މައިކްރޯސޮފްޓްގެ އެއްބާނީ ބިލް ގޭޓްސް، މީގެ އަހަރުތަކެއް ކުރިން މައިކްރޯސޮފްޓްގެ މުވައްޒަފަކާއިއެކު ލޯބީގެ ސިއްރު ގުޅުމެއް ބޭއްވި ކަމަށާއި އެކަން މައިކްރޯސޮފްޓުން ތަހްގީގު ވެސް ކުރިކަމަށް އެމެރިކާގެ "ނިއުޔޯކް ޕޯސްޓް" އިން ރިޕޯޓް ކޮށްފިއެވެ.

މިރިޕޯޓް ލިބިފައި މިވަނީ ބިލް ގޭޓްސް އާއި މެލިންޑާ ގޭޓްސްގެ ކައިވެނި ނިމުމަކަށް ގެންނަން ނިންމާ، ދެމަފިރިންގެ ވަރީގެ މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނިކޮށެވެ.

"ނިއުޔޯކް ޕޯސްޓް" އިން ބުނާ ގޮތުގައި ބިލް ގޭޓްސް މައިކްރޯސޮފްޓްގެ މުވައްޒަފަކާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނީ 2000 ވަނަ އަހަރުއެވެ. ނަމަވެސް އެމައުލޫމާތު މައިކްރޯސޮފްޓްގެ ބޯޑަށް ލިބުނީ 2019 ވަނަ އަހަރު އެވެ. އެހައި ހިސާބުން ބޯޑުން ވަނީ މައްސަލަ ތަހްގީގު ކުރަން ނިންމީ، އެމަސައްކަތް މިދިޔަ އަހަރު ލޯ ފާމަކާއި ވެސް ހަވާލު ކޮށްފައެވެ.

ބިލް ގޭޓްސްގެ ތަރުޖަމާން ވެސް ވަނީ ބިލް ގޭޓްސް ލޯބީގެ ގުޅުމެއް މީގެ ވިއްސަކަށް އަހަރު ކުރިން ބޭއްވި ކަމަށް އެއްބަސްވެފައެވެ. އޭނާ ބުނީ އެގުޅުން ނިމުމަކަށް ގެނައީ "އެކުވެރިކަމާއި އެކުގައެވެ."

މެލިންޑާ އާއި ބިލް ގޭޓްސް ވަރިވާން ނިންމިކަން އިއުލާން ކުރުމާއިއެކު، ދެމީހުންގެ ދެމެދުގައި ޖެހުނީ ކޮން މައްސަލައެއްތޯ ބަލަން ވަރަށް ގިނަ ބަޔަކު ވަނީ ޝައުގުވެރިވެފައެވެ. ނަމަވެސް އަދި މިހާތަނަށް ދެމަފިރިން ވަރިވާން މެދުވެރިވި އަސްލު ސަބަބު ހާމަކޮށްފައެއް ނުވެއެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ބިލް ގޭޓްސް ކައިރިން ވަރިވާން މެލިންޑާ ނިންމީ ޖެފްރީ އެޕްސްޓެއިން އާއިއެކު ބިލް ގޭޓްސް ބޭއްވި ގުޅުމުގެ ސަބަބުންނެވެ. މިހާރު އަމިއްލައަށް މަރުވެފައިވާ އެޕްސްޓެއިން އަކީ އެތައް ކުޑަކުދިންނަކާއި ބެހިފައިވާ މީހެކެވެ. އޭނާ މަރުވީ އެމައްސަލައިގައި ހައްޔަރުކޮށްފައި ހުއްޓައެވެ. އެޕްސްޓެއިން އަކީ އެމެރިކާގެ މުއްސަނދި އެތައް މަހުޖަނުންނަކާއި އަދި ސިޔާސީ ގޮތުން ބާރުގަދަ ގިނަ ފަރާތްތަކަކާއި ގާތް ގުޅުމެއް ބޭއްވި މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މެލިންޑާ

    އަހަރެން ގާތު ކޯޓުން އެހީ ކޮބާހޭ ސަބަބަކީ؟ އަހެން ވަ ކުރުން ބުނިން އެންމެ ދެ ލަފުޒު "މައިކްރޯ"، "ސޮފްޓް" ދެން ހަބަރު ތަކުގަ ނުލެބަލަ މިވާހަކަ ޕްލީޒް.