(ތޭވީސްވަނަ ބައި)

ދޮރު ލެއްޕުނު އަޑަށް ނަތާޝާ ސިއްސައިގެން ދިޔައެވެ. އޭރު އަލީފް އޮފީހުން ނުކެމެގެން ހިނގައްޖެއެވެ. ނަތާޝާ އަލީފްގެ ކޮޓަރީގެ އެކި ދިމަދިމާއަށް ވަރަށް ފުރިހަމައަށް ނަޒަރު ހިންގައިލިއެވެ. މޭޒުމަތީގައި ހުރި ލިޔެކިޔުންތައް ފިޔަވައި މުޅި ކޮޓަރި ހުރީ ނިކަން ސާފުކޮށް ހުސްކޮށެވެ. ހުރިހާ އެއްޗެއްވެސް ހުރީ ނިކަން ތަރުތީބުކޮށެވެ.

ނަތާޝާ މަޑުމަޑުން ގޮސް އަލީފްގެ ގޮނޑީގައި އިށީދެލައި ފުން ނޭވާއެއް ލިއެވެ. ކުއްލިއަކަށް އޭނާގެ ލޮލުގައި އަޅައިގަތީ، އަލީފް އަވަސް އަވަހަށް ލެއްޕި ވަތްގަނޑެވެ. ނަތާޝާއަށް މިކުރެވެނީ ކީއްކަމެއް ނޭނގި އެ ވަތްގަނޑު ހުޅުވާލިއެވެ. އެޔާއެކު އޭނާގެ އަނގަ ތަން މިނަށް ހުޅުވުނެވެ. އިޚްތިޔާރުން ބޭރުގައި ނަތާޝާ ވަތްގަނޑުގައި އޮތް ދަތިގަނޑު ނެގިއެވެ. އޭނާ އެޔަށް ވަރަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ.

"ބުނަން! ފުރަތަމަ އަހަރެމެން ހޯދަންވީ އަހްލާމް ދަންނަ މީސް މީހުން." ޒާހީ ތަހުޤީޤްކުރުމަށްޓަކައި ބޭނުންކުރާ ބިއްލޫރި ބޯޑުގެ މަތީގައި އަހްލާމްގެ ފޮޓޯ ހިއްޕިއެވެ. "އަހްލާމް މާލެ އައިސް ދެތިން މަސް ތެރޭގައި އަޅުގަނޑަށް ހިޔެއްނުވޭ އެހާ ގިނަ ބޭފުޅުންނާ ދިމާވާނެހެން."

"ލައްބަ!" ނަފާޒާ އިން ތަނުން ތެދުވިއެވެ. "ފުރަތަމަ އަޅުގަނޑުގެ ފޮޓޯ ތަތްކުރޭ!"

"އަޅުގަނޑުގެ އޮފީސް ހުރިހާ ކުދިންގެ ފޮޓޯ ތަތްކުރާތި!" އަލީފް ފުން ވިސްނުމެއްގައި އިނދެ ބުންޏެވެ. "އޭގެ އިތުރުން އަހްލާމް ހުންނަ ގޭގައި އުޅޭ މީސްމީހުންގެ ފޮޓޯ މުހިއްމު ވާނެ."

"ރަނގަޅު! މި ގޮތަށް ގޮސް ވަށްބުރު ހަމަވީމަ އެނގޭނެ އަހަރެމެނަށް އިނގިލި ދިއްކުރަންވީ ފަރާތްތައް." ޒާހީ އަހްލާމް ފޮޓޯގަނޑުން ތިރީގައި ނަފާޒާގެ ނަމާއި އަލީފްގެ ނަމާއި އަލީފް އޮފީހު ކުދިންގެ ނަންތައް ލިޔެލިއެވެ. "އިތުރު މުހިއްމު ނަމެއް ސިކުނޑިއަށް އާދޭތަ؟"

"ސަރ! މިހިރީ ޕޯރޓަބަލް ކަލަރ ޕްރިންޓަރ!" ޒާހީގެ ކެބިން ތެރެއަށް ފުލުހަކު ހުއްދަޔާއެކު ވަނެވެ.

"ތެންކި ޔޫ! ތިތަނުގައި ބައިންދަ!" ޒާހީ މޭޒު މައްޗަށް އިޝާރާތްކޮށްލިއެވެ.

"އައްސަލާމް ޢަލައިކުމް!" އަލީފަށް އައި މުހިއްމު ކޯލަކަށް އޭނާ އަވަސް އަވަހަށް ޖަވާބު ދިނެވެ. "އެންމެ ރަނގަޅު! ވަގުތުކޮޅެއް ދެއްވާ! އަޅުގަނޑު ހަމަ މިހާރު އޮފީހަށް މިދަނީ!"

"މިފްޒާލް!" ނަފާޒާ ވަރަށް ހަނދާންކޮށްފައި ނަމެއް ބުންޏެވެ.

"މިފްޒާލް!" އަލީފަށް އެނަން ތަކުރާރުކޮށްލެވުނެވެ.

"އާނ! އޭނަޔަށް ކިޔަނީ މިފްޒާލް ކަމަށް އަހްލާމްގެ ގާތުގައި ބުނި." ނަފާޒާ އިތުރަށް ތަފްސީލުކޮށްލިއެވެ. "އަހްލާމް ގެއްލުނު ދުވަހު ނެޝަނަލް ލައިބްރަރީގައި އިނދެ އޭނާ އަހަރެމެނާ ދިމާއަށް ވަރަށް ބެލި."

"އެހެންތަ!" ޒާހީ މިފްޒާލްގެ ނަން ބޯޑުގައި ލިޔުނީ އެހެން ކުލައެއްގެ މާކަރަކުންނެވެ. "މިއީ ތަހުޤީޤު ކުރަން މުހިއްމު މީހެއް. މިފްޒާލްގެ އިތުރު މައުލޫމާތެއް އެނގޭތަ؟"

"އަހްލާމް ބުނި، އޭނާ އަހްލާމްއާ ވާހަކަދައްކަން މަސައްކަތްކުރި ވާހަކަ." ނަފާޒާ ފަތްޗަކަށް އަމުނައިލިއެވެ. "އެކަމަކު އަހްލާމް އެއްވެސް ޖަވާބެއް ނުދޭތީވެ ކޮލެޖްގައި އަބަދުވެސް އަހްލާމާ ދިމާއަށް ބަލައި ވާހަކަވެސް ބުނި."

"އެއްވެސް ގޮތަކަށް ގައިގަ އަތްލައި ކަމެއް ކުރިތަ؟" ޒާހީ އިތުރު ސުވާލެއް ކުރިއެވެ.

"ނޫން. އެކަހަލަ ވާހަކައެއް ނުބުނެ. ހަމައެކަނި ބަލައި ވާހަކަ ބުނީ." ނަފާޒާ އިސް ޖަހައިލިއެވެ. "އަހްލާމް ބުނި، އެއީ ރަނގަޅު މީހެއްހެން އޭނާއަކަށް ހިޔެއް ނުވޭ."

"އެ ކީއްވެބާ؟" ޒާހީއަށް ބޭއިޚްތިޔާރުގައި އަހާލެވުނެވެ.

"އެއީ މިފްޒާލް މާ ގިނައިން އަހްލާމްއާ ދިމާއަށް ބަލައިތީވެ. އޭނާ އެކަމާ ހިތްހަމަނުޖެހޭތީވެ." ނަފާޒާގެ ލޯ ފެންކަޅިވިއެވެ. "އަހަރެމެން ދެ މީހުންގެ މެދުގައި މައްސަލަޖެހުނީ އެހެންވެ."

"އަހަރެން ބުނިން... އެހެން ފެންނަ ކޮންމެ މީހަކީ ގޯސް މީހަކަށް ނުވެދާނެއޭ." ނަފާޒާގެ ލޮލުން ކަރުނަ ފައިބަން ފެށިއެވެ. "އެކަމަކު... އަހްލާމް ބުނި، އޭނާއަށް ހިޔެއް ނުވޭ އެއީ... ރަނގަޅު މީހެއްހެން. އަހްލާމް ބުނި ތަން އައިސް މިއޮތީ..!"

"އައްސަލާމް އަލައިކުމް!" ކުއްލިއަކަށް އަލީފަށް އައި ކޯލަކަށް ޖަވާބު ދެމުން ކޮޅަށް ތެދުވިއެވެ. "ލައްބަ! ވަރަށް ބޮޑަށް މަޢަފަށް އެދެން. އަޅުގަނޑަށް ދެއްވާ އިތުރު ފަސް މިނެޓް. ބަރާބަރު ފަސް މިނެޓް ތެރޭގައި ތިކޮޅަށް އެބަ ގޮސްލަން!"

"އިޓް އިސް އޯކޭ! އަލީފް ދޭބަލަ!" އަލީފް އޮފީހަށް ދިޔުން އެންމެ ރަނގަޅުކަމުގައި ޒާހީ ބުންޏެވެ. "އަހަރެން ކުރިއަށް ގެންދާނަން! އެއްވެސް އަޕްޑޭޓެއް ލިބިއްޖާ އަންގާނަން!"

"ތެންކި ޔޫ ޒާހީ!" އަލީފް ނަފާޒާއަށް ބަލައިލިއެވެ. "ނަފާޒާ! ދެރަނުވޭ އަދި އަހްލާމް ފެންނާނެ! ވީ ވިލް ޑޫ އަވަރ ބެސްޓް!"

"އަބަދުވެސް ބުނާނީ ތިހެން!" ނަތާޝާ މޭޒުމަތީގައި ބޯ އަޅައިގެން އޮވެ ވާހަކަދެއްކިއެވެ. "އަދި ހުރިހާ ކަމެއް ރަނގަޅުވާނޭ!"

"ހިއް! އެއްވެސް ކަމެއް އަދި ގޯހެއްކޮށް ނުދެއެއްނުން!" ލުކްޝާން ގާތަށް ނުލަފާ ހިންޏެއް އައެވެ. "ނިކަން ހިތްވަރުގަދަކޮށްބަލަ! ބީ ލައިކް ލުކޭ! ނޯ ޓެންޝަން! ނޯ ވޮރީސް!"

"އަހަރެން މިއީ ލުކޭއެއް ނޫނޭ!" ނަތާޝާ ލުކްޝާނާ ދިމާއަށް ލޯ އަޅައިލިއެވެ. "ޔޫ ޝުޑް ބީ ވޮރީ، ބިކޯސް އަހްލާމް އިސް ނޮޓް ހިޔަރ!"

"ނާ! އައި ވިލް ނޮޓް ބީ! ވެން ޓައިމް އިސް ރައިޓް ޝީ ވިލް ބީ އެރައުންޑް." ލުކްޝާން ނަތާޝާގެ ގާތުގައި ހުރި ގޮނޑީގައި އިށީނެވެ. "އައި މިސް ހަރ އެލޮޓް."

"އަހްލާމް އެ ދިޔައީ އަލީފްގެ ހިތް ފަތަޙަކޮށްފަ! އަލީފްގެ ހިތުގައި އަހަރެންނަށް އެއްވެސް ޖާގައެއް ނެތް!" ނަތާޝާ ޓިޝޫތަކެއް އަތަށް ބޮނޑިކޮށްލިއެވެ. "އަދިނުވެސް ލިބޭނެ!"

"ތިއެއްވެސް އެނގޭނީ ލޯބިވާ ވާހަކަ އަލީފްގެ ގާތުގައި ބުނީމައެއްނުން!" ލުކްޝާން ނަތާޝާއަށް ޚިޔާލެއް ދިނެވެ. "އެހެން ނޫނީ ދުވަހަކުވެސް އަލީފަކަށް ނޭނގޭނެ ނަތާޝާ އޭނާދެކެ އިންތިހާއަށް ލޯބިވާ ކަމެއް."

"އެނގޭނެ! އަލީފް ބޭނުމެއް ނުވޭ އެނގޭ ކަމަށް ހަދާކަށް!" ޓިޝޫއިން ނަތާޝާ ލޯ ފޮހެލީ ލޮލުގައި އަޅާފައި އޮތް ކަޅު ކުލައިގެ ރޮނގު ނުފިލާނޭހެންނެވެ. "ކުރިއަށް އޮތް ތަނުގައި، އެނގޭ ކަމަށް ނުވެސް ހަދާނެ. އަހްލާމް ނެތަތީވެ ހަފްތާއެއްގެ ތެރޭގައި އަލީފަށް އައިސްފައި ހުރި ބަދަލު..."

"އަޅުގަނޑަށް ބަދަލެއް އައި ވާހަކަތޯ؟" އަލީފް އައިސް އޮފީހަށް ވަނެވެ.

(ނުނިމޭ)

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަވަސް

    އޭ ނާމާން ގެގަނޑު އަވަހަށް ގެނެސްދީބަލަ ! ބިރުވެރި ވާހަކަ ކިޔާހިތްވެއޭ

  2. ޙިމާރު

    ކޮން ދުވަހަކުން ދެން އޮތް ބައި އަޕް ވާނީ

  3. ޞުުބު

    ދެން އޮތްބައި އަންނާނީ ކޮން އިރަކުން ؟