ކެނެޑާގެ މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ ބޯ ހަދާފައި ހުންނަ ގޮތަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުން އޭނާ ބޯ ކޮށާލައިފިއެވެ.

އުމުރުން 27 އަހަރުގެ ޖަސްޓިން ބީބާ ބޯ ކޮށާލައި ގިނަ ފޮޓޯތަކެއް އޭނާގެ އިންސްޓަގްރާމުގައި ވަނީ ހިއްސާ ކޮށްފައެވެ.

ޖަސްޓިން ބީބާ އިންސްޓަގްރާމަށް ލާފައިވާ ފޮޓޯތަކުގައި އޭނާގެ އަނބިމީހާ 24 އަހަރުގެ ހެއިލީ ބީބާވެސް ފެނިގެން ދެއެވެ. އަދި އިންސްޓަގްރާމަށް ލާފައިވާ އެހެން ފޮޓޯއެއްގައި ޖަސްޓިން ބީބާ ފެނިގެންދަނީ އޭނާގެ ބޮލުގައި އަތްއަޅައިގެން ހުންނަ ތަނެވެ. އެ ފޮޓޯ އަކީ ކަޅާއި ހުދުގެ ފޮޓޯއެކެވެ.

ޖަސްޓިން ބީބާ ބޯކޮށާލާފައިވަނީ ކަޅުނަސްލުގެ މީހުންގެ ބޮލުގެ އިސްތަށިގަނޑު ހަދާފައި ހުންނަ ގޮތަށް އޭނާގެ ބޯ ހަދާފައި ހުންނާތީ އެކަމަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުންނެވެ.

ދެހާސް ސޯޅަ ވަނަ އަހަރުގައިވެސް ޖަސްޓިން ބީބާ އަށް މިކަހަލަ ކަމެއް ކުރިމަތިވިކަން ފާހަގަ ކުރެވެއެވެ. ބައެއް ފަރާތްތަކުން ބުނާގޮތުގައި ގިނަ ފޭނުން ތިބޭ މަޝްހޫރު މިފަދަ ފަރާތްތައް ވަކި ގޮތަކަށް އުޅުމުން އެކަން ރީތި ކަމަކަށް ދެކިގެން ގިނަ ބަޔަކު އެކަމެއް ކުރަން އުޅޭނެ ކަމަށެވެ. އެއީ ރަނގަޅު ކަމެއް ނޫންކަމަށް އެފަރާތްތަކުން ދެކެއެވެ.

މީގެ ކުރީގައި މަޝްހޫރު އެތައް ބައެއް މިފަދަ ކަންކަމާ ކުރިމަތިވެ ފާޑުކިޔުންތައް އަމާޒުވެފައި ވެއެވެ. އޭގެ ތެރޭގައި ކިމް ކާޑޭޝިއަން، ލަވަކިޔުންތެރިޔާ އިގީ އަގޭލިޔާ އަދި މައިލީ ސައިރަސް ހިމެނެއެވެ.