އިންޑިޔާގެ ކޭރަލާގައި ހުންނަ ސިއްހީ މަރުކަޒަކަށް އެތައް ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ. މި ސިއްހީ މަރުކަޒަށް އެތައް ބަޔައެއްގެ ސަމާލުކަން ލިބުނީ މަރުކަޒުގެ ރީތިކަމުންނެވެ. ފަރުމާކުރުމާއި އިމާރާތް ކުރުމުގެ ފުރިހަމަ ކަމުންނެވެ.

ރަވީ ނެއިރު ނަމަކަށް ކިޔާ މީހަކު ކޮށްފައިވާ ޓުވީޓެއްގައި މި ސިއްހީ މަރުކަޒުގެ ރީތިކަން ދައްކުވައިދޭ ފޮޓޯއެއް ހިއްސާކޮށް ބުނެފައިވަނީ އެއީ އިންޑިޔާގެ ކޭރަލާގެ ޕްރައިމަރީ ސިއްހީ މަރުކަޒެއް ކަމަށެވެ. ތަފާތު ވައްތަރުގެ ގަސްގަހާއި ގެއްސާއި ކުލަކުލައިން ޒީނަތްތެރި ކުރެވިފައިވާ މި ސިއްހީ މަރުކަޒަށް އެއްފަހަރު ނަމަވެސް ޒިޔާރަތް ކޮށްލަން ކޮންމެ މީހަކު ވެސް ބޭނުންވާނެ ކަމަށް މި ޓުވީޓުގައިވެއެވެ.

ސަރުކާރުގެ ހޮސްޕިޓަލަކުން ނަމަ ފެންނާނީ ބައުވެފައިވާ އިމާރާތާއި ދުވަސްވެފައިވާ އާލާތްތަކެވެ. ނަމަވެސް އަމިއްލަ ތަނެއް ކަމުގައިވާ މި ސިއްހީ މަރުކަޒުގެ އިމާރާތާއި ފަރުމާ ކުރުންތަކާއި ވަސީލަތްތައް ވެސް ފުރިހަމަކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ރަވީ ނެއިރު ހިއްސާކުރި މި ފޮޓޯއަށް ފަހު އަސްވަތު ވަލެޔުދާން ނަމަކަށް ކިޔާ މީހަކު ވެސް ވަނީ މި ސިއްހީ މަރުކަޒުގެ އިތުރު ފޮޓޯތަކެއް ހިއްސާކޮށް އެތައް ބައެއްގެ ސަމާލުކަން ހޯދާފައެވެ.

ރަވީގެ ޓުވީޓްގައި އުއްތަ ޕްރަދޭޝްއާއި ބިހާރްއާއި ގުޖަރާތުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުގެ ފޮޓޯތައް ހިއްސާ ކުރުމަށް ބުނެފައިވުމުން އެ އަވަށްތަކުގެ މީހުން ދަނީ އެތަންތަނުގެ ހޮސްޕިޓަލުތަކުގެ ހާލަތު ދައްކުވައިދޭ ފޮޓޯތައް ހިއްސާކުރަމުންނެވެ. މި ފޮޓޯތަކުން ފެންނަނީ ހޮސްޕިޓަލު ކައިރީގައި ހުންނަ ކުނި ގޮނޑުތަކާއި ހޮސްޕިޓަލު ކުރިމަތީ ހެދިފައި އޮންނަ ފެން ކޯރުތަކެވެ.

ނަމަވެސް ވަރަށް ރީތިކޮށް ހަދާފައި ހުރި ބައެއް ހޮސްޕިޓަލުތަކުގެ ފޮޓޯތައް ވެސް ބައެއް ފަރާތްތަކުން ހިއްސާ ކޮށްފައިވެއެވެ.