އިންޑިއާގައި ބާޒާރަށް ގޮސް މާސްކު އަޅަން ދެކޮޅު ހަދާ ޑޮކްޓަރަކަށް ފުލުހުން ފިޔަވަޅު އަޅައިފިއެވެ. އިންޑިޔާގައި ހިނގި މި ހާދިސާގައި ޑޮކްޓަރާއި މެދު ފިޔަވަޅު އެޅީ ތަކުރާރުކޮށް ބުނެގެންވެސް މާސްކު އަޅަން އޭނާ ދެކޮޅު ހެދުމުންނެވެ.

ފިހާރަތެރޭގައި ހުރެ ޑޮކްޓަރު މީހާ މާސްކު ނާޅާ ހުރުމުން ފިހާރައިގެ މެނޭޖަރު ވަނީ އޭނާ މާސްކު އެޅުމަށް އިލްތިމާސް ކޮށްފަ އެވެ. ނަމަވެސް ޑޮކްޓަރު މީހާ ގެންދިޔައީ އެކަމަށް އިންކާރު ކުރަމުންނެވެ. ޑޮކްޓަރު ބުނީ އޭނާ އަކީ ކޮވިޑް ޖެހިފައި ރަނގަޅު ވެފައި ހުރި މީހެއް ކަމަށެވެ.

"އަހަރެން އެއްވެސް މީހެއް ނުރައްކަލަށް ހުށަނާޅަން. އަހަރެންނަށް ވަނީ ކޮވިޑް ޖެހި އެއިން ފަރުވާ ހޯދާފައި." ޑރ .ކަކިލަޔާ ފިހާރަތެރޭގައި ހުރެ ގޮވަމުން ދިޔައެވެ.

ފިހާރައިގެ މެނޭޖަރު ބުނަމުން ގެންދިޔައީ ކޮވިޑުން ފަރުވާހޯދާފައިވާ މީހެއް ކަމުގައި ވިޔަސް ގަވާއިދު އެންމެންނަށް ހިނގާނޭ ކަމަށެވެ. އަދި އެންމެންވެސް ގަވާއިދަށް އަމަލުކުރަން ޖެހޭނޭ ކަމަށް އޭނާ ބުނަމުން ގެންދިޔަ އެވެ.

އިންޑިޔާއަށް އަރާފައިވާ ކޮވިޑް-19 ގެ އާ ރާޅާއި އެކު ދުވާލެއްގެ މައްޗަށް ފައްސިވާ މީހުންގެ ޢަދަދު ލައްކައިން މައްޗަށް އަރަ އެވެ. އަދި ހުއްޓުމެއްނެތި ބަލި ފެތުރެމުންދާއިރު ދުވާލެއްގެ މައްޗަށް އެތައް ހާސް ބަޔަކު މަރުވާކަން ފާހަގަ ކުރެވެ އެވެ.