ފޮނިތޮށި އެންމެ އާންމުކޮށް ބޭނުން ކުރަނީ ފޮނި ބައެއް ކާތަކެތި ތައްޔާރު ކުރުމަށެވެ. ކޮފީ ނުވަތަ ސައި ނޫނީ ހޮޓް ޗޮކްލެޓް ގައި ވެސް ފޮނިތޮށި ބޭނުން ކުރުމަކީ ބައެއް މީހުން ކުރާ ކަމެކެވެ. ނަމަވެސް ފޮނިތޮއްޓަކީ މިފަދަ މަދު ކެއުން ނުވަތަ ބުއިންތަކުގައި ބޭނުންކުރާ ވަރަށް ވުރެ ސިއްހަތައް މާފައިދާ ހުރި އެއްޗެކެވެ. ސިއްހީ މާހިރުން ލަފާ ދެއްވަނީ ވީހާވެސް ގިނައިން ފޮނިތޮށި ކެއުމަށެވެ. ނުވަތަ ކެއުންތަކުގައި ފޮނިތޮށި ހިމެނުމަށެވެ.

މިލިޔުމުގައި މިބަލާލަނީ ފޮނިތޮށިން ލިބޭ ބައެއް ފައިދާ ތަކަށެވެ.

ހަށިގަނޑު ލުއިކުރުމަށް އެހީވެދޭ

ހިކެން ބޭނުންވާ މީހުން ވަރަށް ގިނައެވެ. ހިކެން ބޭނުންވާ މީހުން ކާންވީ ކާނާ އާއި ކުރަންވީ ކަސްރަތުތައް ވަރަށް ގިނަ ތަންތަނުގައި ލިޔެވިފައި ވެސް އެބަ ހުއްޓެވެ. ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި އާންމުކޮށް ޑައިޓްގައި އުޅުއްވާ ބޭފުޅުންގެ ކެއުމުގެ ބާވަތްތަކުގެ ތެރޭގައި ފޮނިތޮށި ހިމެނުމަކީ ރަނގަޅު ނަތީޖާ އަކާއި ހަމައަށް އަވަހަށް ވާސިލްވުމަށް ލިބޭ އިތުރު ބާރެކެވެ.

ހިތުގެ ބަލި ޖެހުމުން ދުރުކޮށްދޭ

ހިތުގެ ބަލި ޖެހުމަކީ ގިނަ ބަޔަކު ތަހަންމަލް ކުރަމުންދާ ބައްޔެކެވެ. ނުރައްކާތެރި ބައްޔެއް ވެސް މެއެވެ. ކެއުމުގައި ފޮނިތޮށި ގިނައިން ހިމެނުމަކީ ހިތުގެ ބަލި ނުޖެހޭނެ ސަބަބެކޭ ޑޮކްޓަރުން ނުބުނެއެވެ. ނަމަވެސް ފޮނިތޮށި ބޭނުން ކުރާނަމަ ހިތުގެ މައްސަލަތަކުން ދުރުކޮށްދިނުމުގެ ފުރުސަތު ބޮޑުކަމަށް ޑޮކްޓަރުން ބުނެއެވެ.

ސިކުނޑީގެ މަސައްކަތްތައް އަވަސްކޮށްދޭ

ދިރާސާތަކުން ހާމަވެފައިވާ ގޮތުގައި ކެއުމުގައި ގިނައިން ފޮނިތޮށި ހިމެނުމަކީ ސިކުނޑީގެ މަސައްކަތްތައް އަވަސްވާ ކަމެކެވެ. ފޮނިތޮށީގެ ސަބަބުން ހަނދާންގަދަކޮށްދީ ސަމާލުކަން ދޭންޖެހޭ ކަންކަމަށް ސަމާލުކަން އިތުރުކޮށްދޭ ކަމަށް ސިއްހީ ތަޖުރިބާކާރުން ވިދާޅުވެއެވެ. ކެއުމުގެ ބާވަތްތަކުގައި ފޮނިތޮށި ބޭނުންކުރާނަމަ ޑިޕްރެޝަންގެ މައްސަލަތަކާއި ބޮލުގައި ރިއްސުން ފަދަ ކަންކަމުން ވެސް ދުރުކޮށްދެއެވެ.

ކެންސަރުން ދުރުކޮށްދޭ

ކެއުމުގައި ފޮނިތޮށި ބޭނުން ކުރާނަމަ ހަށިގަނޑުގައި ކެންސަރުގެ ސެލް އުފެދުމަށް ހުރަސްއަޅާކަމަށް ދިރާސާތަކުން ދައްކައެވެ. އަދި ހަކުރުގެ ލެވަލް އެއްވަރެއްގައި ހިފަހަށްޓައިދީ ސިއްހީ އިތުރު ފައިދާތައް ލިބިގެން ދެއެވެ.

ހަމުގެ ބަލިތަކަށް ޝިފާއެއް

ހަމުގެ ތަފާތު ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުން ވެސް ކެއުމުގައި ފޮނިތޮށި ހިމެނުމަކީ ރަނގަޅު ކަމެއް ކަމަށް ސިއްހީ ތަޖުރިބާކާރުން ލަފާދެއެވެ. ފޮނިތޮށީގެ ސަބަބުން ހަންގަނޑު އޮމާންވެ ހަމުގެ ބަލިތަކުން ދުރުކޮށްދޭ ކަމަށް ވެއެވެ.