އެއްވެސް މީހަކާއި އެކު އުމުރު ދުވަހު އެކުގައި އުޅުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެއީ އެތައް ކަމެއް ތަޖުރިބާކޮށް އެތައް އުނދަގުލަކަށް ކެތްތެރިވެ، އެތައް ޤުރުބާނީއެއް ވެގެން ނޫނީ ކުރެވޭނެ ކަމެއް ވެސް ނޫނެވެ.
އެކުގައި އުޅޭއިރު ކޮންމެ މީހަކަށް ވެސް އަނެކާ ހިތްހަމަ ނުޖެހޭ ފަދަ ކަންތައްތައް ކުރެވޭނެއެވެ. އެފަދަ ކަމެއް ކުރެވުމުން ދެން އޮންނާނީ އެފަދަ ކަމެއް ތަކުރާރުނުކޮށް ކުރިއަށް ދިއުމެވެ.
ކުށެއް ކުރެވިއްޖެ ނަމަ މަޢާފަށް އެދެން ވާނެ
ކޮންމެ މީހަކީ ވެސް ކުށް ކުރެވޭނެ މީހެކެވެ. އެހެން މީހުން ހިތްހަމަ ނުޖެހޭ ކަންތައްތައް ކޮންމެ މީހަކަށް ވެސް ކުރެވޭނެއެވެ. ކުށެއް ކުރެވުމުން ދެން ކުރަން އޮންނަ އެންމެ ރަނގަޅު ކަމަކީ އެކުށް ކުރެވުނީތީ އެކަމުގެ އަސަރު ކުރި މީހުންގެ ކިބައިން މަޢާފަށް އެދުމެވެ.
ނަމަވެސް ޙަޤީޤީ ދިރިއުޅުމުގައި ގިނަ ފަހަރަށް މީހެއްގެ ކިބައިން މަޢާފަށް އެދުމަކީ ފިލްމް ތަކުން ފެންނަ މަންޒަރުތަކުގައި މީހަކު މީހެއްގެ ކިބައިން މަޢާފަށް އެދޭހާ ފަސޭހައިން ކުރެވޭ ކަމެއް ނޫނެވެ.
ލޯބިވެރިޔާ ނުވަތަ އަނބިމީހާ ނޫނީ ފިރިމީހާ ނޫނީ މަންމަ، ބައްޕަ، ކޮއްކޮ، ބޭބެ، ދައްތަ އެހެންނޫނީ ގާތް ރަހުމަތްތެރިންނަކީ ތިބާ ދެކެ ނުހަނު ލޯބިވާނެ މީހުންނެވެ. އެމީހުންގެ ކުރިމައްޗަށް އަރާ ކުށަށް އިޢުތިރާފުވެ މަޢާފަށް އެދުމަކީ ކުރާށޭ ބުނަން ނިކަން ފަސޭހަ އެކަމަކު އަމަލުން އެކަން ދައްކަން ނުހަނު އުދަނގޫ ކަމެކެވެ.
މަޢާފަށް ނޭދި ދިރިއުޅުމައިގެން ކުރިއަށްދާން އުނދަގޫ ވާނެ
މަޢާފަށް އެދެން ޖެހޭ ވަރު ކުށެއް ކުރެވުނު ނަމަވެސް ގިނަ ފަހަރަށް މަޢާފަށް ނޭދެވެނީ ގާތް މީހެއްގެ ކައިރީގައި "ސޮރީ" އޭ ބުނުން އެއީ އެތައް ހިތްވަރެއް ލައިގެން ނޫނީ ނުކުރެވޭ ކަމަކަށް ވާތީ އެވެ. ނަމަވެސް ހަނދާން ކުރަން ޖެހޭނެ ކަމަކީ ގާތް މީހެއްގެ ކިބައިން މަޢާފަށް އެދޭވަރު ކަމެއް ތިމާ އަށް ކުރެވި އެކަމާއި ތިމާ މަޢާފަށް ނޭދި ދެން އޭނާ އާއި ކުރިމަތި ލުމަކީ ހިތައް މާބޮޑެތި ނުތަނަވަސް ކަމާއި ކަންބޮޑުވުން ވެރިވާނެ ކަމެއް ކަމެވެ.
އެހެންކަމުން ކަށީގެ މަދުން ހިތްވަރު ނެރެގެން ނަމަވެސް މަޢާފަށް އެދެން ވާނެ އެވެ. އެހެން ނޫނީ މުޅި އުމުރު ދުވަހު އެކަމެއް ހިތު އަޅައިގެން އުޅެން ޖެހުމުގެ ބުރަ އުފުލަން ޖެހިދާނެ އެވެ.
ކަންތައްވީ ކިހިނެއްކަން ކިޔައި ދިނުން މުހިންމު
މަޢާފަށް އެދެން ބޭނުންވާނީ ކުށެއް ކުރެވުނު ކަމަށް އަމިއްލައަށް ގަބޫލު ކުރެވުމުންނެވެ. އެހެން ކަމުން މަޢާފަށް އެދޭ މީހާގެ ކިބައިން މަޢާފަށް އެދުމާއި އެކު ކަން ހިނގިގޮތް ސާފުކޮށްދިނުން ވަރަށް މުހިންމެވެ. އެކުށްތިބާ އަށް ކުރެވުނީ ކީއްވެކަން ސާފުބަހުން ބުނުން އެއީ ކުރަން ޖެހޭނެ ކަމެކެވެ.
ޒިންމާ ނަގަންވާނެ
މަޢާފަށް އެދުމަކީ ކުށުގެ ޒިންމާ ތިމަންނަ އުފުލުމެވެ. އެކުށުގެ ޒިންމާ އެޅިފައި ވަނީ އެހެން މީހެއްގެ ބޮލުގައި ނޫން ކަމާއި އެއީ ހުދު ތިމާ އުފުލަން ޖެހޭ ޒިންމާ އެއް ކަން ހިތުގެ އަޑިން ގަބޫލު ކޮށް މަޢާފަށް ތިއެދޭ މީހެއްގެ ކައިރީގައި ވެސް އެވާހަކަ ބުނަން ވާނެ އެވެ.
ކުށް ތަކުރާރު ކޮށްގެން ނުވާނެ
ކުށެއް ކުރުމުން މަޢާފަށް އެދުމާއި އަދި އެކުށަށް މަޢާފު ކުރުމަކީ މާބޮޑު ކަމެއް ނޫނެވެ. ނަމަވެސް ތަކުރާރު ކޮށް އެއްކުށެއް ކޮށް އަބަދު މަޢާފު ކޮށްކޮށް ހުރުން އެއީ ކުރެވޭނެ ކަމެއް ނޫނެވެ. ކުށެއް ކުރެވުމުން މަޢާފަށް އެދުމުގެ މާނައަކީ ވަކި ކަމެއް ކުރަން ނުވަތަ ވަކި ކަމެއް ނުކުރަން ތިމާވާ އެއްބަސްވުމެވެ. އެއެއްބަސްވުމަށް އިޙްތިރާމް ކުރަން ވާނެ އެވެ.
މަޢާފަށް އެދުމަށް ފަހު އެފަދަ ކުށެއް ދެވަނަ ފަހަރަށް ތަކުރާރު ކުރެވިގެން އަނެއްކާވެސް މަޢާފަށް އެދުން އެއީ ކުރަން ފަސޭހަ ކަމަކަށް ވެސް ނުވާނެ އެވެ. އެހެން ކަމުން އެކަން ކުރަން ޖެހޭނެ ފަދަ ކޮތަކަށް އަމަލުތައް ނުބަހަށްޓާށެވެ.