މެއި މަހުގެ 13 ވަނަ ދުވަހު ރިލީޒް ކުރެވުނު ސަލްމާން ޚާންގެ ފިލުމު ''ރާދޭ: މޯސްޓް ވޯންޓެޑް ބާއީ'' ފިލުމު ރިވިއު ކުރި ޔޫޓިއުބަރއަކަށް ސަލްމާންގެ ގާނޫނީ ޓީމުން ނޯޓިސް ފޮނުވާފިއެވެ.

ޔޫޓިއުބަރ ކަމާލް އާރް ޚާން މި ނޯޓިސްގެ ފޮޓޯއެއް ޓުވިޓާގައި ހިއްސާކޮށް ބުނެފައިވަނީ ބަދުނާމު ކުރުމުގެ ނަމުގައި ފޮނުވި ނޯޓިސްގެ ސަބަބުން ފިލުމާއި މެދު ސަލްމާންގެ ވެސް އުއްމީދެއް ނެތް ކަމަށެވެ. އަދި އޭނާ ކުރަމުން އެ ދަނީ އޭނާގެ މަސައްކަތް ކަމަށާއި އޭނާގެ މަސައްކަތަކީ ފޮލޯވަރުންނަށް ފިލުމުގެ ރިވިއުއެއް ދިނުން ކަމަށެވެ.

ފިލުމު ރިވިއު ކުރުން ހުއްޓުވުމުގެ ބަދަލުގައި ރަނގަޅު ފިލުމެއް އުފެއްދުމަށް ގޮވާލައި ކަމާލް ބުނެފައިވަނީ އޭނާ ހާމަކޮށްދޭނީ ކަން އޮތް ގޮތް ކަމެެވެ.

އިތުރު ޓުވިޓާއެއްގައި ކަމާލް ބުނެފައިވަނީ އެއްވެސް ފިލުމެއްގެ ޕްރޮޑިއުސަރެއް ނުވަތަ އެކްޓަރެއް ނަމަވެސް އެމީހުންގެ ފިލުމު ރިވިއު ނުކުރުމަށް އެދިއްޖެ ނަމަ އެކަން އޭނާ ނުކުރާނެ ކަމަށާއި ނަމަވެސް ސަލްމާން ލީގަލް ނޯޓިސްއެއް ފޮނުވުމުން މިކަމާއި މެދު ދެކޭގޮތް އެނގިއްޖެ ކަމަށެވެ. އަދި މީގެފަހުން ސަލްމާންގެ އެއްވެސް ފިލުމަކަށް ރިވިއު ނުދޭނެކަމަށާއި އެއީ ކަމާލްގެ ފަހު ވީޑިއޯ ކަމަށް ވެސް މި ޓުވީޓުގައި ބުނެފައިވެއެވެ.

ސަލްމާންގެ ބައްޕަ ސަލީމް ޚާނަށް ޓެގްކޮށް އެހެން ޓުވީޓެއްގައި ކަމާލް ބުނެފައިވަނީ އޭނާ ފިލުމު ރިވިއު ކުރަނީ މުނިފޫހިފިލުވުމުގެ ގޮތުން ކަމަށާއި އެއީ އެއީ އެއްގޮތަކަށް ވެސް ސަލްމާން ބަދުނާމު ކުރުމަށް ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ. ނަމަވެސް މިކަމުގެ ސަބަބުން ސަލްމާނަށް އަސަރު ކުރާނަމަ އެކަން ދެން ނުކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.