ބޮލީވިޑް އަދި ހޮލީވުޑުގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ އޭނާގެ އަމިއްލަ ގައުމާއި ދުރުގައި ހުރި ނަމަވެސް ގައުމަށް ކުރިމަތިވެފައިވާ ނުރައްކާތެރި އަދި ހިތްދަތި ވަގުތުގައި އޭނާގެ އެހީތެރިކަން ފޯރުކޮށްދިނުމުގައި ފަހަތަށް ނުޖެހެއެވެ.

އެގޮތުން އިންޑިޔާގެ ކޮވިޑުގެ ހާލަތަށް އެހީތެރިވުމަށް ފަންޑު ހޯދަން ފެށި ޕްރިޔަންކާ މިހާރު ވަނީ 422 އޮކްސިޖަން ސިލިންޑަރާއި އަދި 3 މިލިއަން ޑޮލަރުގެ ފައިސާގެ އެހީއެއް ހޯދައިފައެވެ.

''އަހަރެމެންނަށް މިހާރު 500 އޮކްސިޖަން ކޮންސެންޓްރޭޓާސްއާއި 422 އޮކްސިޖަން ސިލިންޑަރާއި ވެކްސިންދޭ ސެންޓަރުތަކުގައި މަސައްކަތް ކުރާނެ 10 މީހުން ހޯދައިފިން. މި މީހުންނަކީ ދެ މަސް ތެރޭގައި 6000 މީހުންނަށް ވެކްސިން ދިނުމުގައި އެހީތެރިވެދޭނެ ބައެއް'' ޕްރިޔަންކާގެ އިންސްޓަގުރާމު ސްޓޯރީގައި އޭނާ ލިޔެފައިވެއެވެ.

މިއާއި އެކު މިކަމުގައި އެހީތެރިވެދިން ފަރާތްތަކަށް ޝުކުރު އަދާކޮށް އަދި އެމީހުން އެ އެހީތެރިވެދިނީ އެތައް ބައެއް ފުރާނަ ސަލާމަތް ކޮށްދިނުމަށް ކަމަށް ވެސް ބުނެފައިވެއެވެ.

އިންޑިޔާއަށް ކުރިމަތިވެފައިވާ މި ނާޒުކު ވަގުތުގައި ބޮލީވުޑުގެ އެތައް ފަންނާނުންނެއް ދަނީ މިކަމުގައި އެކި ގޮތްގޮތުން އެހީތެރިވަމުންނެވެ.

އޮކްސިޖަން ކޮންސެންޓްރޭޓަރއާއި އޮކްސިޖަން ޕްލާންޓްތަކާއި އޮކްސިޖަން ސިލިންޑަރާއި ވެންޓިލޭޓާއާއި ހޮސްޕިޓަލު އެނދާއި މީގެއިތުރުން ކާބޯތަކެތި ފޯރުކޮށްދިނުމުގައި ވެސް ބައެއް ފަންނާން ދަނީ އަމަލީ ގޮތުން ވެސް މަސައްކަތް ކުރަމުންނެވެ.

މިކަމުގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ފަންނާނަކީ ކޮވިޑުގެ މި ހާލަތުގައި އެންމެންގެ ލޯބި ހޯދައިފައިވާ ސޯނޫ ސޫދުއެވެ. މީގެއިތުރުން އަމީތާބު ބައްޗަން، ޕްރިޔަންކާ ޗޯޕްރާ، ޖެކުއެލިން ފެނާންޑަޒް، ވަރުން ދަވަން، ގުރްމީތު ޗައުދަރީ ފަދަ އެތައް ފަންނާންނެއް ހިމެނެއެވެ.