ ސަބަބުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ކަމަށެވެ. ޖޭޑެން ފޮނުވި އެހީގެ ޕެކްތަކުގައި ކާނާގެ އިތުރުން މާސްކާއި ސެނެޓައިޒާރއާއި އަދި އަންނައުނު ވެސް ހިމެނެއެވެ.