އިސްރާއީލްގެ އަނިޔާވެރިކަމާއި ދެކޮޅު ހެދުމުގެ ގޮތުން އިނގިރޭސިވިލާތުގެ "ބްރިޓިޝް ގޮޓް ޓެލެންޓްގެ" ފަނޑިޔާރު ސައިމަން ކައުލް އިސްރާއީލް ބޮއިކޮޓް ކޮށްފިއެވެ.

ބްރިޓިޝް ގޮޓް ޓެލެންޓާއި ދާދި އެއްގޮތަކަށް އިސްރާއީލްގައި ކުރިއަށްދާ ޝޯއެއް ކަމަށްވާ "އެކްސް ފެކްޓާ" ގައި ސައިމަން ހާއްސަ މެހެމާނެއްގެ ގޮތުގައި މިއަހަރު ފަހުކޮޅު ބައިވެރިވާން ވަނީ ތާވަލް ކޮށްފައެވެ. ނަމަވެސް މިހާރު ރިޕޯޓްތައް ބުނާ ގޮތުގައި އެކްސް ފެކްޓާ ޝޯގައި ބައިވެރިވާން އިސްރާއީލަށް ނުދާނެކަން ސައިމަން މިހާރު ވަނީ އަންގާފައެވެ.

އިސްރާއީލަށް ނުދާން ނިންމި ސަބަބެއް ސައިމަން ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ. ނަމަވެސް އިސްރާއީލްގެ މީޑިއާތަކުން ބުނާ ގޮތުން ސައިމަން އެނިންމުން ނިންމާފައި ވަނީ މިމަހު 11 ދުވަސް ވަންދެން އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތައް ކުއްވެރިކުރުމުގެ ގޮތުންނެވެ.

ސައިމަން އަކީ ކްރިސްޓިއަނެކެވެ. ނަމަވެސް އޭނާގެ ބައްޕަ އެރިކް އާއި ސައިމަންގެ މިހާރުގެ ލޯބިވެރިޔާ ލޯރެން އަކީ ޔަހޫދީއެކެވެ.

ސައިމަންގެ އިތުރުން ބައެއް އެހެން ފަންނާނުން ވެސް ވަނީ އިސްރާއީލްގެ އަނިޔާވެރިކަން ކުއްވެރިކޮށް ވާހަކަދައްކާފައެވެ.

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ޣައްޒާ އިން 248 މީހަކު ޝަހީދުވިއެވެ. އޭގެތެރޭގައި 66 ކުޑަކުދިން ވެސް ހިމެނެއެވެ.

މެއި މަހުގެ 10 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ 21 ވަނަ ދުވަހަށް އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތައް ހުއްޓާލީ ހުއްޓުމެއްނެތި ދިން ހަމަލާތަކުން ވެސް ޣައްޒާގެ މުޖާހިދުންގެ ހަމަލާތައް ހުއްޓުމަކަށް ނުގެނެވުމުންނެވެ. ހަމަލާތަކުގައި ޣައްޒާގެ އާއްމުން ދިރިއުޅޭ ގިނަ އިމާރާތްތަކެއް ވެސް ވަނީ ބިމާއި ހަމަވެފައެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް މިވަގުތައް ހުއްޓާލާފައި އޮތްނަމަވެސް އަދިވެސް ޣައްޒާ އަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ވެސް އިސްރާއީލުން ދަނީ ހުރަސް އަޅަމުންނެވެ.