އިންޓަނޭޝަނަލް ލަގްޒަރީ ކާރު ބްރޭންޑް ޖެނެސިސް އިން އެއްފަހަރާ 3،281 ޑްރޯން މައްޗަށް އަރުވައި ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ހޯދައިފިއެވެ.

ޗައިނާގެ ޝަންހައިގައި އެއްފަހަރާ ގިނަ އަދަދެއްގެ ޑްރޯންތަކެއް އަރުވާފައިވާއިރު މިއީ އެ ކުންފުނިން އާ ކާރެއް ނެރުމާއި ގުޅިގެން އެކަން ފާހަގަ ކުރުމަށް ކުރި ކަމެކެވެ.

"ނިޔު ހޮރިޒޮން ވިލް އޮޕެން"، މި ތީމަށް ޖެނެސިސް އިން ޑްރޯންގެ ޝޯއެއް ބާއްވާފައިވާއިރު ގިނަބައެއްގެ ތަރުހީބު މިކަމަށް ލިބިފައި ވެއެވެ.

ޖެނެސިސްގެ ޑްރޯން ޝޯ ބާއްވާފައި ވަނީ ޝަންހައިގައި ފަތުރުވެރިން ގިނަ އަދަދަކަށް ޒިޔާރަތް ކުރާ އެއް ތަން ކަމުގައިވާ ހުއަންޕޫ ކޯރުގައެވެ.

ޖެނެސިސްގެ ޖީ80 އާއި ޖީވީ80 ގެ ކާރުގެ ތްރީޑީ ތަސްވީރެއް ޝޯގައި ވަނީ ދައްކާލައިފައެވެ. އަދި ޖެނެސިސްގެ ލޯގޯ ދައްކައި މީގެ ކުރިން 3،051 ޑްރޯންސް ބޭނުންކޮށްގެން ހަދާފައިވާ ރިކޯޑު ޖެނެސިސް އިން ވަނީ މި ޝޯގައި މުގުރާލާފައެވެ.

ޖެނެސިސްއަކީ ލަގްޒަރީ ކާރުތައް އުފައްދާ ދުނިޔޭގެ މަޝްހޫރު ކުންފުންކެވެ. މި ކުންފުނިން އުފައްދާފައިވާ މަޝްހޫރު ކާރުތަކުގެ ތެރޭގައި ޖެނެސިސް ޖީ70، ޖީ80، ޖީ90، ޖީވީ80 ހިމެނެއެވެ. މި ކުންފުނި ހިމެނެނީ ދުނިޔޭގެ އެންމެ މަޝްހޫރު ލަގްޒަރީ ކާރު އުފައްދާ ތިން ކުންފުނީގެ ތެރޭގައެވެ.