ކޮވިޑް-19 އާއި ގުޅިގެން ގިނަ ބައެއްގެ އޮފީހުގެ މަސައްކަތްތައް ގޭގައި ތިބެގެން ކުރަން ޖެހިފައި ވާއިރު ގޭގައި ތިބެގެން މަސައްކަތް ކުރަން އެންމެ ރަނގަޅު ފަސްވަނަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެއެވެ.

ކޮވިޑްގެ ބަލިމަޑުކަމުން ދުނިޔެއަށް އަރައިގަނެވޭނެ ދުވަހެއް އަދި ލަފާކުރަން ވެސް ނޭނގޭތީ ކުރިއަށް އޮތް ދުވަސްތަކަކީ ވެސް ގިނަ ބަޔަކު ގޭގައި ތިބެގެން އޮންލައިންކޮށް މަސައްކަތްތައް ކުރަން ޖެހޭނެ ދުވަސްތަކެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެހެންކަމުން ފްރާންސްގެ ޓްރެވަލް އެޖެންސީއެއް ކަމަށްވާ ކްބަލް މެޑުން މިވަނީ އޮންލައިންކޮށް މަސައްކަތް ކުރަން އެންމެ ރަނގަޅު ގައުމުތައް ހޮވާފައެވެ.

40 ގައުމެއްގެ މައުލޫމާތުތައް ދިރާސާކުރިއިރު އެންމެ ބޮޑަށް ބަލާފައި ވަނީ މަސް ދުވަހުގެ ތެރޭގައި ކުރަން ޖެހޭނެ އެވްރެޖް ހަރަދާއި، އިންޓަނެޓްގެ އެވްރެޖް ސްޕީޑަށެވެ.

285 ޕޮއިންޓް ހޯދައިގެން ލިސްޓްގެ އެއްވަނަ އަށް ގޮސްފައި ވަނީ ތައިލެންޑެވެ. ތައިލެންޑްގެ ދެސިޓީއެއް ވަނީ ގޭގައި ތިބެގެން މަސައްކަތް ކުރަން ރަނގަޅު ތަންތަނުގެ ގޮތުގައި ލިސްޓްކޮށްފައެވެ. އެއީ ފަތުރުވެރިންގެ މެދުގައި މަގުބޫލް ޕުކެޓާއި ކްރާބީއެވެ. ޕުކެޓްގައި މަހެއްގެ މައްޗަށް ދިރިއުޅުމަށް ހަރަދުވާނެ ކަމަށް ބުނެފައި ވަނީ 998.66 ޑޮލަރެވެ. 22 އެމްބީޕީއެސްގައި ޕުކެޓަށް އިންޓަނެޓް ލިބެއެވެ. ކްރާބީގައި ދިރިއުޅުމަށް މަހަކު 787.71 ޑޮލަރު ހަރަދުވާއިރު އިންޓަނެޓް ސްޕީޑް ހުންނާނެ ކަމަށް ބުނަނީ 25 އެމްބީޕީއެސްގައެވެ.

238 ޕޮއިންޓާއިއެކު ދެވަނަ ސްރީލަންކާއަށް ލިބޭއިރު ލަންކާގެ ވެރިރަށް ކޮލަމްބޯގައި އެއްމަސް ދުވަހުގެ ދިރިއުޅުމުގެ ހަރަދަށް އަރަނީ 787.71 ޑޮލަރެވެ. އިންޓަނެޓް ސްޕީޑަކީ 08 އެމްބީޕީއެސް އެވެ.

ތިން ވަނަ ސިންގަޕޫރަށް ލިބެނީ 232 ޕޮއިންޓުންނެވެ. މަސް ދުވަހު ސިންގަޕޫރުގައި ދިރިއުޅުމުގެ ހަރަދު 2564.20 ޑޮލަރަށް އަރައެވެ. ދިރިއުޅުމުގެ ހަރަދު ބޮޑުވި ނަމަވެސް ސިންގަޕޫރުގައި އިންޓަނެޓް ސްޕީޑް ހުރީ 89 އެމްބީޕީއެސްގައެވެ.

ލިސްޓްގެ ހަރުވަނަ ލިބެނީ ކޮލަމްބިއާއަށެވެ. ކޮލަމްބިއާގައި ދިރިއުޅުމުގެ ހަރަދަށް އަރަނީ 939.85 ޑޮލަރަށެވެ. އިންޓަނެޓް ސްޕީޑަކީ 07 އެމްބީޕީއެސްއެވެ.

ލިސްޓްގެ ފަސްވަނަ ރާއްޖެ އަށް ލިބިފައި ވަނީ 187 ޕޮއިންޓް ލިބިގެންނެވެ. މާލޭގައި ދިރުޅުމަށް މަހެއްގެ މައްޗަށް ހަރަދުވާނެ ކަމަށް މިލިސްޓްގައި ބުނެފައި ވަނީ 1120.78 ޑޮލަރެވެ. އިންޓަނެޓް ސްޕީޑް ހުންނާނެ ކަމަށް ބުނެފައި ވަނީ ހަތަރު އެމްބީޕީއެސްގައެވެ.

ލިސްޓްގެ ހަވަނައިގައި އޮތީ އިންޑޮނޭޝިއާގެ ޗަންގޫއެވެ. އެސިޓީގެ އިންޓަނެޓް ސްޕީޑް ހުރީ 23 އެމްބީޕީއެސްގައެވެ. ދިރިއުޅުމަށް މަހަކު ހަރަދު ކުރަން ޖެހެނީ 1200 ޑޮލަރެވެ.

މެލޭޝިއާގެ ކުއަލަލަޕްޕޫރަށް ހަތް ވަނަ ލިބެނީ އިންޓަނެޓް ސްޕީޑް 19 އެމްބީޕީއެސްގައި އައި ދިރިއުޅުމުގެ ހަރަދު 1147 ޑޮލަރުގައި ހުރެގެންނެވެ.

ބްރެޒިލްގެ ރިއޯޑީޖެނީރޯ އޮތީ ލިސްޓްގެ އަށް ވަނައިގައެވެ. އެސިޓީގެ އިންޓަނެޓް ސްޕީޑް ހުންނަ ކަމަށް ވަނީ 11 އެމްބީޕީއެސްގައެވެ. ދިރިއުޅުމަށް މަހަކު ހަރަދުވާކަމަށް ވަނީ 1334 ޑޮލަރަށެވެ.

އަވައްޓެރި އިންޑިއާގެ ގޯއާއަށް ވަނީ މިލިސްޓްގެ ނުވަވަނަ ލިބިފައެވެ. އެއީ ދިރިއުޅުމުގެ ހަރަދު 1389 ޑޮލަރުގައި އަދި އިންޓަނެޓް ސްޕީޑް 12 އެމްބީޕީއެސްގައި ހުންނަ ސިޓީއެއް ކަމަށް ލިސްޓްގައި ބުނެފައި ވެއެވެ.

މެކްސިކޯގެ ޕުއާޓޯ އަށް ވަނީ ލިސްޓްގެ ދިހަ ވަނަ ލިބިފައެވެ. އެސިޓީގެ އިންޓަނެޓް ސްޕީޑް ހުރީ 23 އެމްބީޕީއެސްގައެވެ. ދިރިއުޅުމުގެ ހަރަދަށް މަހަކު ހަރަދު ވާނީ 1573 ޑޮލަރު ކަމަށް ވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ގިނަ ބަޔަކު ގޭގައި ތިބެ މަސައްކަތް ކުރަން ޖެހިފައި ވާއިރު ރާއްޖޭގެ ބައެއް ރިސޯޓްތަކުން ވަނީ ރިސޯޓްތަކުގައި ތިބެގެން މަސައްކަތް ކުރެވޭނެ ހާއްސަ ޕެކޭޖްތަކެއް ވެސް އިއުލާން ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޑީޑޫ

    މާލޭގައި އެވަރެޖް ދިވެއްސަކު ދިރިއުޅޭ ހާލު އެނގޭމީހަކު ތިހެން ނުބުނާނެ. 10ފޫޓް 10ފޫޓް ވައި ބަންދު ގޮޅިއެއްގައި 12 މީހުން ޑިއުޓީބަހަގެން އުޅޭ އިރު ކިހިނެތް ވޯރކް ފުރޮމް ހޯމް ހަދާނީ.

  2. ނަމަ

    އަނެންގާ ދަރިމައިވާ ރޭޓް އަށް ބަލާފަ ފަަސްވަނަ ގައުމަކަށް ރާއްޖެ މިހޮވުނީ

  3. ޢަލީ

    ހަހަހ މަޖާ ފަސް ގައުމުން ބައިވެރިވީ ދެން ވާނީ އެހެންތާ

  4. ކޮވިޑް

    " ލިސްޓްގެ ފަސްވަނަ ރާއްޖެ އަށް ލިބިފައި ވަނީ 187 ޕޮއިންޓް ލިބިގެންނެވެ. މާލޭގައި ދިރުޅުމަށް މަހެއްގެ މައްޗަށް ހަރަދުވާނެ ކަމަށް މިލިސްޓްގައި ބުނެފައި ވަނީ 1120.78 ޑޮލަރެވެ. އިންޓަނެޓް ސްޕީޑް ހުންނާނެ ކަމަށް ބުނެފައި ވަނީ ހަތަރު އެމްބީޕީއެސްގައެވެ. "ހަމަ އެކަނި ކުލި އެއީ މުޅި މަހުގެ ހަރަދު ކަމަށް ބަލަންޏާ ތިކަން އޯކޭ؟ ފެން ކަރަންޓް ފޯންބިލް ، ޖޫރިމާނާތަށް. ދުނިޔޭގެ އެންމެ އަގުބޮޑު އިންޓަރނެޓް، އެންމެ ފާސްޓް ސްޕީޑް ހަތަރު އެމްބީޕީއެސް، މޮޔަވާނެ ހުވާ