ބިލިއަނަރ ކިމް ކަޑާޝިއަންގެ ކުރީގެ މުވައްޒަފުންތަކަކަށް މުސާރަ ނުދޭ މައްސަލަ ފެންމަތިވެއްޖެއެވެ.

މިޑީއާ ރިޕޯޓްތައް ބުނާގޮތުގައި، ކިމްގެ 60 މިލިއަން ޑޮލަރުގެ ހިޑަން ހިލް ގޭގެ ބަގީޗާ ބެލެހެއްޓުމާއި މަރާމާތު ކުރުމުގެ މަސައްކަތުގައި ކުރިން އުޅުނު ހަތް މުވައްޒަފަކަށް މުސާރަ ނުދެއެވެ. އަދި މަސައްކަތުގެ މާހައުލުގައި ލިބިފައިވާ އަނިޔާއާއި ގެއްލުންތަކުގެ ސަބަބުން މި މުވައްޒަފުން ކިމްއާއި ދެކޮޅަށް މައްސަލަ ވަނީ ހުށަހަަޅާފައެވެ.

''ޕޭޖު ސިކްސް'' ގެ ރިޕޯޓުގައިވާ ގޮތުން މި ހަތް މުވައްޒަފުން ވަނީ ކިމްއާއި ދެކޮޅަށް މިދިޔަ ހޯމަ ދުވަހު ލޮސް އެންޖަލެސްގައި މައްސަލަ ހުށަހަޅާފައެވެ.

މި މުވައްޒަފުން ހުށަހެޅި މައްސަލައިގައި ވަނީ އެ މުވައްޒަފުންގެ މުސާރައިގެ 10 އިންސައްތަ ޓެކްސްގެ ގޮތުގައި ނަގާފައިވާ ކަމަށާއި އަދި އެ ފައިސާ ސަރުކާރަށް ދައްކާފައި ނުވާ ކަމަށެވެ. މީގެ އިތުރުން އިތުރު ގަޑީގައި މަސައްކަތް ކުރުވާފައި އިތުރު ގަޑީގެ ފައިސާ ނުދޭ ކަމަށާއި އަދި ކެއުން ބުއިމަށް އެއްވެސް ބްރޭކެއް ނުދީ މަސައްކަތް ކުރުމަށް މަޖުބޫރު ކުރި ކަމަށެވެ.

މި ހަތް މުވައްޒަފުންގެ ތެރެއިން އެކަކީ އުމުރުން 16 އަހަރުގެ ކުއްޖެކެވެ. މި ކުއްޖާ ބުނެފައިވަނީ ހުއްޓުމެއް ނެތި ބުރޭކެއް ނުނަގާ 48 ގަޑިއިރު ވެސް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. އަދި މި ވާހަކަތައް ކިމްއާއި ހިއްސާ ކުރުމުން ވަގުތުން އޭނާ ވަޒީފާއިން ވަކިކުރި ކަމަށް ވެސް ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން ކިމްގެ ސްޕޯކްސްޕާސަން ބުނެފައިވަނީ މި މުވައްޒަފުންނަކީ ސީދާ ކިމްގެ މުވައްޒަފުން ނޫން ކަމަށާއި އެއީ ތިންވަނަ ފަރާތެއް މެދުވެރިކޮށް ގެނެސްފައިވާ މުވައްޒަފުންތަކެއް ކަމަށެވެ. އެހެންކަމުން އެމީހުންގެ ކަންތައްތައް ބަލަހައްޓާނީ ތިންވަނަ ފަރާތުން ކަމަށެވެ.