މިއުކޯމައިކޯސިސް ނުވަތަ 'ބްލެކް ފަންގަސް' އަކީ ދުނިޔެއަށް އާ ބައްޔެއް ނޫނެވެ. މި ބަލި ޖައްސަނީ މިއުކޯ ކިޔާ ފަންގަސް އަކުންނެވެ. ތެތް ސާފަސްތަކުގައި މި ފަންގަސް އުޅޭއަކީ ބައެއް ފަހަރު ނުރައްކާތެރި ބައްޔަކަށް ވެއެވެ. އެއީ ބަލިމީހާގެ ދިފާއީ ނިޒާމު ބަލިކަށިވެ ބަލީގެ ޖަރާސީމާއި ހަނގުރާމަކުރުމުގެ ގާބިލުކަން ބަލިމީހާ އަށް ގެއްލޭ ހިސާބުން ފުރާނައަށްވެސް ގެއްލުންވާ ހިސާބަށް ދަނީއެވެ.

ބްލެކް ފަންގަސް ފެތުރެމުންދަނީ ނޭވާލާނިޒާމުން ފައްޓައިގެން ސިކުނޑިއަށެވެ. ހަށިގަނޑުގެ ލޭހޮޅިތަކުން ބަލީގެ ޖަރާސީމު ހަށިގަނޑުގެ މުހިންމު ގުނަވަންތަކަށް ދެއެވެ. އާންމުގޮތެއްގައި ބަލީގެ ޖަރާސީމުގެ ސަބަބުން ނުރައްކާވާ ހިސާބަށް ދާ ގުނަވަންތަކުގެ ތެރޭގައި ހިތް، ހަންގަނޑު، ހުންކޮށި ނުވަތަ ސްޕްލީން ހިމެނެ އެވެ.

މި ބަލި ޖެހެނީ ކޮންބަޔަކަށް:

މި ބަލި ބޮޑަށް ޖެހެނީ ކުޑަކުދިންނަށެވެ. މަދުންނޫނީ ބޮޑެތި މީހުންގެ ފަރާތުން މި ބަލީގެ ވޭދަނަތައް ނުފެންނައިރު އަލަށް އުފަންވާ ކުދިންނާއި ދާއިމީ ބައްޔަށް ފަރުވާހޯދާ ފަރާތްތައް އަދި ދިފާއީ ނިޒާމު ބަލިކަށި ފަރާތްތަކަށް މި ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. އަދި މީގެ އިތުރުން ހަކުރު ބަލި ހުންނަ މީހުންނާއި 'އޯގަން ޓްރާންސްޕްލާންޓް' ހަދާފައިވާ މީހުންނާއި ކޮވިޑް-19 ޖެހިފައިވާ މީހުންނަށް މި ބަލި ޖެހުމުގެ ފުރުސަރު ބޮޑެވެ.

މިއުކޯމައިކޯސިސް ޖެހިފައިވާ ކަމުގެ އަލާމާތްތައް:

ބޮލުގައި ރިއްސުން

ކެއްސުން، ނޭވާކުރުވުން

މޭނުބައިކޮށް ހުޑުލުން

ކެއްސާއިރު ލޭއައުން

ދަށްބަނޑަށް ތަދުވުން

ހުން އައުން

ލޮލުގެ ފެނުން ކޮންމެވެސް ވަރަކަށް ދަށްވުން

ލޮލުގެ ތިރީ ބައިގައި ރިއްސުން، ލޯ ފުފުން

ނޭފަތް ނުވަތަ ސައިނަސް ބްލޮކްވުން

މި ބަލީގެ އަލާމާތްތައް ފެންނަނީ އާންމުކޮށް ކޮވިޑް ފަދަ ބައްޔަކުން ރަނގަޅުވާތާ ދެހަފްތާއެއްހާ ދުވަސް ފަހުންނެވެ. އެއީ ހަށިގަނޑުން އެންޓިބޮޑީސް އުފައްދައި ބަލީގެ ޖަރާސީމާއި ހަނގުރާމަ ކޮށްގެންނެވެ.

ބަލީގެ ފަރުވާ އަދި ބަލިން ރައްކާތެރިވާނެ ގޮތް؟

ބަލި ޖެހުމުން ފަރުވާ ހޯދަނީ 21 ދުވަސް ވަންދެން އިންޖެކްޝަނެއް ޖަހައިގެންނެވެ. މި ބަލިން ރައްކާތެރިވުމަށް ކެއުންބުއިމުގައި ސަމާލުވުން މުހިންމެވެ. ސާފުތާހިރުވުމަށް އިސްކަންދިނުން އަދި ދިރިއުޅޭ ތަން ސާފުކޮށް ބެހެއްޓުން މުހިންމެވެ.

މި ބަލީގެ ނުރައްކާތެރިކަން ބޮޑުވާ ހިސާބުން ބަލި ޖެހިފައިވާ މީހާގެ ލޮލުގެ ފެނުން ގެއްލޭ، ސިކުނޑިއާއި ފުއްޕާމޭގެ ލޭ ގަނޑުވުން ހިމެނެ އެވެ.

ކުއްލިއަކަށް މިއުކޯމައިކޯސިސް ބަލި ފެންނަން ފަށާފައި މިވަނީ ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި އެތައް މިލިއަން ބަޔަކު ހަނގުރާމަކުރަމުންދާ ދަނޑިވަޅެއްގައި އެވެ. މިއުކޯމައިކޯސިސް ބަލި ޖެހިގެން ރިޕޯޓުކުރާ ގިނަ ކޭސްތައް ފެނިފައިވަނީވެސް ކޮވިޑަށް ފަރުވާ ހޯދަމުންދާ ބަލިމީހުން ގިނައިން އުޅޭ ސަރަހައްދުތަކުންކަން ފާހަގަ ކުރެވެ އެވެ.