1990ގެ ފަހު އަހަރުތަކުގައި ހިންދީ ފިލުމުތަކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޗަންދުރަޗޫރު ފިލުމީ މަސައްކަތާއި ދުރުގައި ހުރުމަށްފަހު އަނެއްކާ ވެސް ފިލުމީ މަސައްކަތްތައް ފަށަައިފިއެވެ.

ފިލުމީ މަސައްކަތްތަކާއި ދުރަށް ދާން ޖެހުނު ސަބަބު އިންޑިޔާގެ ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިންޑިޔާއަށް ކިޔައިދެމުން ޗަންދުރަޗޫރު ބުނެފައިވަނީ އޭނާއަކީ އެކަނިވެރި ބައްޕައެެއް ކަމަށެވެ. އެހެން ކަމުން އޭނާގެ ގިނަ ވަގުތުތައް ހޭދަކުރަން ޖެހެނީ ދަރިފުޅާއި އެކު ދަރިފުޅުގެ ކަންތައްތަކުގައި ކަމަށެވެ.

''ހަގީގަތުގައި އަހަރެންނަކީ އެކަނިވެރި ބައްޕައެެއް. އެހެންވެ އަހަރެންގެ ގިނަ ވަގުތުތައް ހޭދަކުރަން ޖެހެނީ ދަރިފުޅުގެ ކަންތައްތަކުގަ. އެކަން އަހަރެން ކުރަނީ ވަރަށް ކުރާ ހިތުން، ވަރަށް ޝައުގުވެރިކަމާއިއެކު. އެހެންކަމުން ބައްޕަގެ ރޯލު އަދާކުރުމުގައި ހުރިހާ ވަގުތެއް ކަހަލަ ގޮތަކަށް ދަނީ'' ޓައިމްސް އޮފް އިންޑިޔާއަށް ދިން ބަސްދީގަތުމެއްގައި ޗަންދުރަޗޫރު ސިންގް ބުނެފައިވެއެވެ.

ޗަންދުރަޗޫރަކީ ރަނގަޅު ބައްޕައެއްތޯ ސުވާލު ކުރެވުމުން އެހުމުން އޭނާ ބުނެފައިވަނީ އެ ސުވާލަށް އެންމެ ރަނގަޅަށް ޖަވާބު ދެވޭނީ އޭނާގެ ދަރިފުޅަށް ކަމަށެވެ. ދަރިފުޅުގެ ކަންތައްތައް ބަލަހައްޓަމުން އެކަންތައްތައް ދަސްކުރަމުންދާ ކަމަށް ވެސް ޗަންދުރަޗޫރު ބުނެފައިވެއެވެ.

ދަރިއަކު ބަލައި ބޮޑު ކުރުމަކީ ވަރަށް ބުރަ މަސައްކަތެއް ކަމަށް އޭނާ ބުނެފައި ވެއެވެ. އެކަމުގައި ގޯސް ހެދޭނެ ކަމަށާއި ވަރަށް އުފާވެރި ވަގުތުތައް އަންނާނެ ކަަމަށްވެސް ބުނެފައި ވެއެވެ. އެތައް ބައިވަރު ކަމެއް ދަސްވާނެ ކަމަށާއި އަދި އިތުރަށް ކަންތައްތައް ރަނގަޅު ކުރުމުގެ ޝައުގުވެރިކަން ވެސް އުފެދޭނެ ކަަމަށް އޭނާ ބުނެފައިވެއެވެ.

1996 ވަނަ އަހަރު ''ތެރޭ މެރޭ ސަޕްނޭ'' އިން ބޮލީވުޑަށް ތަޢާރަފުވި ޗަންދުރަޗޫރު ވަނީ މިދިޔަ އަހަރުގެ ވެބް ސީރީޒެއް ކަމަށްވާ ''އާރްޔާ'' އިން ފެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު