މި ދުވަސްވަރަކީ ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް ވިއްސާރަ ދުވަސްވަރެކެވެ. މިކަމުގެ ސަބަބުން މަދިރި ގިނަވެ، އާއްމުންނަށް އެކަމުގެ އުނދަގޫތައް މި ދަނީ ފޯރަމުންނެވެ.

އެހެންކަމުން، މަދިރި ހެފުމުން ކަހާ ކެހުމާއި އެކަމުގެ ސަބަބުން ހަންގަނޑުގައި ނަގާ ބިހި ފިލުވުމަށް، އެއްވެސް ބާވަތެއްގެ ބޭހެއް ބޭނުންނުކޮށް ގޭގައި ކުރެވިދާނެ ކަންކަމަކީ ކޮބައިބާވައެވެ. ނުވަތަ އެކަންކަމަށް އޮތް ގެވެށި ފަރުވާއަކީ ކޮބައިބާވައެވެ؟

ފިޔާ

ފިޔާކޮޅެއް ކަނޑާލުމަށްފަހު ކަހާ ތަނުގައި ނުވަތަ ބިހި ނަގާފައިވާ ތަނުގައި ޖައްސާލާށެވެ. މިކަމުގެ ސަބަބުން އެތަންތަން ފަސޭހަވުމަށް މަގުފަހިވާއިރު، މިއީ އޭގައި އެކުލެވޭ އެންޓި-ފަންގަލް ސިފަތަކުގެ ސަބަބުންކަމަށްވެއެވެ. ކޮންމެ ގޮތަކަށް ފިޔާ ކެނޑުމަށްފަހު ނުވަތަ ކޮށުމަށްފަހު ބޭނުންކުރިޔަސް ރަނގަޅުވާއިރު، ފިޔާ ޖެއްސި ތަން ރަނގަޅަށް ދޮންނަންވެސް ވާނެއެވެ.

ގަނޑުފެން

ކުޑަކޮށް ތަޅާލާފައި ހުރި ގަނޑުފެން، މަދިރި ހެފި ތަންތަނުގައި ޖެއްސުމަކީވެސް ރަނގަޅުކަމެކެވެ. ކަމުގެ މާހިރުން ބުނާގޮތުގައި ފިނި ވުމުގެ ސަބަބުން، މިކަން ރަނގަަޅުވުމަށް މަގުފަހިވެއެވެ. ހަމައެހެންމެ، ތަަޅާފައި ހުރި ގަނޑުފެނުގެ ބަދަލުގައި އައިސް ޕެކް އެއްވެސް ބޭނުންކުރެވިދާނެއެވެ.

މާމުއި

މިއީ ގިނަ ކަންކަމަށް އޮތް ގެވެށި ފަރުވާއެއްކަމަށްވާއިރު، މިއީ މިކަމަށްވެސް ގެވެށި ފަރުވާއެކެވެ. މަދިރި ހަފާ ތަނުގައި ކުޑަ މާމުއިފޮދެއް އުނގުޅާލުމުން، އޭގެ ޖާދޫ ފެނިގެންދާނެއެވެ.

ލޮނުމެދު

ފިޔާގެ އިތުރުން ލޮނުމެދަކީވެސް މަދިރި ހެފި ތަންތަނުގެ އަސަރު ފިލުވާލުމަށް ބޭނުން ކުރެވިދާނެ އެއްޗެކެވެ. އެހެންނަމަވެސް، ސީދާ ހަންގަނޑުގައި ލޮނުމެދު ޖެއްސުމަކީ އެހާ ރަނގަޅު ގޮތަކަށް ނުވާނެއެވެ. އެހެންކަމުން، އެންމެ ރަނގަޅުވާނީ ކާށި ކިރު ފޮދެއްގެ ތެރެއަށް ލޮނުމެދު ލައިފައި ބޭއްވުމަށްފަހު، އެނަގައި ހަންގަނޑުގައި ޖެއްސުމެވެ.

މި ނޫނަސް އެތައް އެއްޗެއް، މަދިރި ހެފި ތަންތަން ހިރުވުމުން ދުރުވުމަށާއި އެކަމުގެ ސަބަބުން ނަގާ ބިހިން ސަލާމަތްވުމަށް ބޭނުން ކުރެވިދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު