ޓީޗަރުންނަކީ ކޮންމެ މުޖުތަޢު އެއްގައިވެސް އެންމެ އިސް ދައުރެއް އަދާ ކުރާ އެއް ފަރާތެވެ. އެހެން ނަމަވެސް، އެމެރިކާ ފަދަ ބޮޑެތި ޤައުމު ތަކުގައި ވަޒީފާ އަދާ ކުރަން ސްކޫލްތަކަށް ނިކުންނަ ޓީޗަރުންނަށް އެމީހުންނާއި، އެމީހުން ހަވާލުވެގެން ތިބޭ ކުދިންގެ ސަލާމަތްކަން މިވަނީ ކަށަވަރު ކޮށްނުދެވޭ ހިސާބަކަށް ކަންތައް ގޮސްފައެވެ.

މިހެން ކަންތައް ވާން ޖެހެނީ އެފަދަ ޤައުމުތަކުގައި ޢާއްމުންނަށް މާ ބޮޑު އުނދަގުލަކާއި ނުލައި ބަޑި ފަދަ ނުރައްކާތެރި ހަތިތާރު ލިބެން ހުރުމުން، ނިރުބަވެރި ހަމަލާތައް ދިނުން އިތުރުވަމުން އަންނާތީއެވެ. ހުސްވި ހަފްތާގައި ވަނީ އެމެރިކާގެ ސްކޫލަކަށް މިފަދަ ހަމަލާއެއް ދީފައެވެ.

14 ފެބްރުއަރީ ނުވަތަ ވެލަންޓައިންސް ޑޭގައި ދިން މި ހަމަލާ އަކީ ސްކޫލްތަކަށް އަމާޒުކޮށް ދިން މިފަދަ ހަމަލާ ތަކުގެ ތެރެއިން، އެމެރިކާގެ ތާރީޙުގައިވެސް 8 ވަނަ އަށް އެންމެ ބޮޑު ހާދިޘާއެވެ. މި ހާދިޘާގައި ކުށެއް ނެތް 17 ކުދިންނާއި މީހުން މަރުވެފައި ވާއިރު، ލިބުނު އަނިޔާ ތަކުން 50 މީހުންނަށް އަދިވެސް އަންނަނީ ފަރުވާ ދެމުންނެވެ.

17 މީހުން މަރާލުމަށް ފަހު ނިކޮލާސް ވަނީ މެކް ޑޮނަލްޑްސް އަށް ގޮސްފައި

މި ހާދިޘާ އަށް ފަހު އެމެރިކާގެ ބައެއް ސްޓޭޓްތަކުން މިވަނީ ސްކޫލްތަކުގެ ޓީޗަރުންނާއި، އެތަންތަނުގެ މުވައްޒަފުންނަށް ސްކޫލް މާޙައުލުގެ ތެރޭގައި ބަޑި ގެންގުޅޭވޭނޭ ފަދަ ގޮތަކަށް ބިލްތައް ހުށަހަޅަން ފަށައިފައެވެ. މީގެ ސަބަބުން މިކަމަށް ކޮންމެވެސް ވަރެއްގެ ޙައްލެއް ލިބޭނޭ ކަމަށް ބެލެވުނު ނަމަވެސް، މިކަމުގެ ސަބަބުން ކުދިންގެ ހިތްތަކުގައި ބިރުވެރިކަން އުފެދި، ކިޔެވުމަށް ބުރޫ އަރާނޭ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

އެމީހުން ބުނާގޮތުގައި ސްކޫލް ކުދިންގެ ކުރިމަތީގައި ބަޑި ގެންގުޅުމުގެ ބަދަލުގައި، ސްކޫލާއު ސްކޫލުގެ ވަށައިގެންވާ މާޙައުލުގައި ފުލުހުން ފޯރިމަރަން ބައިތިއްބައި، ސުކޫލަށް ވަންނަ ފަރާތްތަށް ސްކޭން ކުރުމަށް ފަހު ވެއްދުން ބުއްދުވެރިވާނެއެވެ.

ފެބްރުއަރީ 14ގައި ފްލޮރިޑާގެ ސްކޫލަށް ހަމަލާ ދީ، އެތައް ބަޔަކު މަރާލާފައި ވަނީ އަޙްލާގީ މައްސަލަތަކަކާއި ހުރެ، އެ ސްކޫލުން މީގެ ކުރިން ވަކި ކޮށްފައިވާ 19 އަހަރުގެ ޒުވާން ފިރިހެނެއްކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތާހާ

    ދެން އަޑުއިވޭނީ ޓީޗަރުން ބަޑިޖަހާ ކިޔަވާކުދީން މަރާ ވާހަކަ..

  2. އއ

    ފުރިހަމަ ޑިމޮކްރަސީއަކީ އެއީއެވެ. ޖަނަވާރެއްހެން އެމީހަކު ބޭނުންގޮތަކަށް އެމީހަކު އުޅުމެވެ.