މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ (ކިޑީ) އާއި މިއުޒީޝަން ބާޗީ ގުޅިގެން ތައްޔާރު ކުރި ކުޑަކުދިންގެ އަލްބަމް "އުދުހިލާ" ރިލީޒް ކުރީ މި މަހުގެ 12 ވަނަ ދުވަހުއެވެ. ސޯޝިއަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް "އުދުހިލާ" އަލްބަމް ރިލީޒް ކުރަން ބޭއްވުނު ހަރަކާތުގެ ތެރެއިން ކިޑީ ވަނީ މުހިންމު ދެ ކަމަކާއި ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކޮށްފައެވެ.

މަންމައިންނަށް އަޅާލުމާއި އަދި ކޯ ޕޭރެންޓިންގް އާއި ގުޅޭ މައުލޫމާތު ހިއްސާ ކޮށްފައިވެއެވެ. މިއީ ހުރިހާ މަންމައިންނަށް ހާއްސަކޮށް ގެނެސްދޭ މައުލޫމާތެއް ކަމަށް ބުނެފައިވެއެވެ.

އުނޫޝާގެ މެނޭޖަރު އަދި ފިރިމީހާ ހަމީޝް ބުނީ ކޯޕޭރެންޓިންގް މުހިންމުވާ ސަބަބަކީ ވައްޓަފާޅިއާއި ގުޅުން ހުރި ކަމެއް ކަމަށް ވުންކަމަށެވެ. މީގެ ކުރިން ގަބޫލު ކުރެވިފައި ވަނީ ދަރިފުޅުގެ ހުރިހާ ކަމެއް ވެސް ކޮށްދޭން ޖެހެނީ މަންމަ ކަމަށާއި، މިހާރު އެކަންތައް ބަދަލުވަމުން އަންނަ ކަމަށް ހަމީޝް ބުންޏެވެ. ކިޑީ ބުނެފައިވަނީ ކުއްޖާގެ ބައްޕަ އާއި މަންމަ ދެމީހުން ބަހާލައިގެން ދަރިފުޅުގެ ކަންތައް ކޮށްދިނުމަކީ އެކުދިންނަށް ވެސް ލިބޭ އުފަލެއް ކަމަށެވެ.

ހަމީޝް އާއި އުނޫޝާގެ ބަހަށް ފަހު ޕްރޮފެޝަލް މީހުންގެ ފަރާތުން މައުލޫމާތު ބެލުންތެރިންނަށް ގެނެސްދީފައިވެއެވެ. އެގޮތުން، މަންމަ އަކަށް ކުރެވިދާނެ ކަންކަމާއި، އިތުރަށް ރަނގަޅު ކުރަން ހުރި ކަންކަމާއި، މުޅިން ހުއްޓާލަން ޖެހޭ ބައެއް ކަންތަކުގެ ވާހަކަ ހިއްސާ ކޮށްފައިވެއެވެ. މައުލޫމާތު ގެނެސްދިނުމުގައި ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ)ގެ ޓީމާއި، އުނޫޝާގެ މަންމަ ޝަފީގާ އަދި ފަސްޓް ލޭޑީ ފަޒްނާ އަހްމަދު އެވެ.

"އިތުބާރު ކުރެވޭ ގާތްތިމާގެ މީހުންނާއި، ރަހުމަތްތެރިންގެ ފަރާތުން ދަރިފުޅު ބެލުމުގައި އެހީތެރިކަމެއް ލިބޭނަމަ އެކަމުގެ ބޭނުން ހިފުން ރަނގަޅު" ފަސްޓް ލޭޑީ ފަޒްނާ އަހްމަދު ވިދާޅުވިއެވެ. ހަމަ މިއާއި އެކު ވިދާޅުވީ މިހާރުން ފެށިގެން ދަރިފުޅުގެ ކުލައާއި، ބަރުދަނާއި، ސިފައަށް ފާޑުކިޔުން ހުއްޓާލަން ޖެހޭ ކަމަށެވެ.

ޝީގެ މެމްބަރެއްގެ ގޮތުން ޑރ.އިބްރާހިމް ޒަކަރިއްޔާ މޫސާ ވިދާޅުވީ "ރަނގަޅު އާއިލާއެއް ބިނާ ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ފަރާތަކަށް ވާނީ އަނބިމީހާ އާއި ފިރިމީހާ އެކުގައި ގުޅިގެން އުޅުމުގެ މައްޗަށް. އަދި ވަކިން ހާއްސަ ގޮތެއްގައި އެދެމަފިރިންނަށް ދަރިން ލިބުމުން އެމީހުންގެ ދައުރު ބޮޑުވެގެންދޭ" ކަމަށެވެ. ދެމަފިރިން އެކުގައި ދަރިން ބެލުމުގެ މުހިންމުކަން މި ބަސްކޮޅުން ދޭހަ ކޮށްދެއެވެ.

ކުއްޖަކު ލިބުމުން ދެމަފިރިންގެ ގުޅުން ވަރުގަދަކުރަން ޖެހޭ ކަމަށާއި، އޭގެ ސަބަބުން ދަރިފުޅަށް އޭގެ ފައިދާ ލިބިގެން ދާނެ ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.

ޑިރެކްޓަރ އޮފް ސެކްޝުއަލް އެންޑް ރެޕްރޮޑަކްޓިވް ހެލްތް ސާވިސް، އައިމިނަތު އަޒްލިފާ ވިދާޅުވީ ކައިވެންޏަކަށް ފަހު ދެމަފިރިން ކުއްޖަކު ބޭނުންވާ ހިސާބުން، ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އެކަމަށް ތައްޔާރުވާން ޖެހޭ ކަމަށެވެ. ދެމަފިރިން ތެރެއިން މީހަކު ދުންފަތުގެ އިސްތިއުމާލް ކުރާނަމަ އެކަން ހުއްޓާލުމާއި، ދަރިފުޅު ފުރިހަމަ ގޮތުގައި ބެލުމަށް ކުރަން ޖެހޭ ކަންތައްތައް ދެނެގަނެ، އެކަންތައް ދަސްކުރުން މުހިންމު ކަމަށެވެ.

ޝީގެ ޓީމުން ވަނީ އަމިއްލަ ތަޖުރިބާއިންނާއި، ލިބިފައިވާ މައުލޫމާތައް ބިނާކޮށް އާއިލާތަކަށް މައުލޫމާތު ދީފައެވެ. އުނޫޝާ ބޭނުންވަނީ މި މައުލޫމާތުތައް ހިއްސާކޮށް، އާންމުން މިހާރަށް ވުރެ ބޮޑަށް ހޭލުންތެރި ކުރުމެވެ.