ފިލުމު ''ވިވާހް'' ގެ ބަތަލާ އަމްރިތާ ރާއޯއާއި އޭނާގެ ފިރިމީހާ އާރްޖޭ އަންމޯލްގެ ކައިވެންޏަށް ފަސް އަހަރު ފުރުނީއެވެ. އެކަމުގެ މުނާސަބަތުގައި ކުލަގަދަކޮށް ދުވަސް ފާހަގަ ކުރުމުގެ ބަދަލުގައި ދެމަފިރިން ނިންމީ ކޮވިޑް-19ގެ ސަބަބުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އޮކްސިޖަން ހަދިޔާ ކުރުމަށެވެ.

އަމްރިތާއާއި އަންމޯލްގެ އިންސްޓަގުރާމު އެކައުންޓުގައި އެދެމަފިރިންގެ ކުރީގެ ފޮޓޯއެއް ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެ ދުވަހުގެ ހެޔޮ އެދުންތައް ފޮނުވުމުގެ ބަދަލުގައި މުޖުތަމައަށް ފައިދާ ހުރި ކޮންމެވެސް ހިދުމަތެއް ކޮށްދިނުމަށެވެ.

''މިއަދު ކައިވެންޏަށް އަހަރު ފުރުމުގެ މުނާސަބަތުގައި ބޭނުން ޖެހިފައިވާ ފަރާތްތަކަށް އޮކްސިޖަން ސިލިންޑަރ ހަދިޔާ ކުރަނީ. ހުރިހާ އެންމެންގެ ފަރާތުން ވެސް އެދެނީ ދުވަހުގެ ހެޔޮ އެދުންތައް ފޮނުވުމުގެ ބަދަލުގައި މުޖުތަމައަށާއި ގައުމަށް ފައިދާ ހުރި ހިދުމަތެއް ކޮށްދިނުމަށް. މިދިޔަ މަހުން ފެށިގެން އޮކްސިޖަން އާމީ 1 ގެ ނަމުގައި އޮކްސިޖަން ބޭނުންވާ ފަރާތްތަކަށް އޮކްސިޖަން ފޯރުކޮށްދިނުމަށް އެތައް ފަރާތެއްގެ އެހީތެރިކަން ލިބިފައިވޭ. އަދި ވެސް އެ އެޙިތެރިކަން ލިބޭނެ ކަމަށް އުއްމީދު ކުރަން'' އަމްރިތާގެ ޕޯސްޓުގައި އޭނާ ލިޔެފައިވެއެވެ.

ހަމަ މި ޕޯސްޓު އިންސްޓަގުރާމުގައި ހިއްސާކޮށް އަމްރިތާގެ ފިރިމީހާ އަންމޯލް ބުނެފައިވަނީ ދުނިޔެ މިއަށްވުރެ ރަނގަޅު ހާލަތެއްގައި ފެނުމަށް އެދޭ ކަމަށެވެ.

މިދިޔަ އަހަރު ނޮވެމްބަރު މަހު މަންމައާއި ބައްޕައަށް ވި އަމްރިތާއާއި އަންމޯލްގެ އިތުރުން ވެސް އެހެނިހެން ފަންނާނުން ވެސް ދަނީ ކޮވިޑް 19 އިގެ މި ހާލަތުގައި އެހީތެރިވަމުންނެވެ. އޭގެތެރޭގައި ސޯނޫ ސޫދު، ސަލްމާން ޚާން، އަމީތާބު ބައްޗަން، ޖެކުއެލިން ފެނާންޑަޒް ފަދަ އެތައް ފަންނާނުންނެއް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު