އިންޑިޔާގެ އަވަށެއް ކަމުގައިވާ މީރަތުއަށް 1997 ވަނަ އަހަރު އުފަންވި އެއްމާބަނޑު ދެބެއިން ކަމުގައިވާ ޖޯއެފްރެޑް ވާގްސޭ ރެގޮރީއާއި ރަލްފުރެޑް ޖޯޖް ރެގޮރީ ކޮވިޑް-19 ބަލީގައި މަރުވީ ދާދި އެކު އެކީގައެވެ.

ހުރިހާ ކަމެއް ވެސް އެކުގައި ކުރަމުން އައި މި ދެބެއިން ކޮވިޑަށް ފައްސިވެފައިވަނީ އުމުރުން 24 އަހަރު ފުރުނު ދުވަސް ނޫން އަނެއް ދުވަހު، އޭޕްރީލް 24 ވަނަ ދުވަހުއެވެ. އޭގެ ތިން ހަފުތާ ފަހުން މި ދެބެއިން ވެސް ދުނިޔެއާއި ވަކިވެގެން ދިޔައީ ކުޑަ ވަގުތުކޮޅެއްގެ ތަފާތަކުންނެވެ.

މި ދެބެއިންގެ ބައްޕަ ކަމުގައިވާ ރެގޮރީ ރޭމަންޑް ރަފެލް ބުނެފައިވަނީ އެކަކަށް ކުރިމަތިވާ ކަމެއް އަނެކަކަށް ވެސް ކުރިމަތިވާ ކަމަށެވެ. މި ދެބެއިން ތަޢުލީމު ހާސިލުކޮށްފައިވަނީ ޓެކްނީޝަންގެ ދާއިރާއިންނެވެ. އަދި ވަޒީފާ އަދާ ކުރަމުން ގޮސްފައި ވަނީވެސް ހައިދުރަބާދުގެ އެއް އޮފީހެއްގައެވެ.

''އުފަންވީއްސުރެ ކަންތައްވަމުން ދަނީ މިހެން. ޖޯއެފްރެޑް މަރުވުމުން އަހަރެން އަންހެނުން ގާތުގައި ބުނިން ދެން ރަލްފުރެޑް ވެސް ގެއަކަށް ނާންނާނެއޭ. މި ދެކުދިން މަރުވެފައިވަނީ މެއި މަހުގެ 13 ވަނަ ދުވަހާއި 14 ވަނަ ދުވަހު. ޖޯއެފްރެޑް މަރުވިތާ މަދު ގަޑިއިރެއްގެ ފަހުން ރަލްފުރެޑް ވެސް މަރުވީ'' މި ދެބެއިންގެ ބައްޕަ ބުނެފައިވެއެވެ.

ޖޯއެފްރެޑް މަރުވުމަށްފަހު ރަލްފުރެޑް އޭނާގެ މަންމައަށް ގުޅައި އޭނާ ވެސް ބޭބެއާއި އެކު ވަރަށް އަވަހަށް ދާނެ ކަމަށް ބުނެފައިވެއެވެ.

މަންމައާއި ބައްޕައަށް ތަނަވަސް ދިރިއުޅުމެއް ހޯދައިދިނުމުގެ ހުވަފެންތައް ދެކެމުންއައި މި ދެބެއިން މަރުވުމުގެ ކުރިން ނިންމާފައިވަނީ މަސައްކަތް ކުރުމަށް ކޮރެޔާއާއި ޖާރމަނީއަށް ދިޔުމަށެވެ. ނަމަވެސް އެ ނަސީބު ގެއްލިގެން ދިޔައީ ކަމަށް މި ދެބެއިންގެ ބައްޕަ ބުނެފައިވެއެވެ.