ބޮލީވުޑްގެ އެންމެ އުހުގައި ފިޔަޖަހާ މަޝްހޫރު ތަރި، ސަލްމާން ޚާން މަރާލާނެ ކަމަށް ބުނެ، އިންޒާރުދިން ގޭންގްގެ އިސް ބަޔަކު ފުލުހުންނަށް ފިލާލައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.

މިކަމުގެ ސަބަބުން ސަލްމާނުގެ ސެކިއުރިޓީގެ ކަންކަން ވަރަށް ބޮޑަށް ވަރުގަދަކޮށްފައިވާއިރު، މުމްބާއީ ފުލުހުންވެސް މިހާރު ދަނީ ސަލްމާން ދިރިއުޅޭ ގޭގެ ކައިރީގައި ސަލާމަތީ ކަންތައްތައް ބަލަހައްޓަމުންނެވެ. ފުލުހުންނަށް ފިލާފައިވާ ތިން ގޭންގް މެމްބަރުންނަކީ، އިންޑިއާގެ ގޭންގްސްޓަރ، ސަމްޕަތް ނެހްރާގެ ވަރަށް ގާތް ދެމީހުން ކަމަށް ވެއެވެ. އެދެމީހުން ފުލުހުންނަށް ފިލާފައި ވަނީ ސަލްމާނަށް ސަމްޕަތް މަރުގެ އިންޒާރުދިން މައްސަލައިގައި އޭނާ ހައްޔަރުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ސަލްމާނަށް މަރުގެ އިންޒާރުދިން ލޯރެންސް ބިޝްނޯއީ (ކ) އާއި ސަމްޕަތް ނެހްރާ ހައްޔަރުކޮށްގެން ގެންދަނީ

މި ތިން މީހުން ހޯދުމުގެ މަސައްކަތް އިންޑިއާގެ ކަމާއިބެހޭ އިދާރާތަކުން މިހާރު ކުރަމުންދާއިރު، އެމީހުން ނިސްބަތްވާ ގޭންގަކީ ހަތިޔާރު ގެންގުޅުމާއި ހަތިޔާރު ބޭނުންކޮށްގެން މީހުން މެރުމުގެ ގިނަ ރެކޯޑުތަކެއް އޮންނަ ގޭންގެއް ކަމަށް އޮފިޝަލުން ބުނެފައިވެއެވެ. އެހެންކަމުން އެމީހުން މިނިވަންކަމާއި އެކު ދޫވެފައިވުމީ ގޭންގް ލީޑަރު ސަމްޕަތްގެ ދިން އިންޒާރާއި އެއްގޮތަށް ސަލްމާނަށް ޙަމަލާއެއް އަމާޒުވެދާނޭ ކަމެއް ކަމަށް އެފަރާތްތަކުން ޤަބޫލުކުރެއެވެ.

ސަމްޕަތަކީ، ގޭންގްސްޓަރ ލޯރެންސް ބިޝްނޯއީ އާއިއެކު މަސައްކަތްކުރާ މީހެކެވެ. ލޯރެންސް ބިޝްނޯއީއަކީ، ޖޯދާ ޕޫރު ކޯޓަށް ދާދިފަހުން ސަމްލާން ގެންދިޔައިރު އޭނާއަށް މަރުގެ އިންޒާދު ދިން ގޭންގް ލީޑަރެކެވެ. އެ މައްސަލައާއި ގުޅިގެން އޭނާ އާއި ސަމްޕަތްވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އިންޑިއާގެ ސްޕެޝަލް ޓާސްކް ފޯސްގެ ފުލުހުން، ސަމްލާނަށް މަރުގެ އިންޒާރުދިން ގޭންގުގެ އިސް ބަޔަކު ހޯދަމުންދާއިރު، މުމްބާއީގައި ދިރިއުޅެމުންދާ ސަލްމާނުގެ އާއިލާއިން ބުނެފައިވަނީ މުމްބާއީ ފުލުހުންނަށް އިތުބާރު ކުރާ ކަމަށާއި އެހެންކަމުން އާއިލާއިން ކަންބޮޑުވާންޖެހޭ ސަބަބެއް ނެތްކަމަށެވެ.