އިންޑޮނޭޝިއާ ގައި ގެއްލިގެން ހޯދަމުން ދިޔަ މީހަކު ހަރުފައެއްގެ ބަނޑު ތެރެއިން ފެނިއްޖެއެވެ.

ފުލުހުންނާ ހަވާލާދީ ބީބީސީ ބުނީ އިންޑޮނޭޝިއާގެ ސުލަވޭސީ ނަމަކަށް ކިޔާ ޖަޒީރާގައި އަކުބަރު ނަމަކަށް ކިޔާ އުމުރުން 25 އަހަރުގެ އެމީހާ ގެއްލުނީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ.

އޭނާ ހޯދަން ފުލުހުން މަސައްކަތް ކުރަނިކޮށް އެމީހުންނަށް ފެނުނީ ހިރިނުލެވިފައި އޮތް " ރެޓިކިއުލޭޓެޑް ޕައިތަން " ނަމަކަށް ކިޔާ ވައްތަރުގެ ހަރުފައެކެވެ. ދިގުމިނުގައި 23 ފޫޓް ހުރި އެ ހަރުފައިގެ ބަނޑު ފެޅުމުން އަކުބަރުގެ ހަށިގަނޑު ފެނުނު އިރު އޭނާގެ ހަށިގަނޑުގެ ބޮޑު ބައި އަދި އޮތީ ހަޖަމް ނުވެއެވެ.

އޭނާގެ ހަށިގަނޑު ދިރުވާލައިގެން އޮތް ޕައިތަން ފެނުނީ އޭނާ ގެއްލުނުތާ 24 ގަޑިއިރު ފަހުން ކަމަށެވެ. އަދި ބުނީ އެ ޕައިތަން ފެނުނީ އޭނާ ގެއްލުނު ސަރަހައްދުގައިވާ ރުއްތަކެއްގެ ތެރެއިން ކަމަށެވެ.

ރެޓިކިއުލޭޓެޑް ޕައިތަން އަކީ ދުނިޔޭގައި އުޅޭ އެންމެ ދިގު ރެޕްޓައިލްތަކުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ.

މި ބާވަތުގެ ހަރުފައިގެ ޝިކާރަކުރާ ޖަނަވާރުތައް ދިރުވައިލުމުގެ ކުރިން ނޭވާ ހާސްކޮށްގެން މަރާލައެވެ. ނަމަވެސް އެވައްތަރުގެ ހަރުފަ އިންސާނުންނަށް ހަމަލާދިނުމަކީ ވަރަށް މަދުން ހިނގާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު