ދުނިޔެ މި ދެކެމުންދާ ނުރައްކާތެރި އަދި އެހާމެ ހިތްދަތި ވަގުތުގައި އެންމެ ބޮޑަށް އަސަރު ކުރަނީ މައިންބަފައިން ނުވަތަ އާއިލާގެ މީހެއް ނޫން ނަމަ ތިމާ ލޯބިވާ މީހަކު މި ބަލި ތަހައްމަލު ކުރަމުންދާ މަންޒަރު ފެނުމުންނެވެ.

ތިމާގެ ކުރިމަތީގައި އެހެން މީހުންގެ މައިންބަފައިންނާއި ލޯބިވާ މީހުން ހިތްދަތި ގޮތުގައި މަރުވެގެންދާ ތަން ފެނުމުން އެމީހުންގެ އާއިލާއިން ކުރާ ހިތާމަތަކުން ތިމާގެ މައިންބަފައިންނަށް އެފަދަ ދުވަހެއް ނުދައްކަވާތޯ އެދެވޭނެއެވެ.

ކޮވިޑުގެ މި ނުރައްކާތެރި ވަގުތުގައި އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ބޮލީވުޑުގެ ފަންނާނު ސޯނޫ ސޫދު ވަނީ މި ބަލީގައި އެތައް ބަޔަކު މަރުވެގެން ގޮސްފައިވާ ތަން ދާދީ ކައިރިން ފެނިފައެވެ. އަދި އެމީހުންގެ އާއިލާތަކުން އެކުރާ ހިތާމަތައް ވެސް ވަނީ ފެނިފައެވެ.

ކޮވިޑަށް ފައްސިވެ، ނޭވާލާން އުދަނގޫވެ، އޮކްސިޖަނާއި ހޮސްޕިޓަލުން އެނދެން ހޯދަން ސަލާން ޖަހަމުންދާ މަންޒަރު ފެނުމުން އަމިއްލަ މައިންބަފައިން އެ ހާލުގައި އުޅޭތަން ބަލަން ފަސޭހައެއް ނުވާނެ ކަމަށާއި މިފަދަ ހިތްދަތި، ނުރައްކާތެރި ދުވަސްތަކެއް ދެކެން މައިންބަފައިން ދުނިޔޭގައި ނެތްކަމީ ޝުކުރުވެރިވާ ކަމެއް ކަމަށް ސޯނޫ ސޫދު ބުނެފައިވެއެވެ.

މި ވައިރަހުގެ ސަބަބުން އެހީތެރިކަން ބޭނުންވާ އެތައް ފަރާތްތަކަކަށް އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ. ސޯނޫ ސޫދު އެހީތެރިވެދޭ ފަރާތެއް އެ ބަލީގައި މަރުވެއްޖެ ނަމަ އެކަމުގެ ފުން އަސަރު އޭނާައަށް ކުރެއެވެ. އެކަމާއި ދެރަވެ އޭނާަ ވާހަކަދައްކައެވެ.

މި ހާލަތުގައި ސޯނޫ ސޫދު ކުރަމުންދާ މަސައްކަތަކީ ޝުކުރު ހައްގު މަސައްކަތެކެވެ.