އެމެރިކާގެ ވޮޝިންޓަންގެ ފުލުހުންނަށް މިދިޔަ ބުދަ ދުވަހުގެ ރޭ މެންދަމު ފޯން ކޯލެއް ލިބުނެވެ. އެފޯން ކޯލް ކުރީ ސްޓާޓް ސްވްލިއަން ނަމަކަށް ކިޔާ އުމުރުން 54 އަހަރުގެ މީހެކެވެ. ފޯން ކޯލްގައި ސްވްލިއަން ބުނީ އޭނާގެ އަނބިމީހާ ދެންމެ މަރުވެއްޖެ ކަމަށެވެ.

ވަގުތުން ފުލުހުން އެގެއަށް ދިޔައެވެ. އެއީ ކޮލިންސް ކޯރުގެ އައްސޭރިފަށުގައި ވަރަށް އެކެހެރިކޮށް ހުރި ގެއެކެވެ. ފުލުހުން އެގެއަށް ދިޔައިރު ސްވްލިއަންގެ އަނބިމީހާ ޑޯނާ މަރުވެއްޖެއެވެ.

ފުލުހުންނަށް ފުރަތަމަ ވެސް އެނގުނު އެއްޗަކީ ޑޯނާ މަރުވީ ގުދުރަތީ މަރަކުން ނޫން ކަމެވެ. އޭނާގެ މޫނާއި ހަށިގަނޑުގެ އެކި ތަންތަނުގައި ގިނަ ޒަހަމްތައް ހުއްޓެވެ.

ސްވްލިއަން އާއި ފުލުހުން ސުވާލު ކުރުމުން ބުނީ އޭނާ ގޭގައި ނޫޅެނީސް މީހަކު ގެއަށް ވަދެ ޑޯނާ އަށް އަނިޔާ ކުރީކަމަށް ބެލެވޭ ކަމަށެވެ. އޭނާ ގެއަށް ނާންނަތާ ހަފްތާއެއް ވެއްޖެ ކަމަށް އޭނާ ފުލުހުން ކައިރީ ބުންޏެވެ.

ފުލުހުން ބެލި ބެލުމުން ވެސް ޑޯނާގެ ހަށިގަނޑުގައި ހުރި ޒަހަމްތަކަކީ ދެތިން ހަތަރު ދުވަސް ވެފައިވާ ޒަހަމްތަކެއް ކަން އެނގުނެވެ. އެހެންކަމުން ފުލުހުންގެ ތަޙްޤީޤުގައި އިތުރު ކަންތައްތައް ބެލިއެވެ.

ފުލުހުންނަށް ފަހުން އެނގުނު ގޮތުގައި ސްވްލިއަން ވަނީ ޑޯނާ އަށް އަނިޔާ ކުރުމަށް ފަހު ހަތަރު ދުވަސް ކުރިން ގެއިން ނިކުމެގެން ގޮސްފައެވެ. ގެއިން ނިކުމެގެން ގޮސް އޭނާ އުޅުނީ ޑޯނާގެ މަރުގެ މައްސަލައިގައި އޭނާގެ މައްޗަށް ތުހުމަތެއް ކުރެވިއްޖެނަމަ އޭނާ އުޅުނީ ގޭގައި ނޫންކަން ސާބިތު ކުރާށެވެ.

ނަމަވެސް ސްވްލިއަން މީގެ ކުރިން ވެސް އެތައް ފަހަރަކު ޑޯނާ އަށް އަނިޔާ ކޮށްފައިވާކަން ޑޯނާގެ ރަހުމަތްތެރިންނާއި އަވައްޓެރިންނަށް ވެސް އެނގިފައި ވާތީ ސްވްލިއަން ހީކުރިހާ ފަސޭހައިން ސަލާމަތެއް ނުވެވުނެވެ.

ފުލުހުންގެ ތަޙްޤީޤު ސްވްލިއަން އަށް ސީދާ އަމާޒު ކުރުމުން ފަހުން އޭނާ ވަނީ ކުށަށް އިއުތިރާފްވެފައެވެ. މިހާރު އޭނާގެ މައްޗަށް ވަނީ އަނބިމީހާ މަރާލުމުގެ ދައުވާ ވެސް އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު