އިންޑިޔާގެ ޗެންނާއީގެ ސުކޫލެއް ކަމުގައިވާ ޕަދުމާ ސެޝާދުރީ ބާލާ ބަވަން (ޕީއެސްބީބީ) ސުކޫލުގެ އެކައުންޓެންސީ އެންޑް ބިޒުނަސް ސްޓަޑީޒް ކިޔަވައިދިނުމަށް ފިރިހެން މުދައްރިސަކު އޮންލައިން ކުލާހަށް ތުވާއްޔެއް އަނދެގެން އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.

އޮންލައިން ކުލާހުގައި ބައިވެރިވި އެތައް ދަރިވަރުންނެއް ބުނެފައިވަނީ އެ މުދައްރިސް މީގެކުރިން ވެސް އެފަދަ ކަންކަން ކޮށްފައިވާ ކަމަށެވެ. މި މައްސަލައާއި ގުޅިގެން މީސް މީޑިޔާގައި އެތައް ވާހަކަތަކެއް ދަނީ ދެކެވެމުންނެވެ.

ޕީއެސްބީބީ ސުކޫލުގެ ސުކޫލުގެ ބެލެނިވެރިންނާއި ސުކޫލާއި ގުޅުން ހުރި ފަރާތްތަކުން ވަނީ މި މުދައްރިސް ސަސްޕެންސް ކުރުމަށް ގޮވާލައި ސިޓީއެއް ސުކޫލަށް ފޮނުވާފައެވެ.

ރާޖާގޮޕަލަން ނަމަކަށް ކިޔާ މި މުދައްރިސް ކިޔަވައިދޭ ދަރިވަރުން ބުނެފައިވަނީ ކުލާހުގައި އުޅޭއިރު އަންހެން ކުދިންގެ ގައިގާ އަތްލަން ނުވާ ގޮތްގޮތަށް އަތްލާ ކަމަށާއި ކުދިންނާއި ނުގުޅޭ އަދި ކުދިން ލަދުގަންނަ ފަދަ ސުވާލުތައް ކުރާ ކަމަށެވެ. މި ސުވާލުތައް އަމާޒުކޮށްފައި ހުންނަނީ ޖިންސީ ކަންތައްތަކާއި ގުޅޭގޮތުން ކަމަށް ވެސް ދަރިވަރުން ފާހަގަ ކޮށްފައިވެއެވެ.

މި ފުރަބަންދުގައި އޮތް އޮންލައިން ކުލާހެއްގައި ރާޖާގޮޕަލަން ބައިވެރިވެފައިވަނީ ހަމައެކަނި ތުވާއްޔެއް އަނދެގެން ހުރެއެވެ. އަދި ބައެއް ދަރިވަރުންގެ ވަޓްސްއަޕްގެ ޕްރޮފައިލް ފޮޓޯތަކަށް ނުރަނގަޅު ގޮތުގައި ފާޑުކިޔައި ކޮމެންޓް ކުރާ ކަމަށް ވެސް ބައެއް ދަރިވަރުން ބުނެފައިވެއެވެ.

ރާޖާގޮޕަލަންގެ މައްސަލަތައް އެތައް ފަހަރެއްގެ މަތިން މެނޭޖުމަންޓަށް ހުށަހަޅައިފައިވީ ނަމަވެސް އޭނާއާއި މެދު އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް ވެސް ދަރިވަރުން ފާހަގަ ކޮށްފައިވެއެވެ. ނަމަވެސް މެނޭޖުމަންޓުން ވަނީ މިކަން ދޮގުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލީ

    ހޫނުފެނަށްވެ އްޓިފިހުނީތަ

    10
  2. Mv

    classic India

    9
    1