މަނީ ހެއިސްޓްގެ ފަސް ވަނަ ސީޒަން ރިލީޒް ކުރާ ތާރީހު ނެޓްފްލިކްސް އިން އިއުލާން ކޮށްފިއެވެ.

ސްޕެނިޝް ކްރައިމް ޑްރާމާ ލަ ކަސަ ޑަ ޕަޕެލް (މަނީ ހައިސްޓް)ގެ އަސަރުގަދަ ޓީޒާއެއް މިދިޔަ ހޯމަ ދުވަހު (މޭ 24) ވަނީ އާންމު ކޮށްފައެވެ. ޓީޒާ އިން ފެނުނު ގޮތުގައި މި ސީޒަންގައި ގެނެސް ދޭން ނިންމާފައިވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ.

ސީޒަން 5 ގެ ފުރަތަމަ ބައި ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހު ބެލުންތެރިންނާ ހިސާބަށް ގެނެސްދޭ އިރު، ދެ ވަަނަ ބައި ގެނެސްދޭން ތާވަލް ކޮށްފައިވަނީ އޭގެ ތިން މަސް ދުވަސް ފަހުން ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު ކަމަށެވެ. މިއިން ކޮންމެ ބައެއްގައި ހިމެނެނީ ފަސް އެޕިސޯޑެވެ.

"އެންމެ މުހިންމު ވަގުތަކީ އެނބުރި އައުމެއް ނެތްކަން އަމިއްލައަށް ގަބޫލުކުރެވޭ ވަގުތު" ހޯމަ ދުވަހު އާންމު ކޮށްފައިވާ ޓީޒާގައި ޓޯކްޔޯ މި ޖުމްލަ ބުނެލާ މަންޒަރު ދައްކުވައިދެއެވެ.

ޕްރޮޑިއުސާ އެލެކްސް ޕީނާ ބުނެފައިވަނީ ސީޒަން 5 ގެ ދެވަނަ ބައިގައި ބޮޑަށް ބަލާފައިވާނީ ކެރެކްޓާސް ތަކުގެ އިމޯޝަނަލް ހާލަތު ދައްކުވައިދިނުމަށް ކަމަށެވެ. ކޮވިޑް އާލަމީ ވަބާގެ ތެރޭގައި މަސައްކަތް ކުރަން ޖެހުމުން ކުއްލި ބަދަލުތަކެއް ދިހަ އެޕިސޯޑަށް ވެސް ގެންނަން ޖެހުނުކަމަށް ބުނެފައިވެއެވެ.

ޕްރޮފެޝަނަލް ބޮޑު ރޭވުމެއްގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ފޭރިގަންނަން ޓީމަކުން ކުރާ މަސައްކަތް ދައްކުވައިދޭ މި ސީރީސް އަކީ ދިވެހިން ހިމެނޭހެން ދުނިޔޭގެ ވެސް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ ސީރީޒް އެކެވެ.

މިހާތަނަށް ކާމިޔާބު ހަތަރު ސީރީޒް ބެލުންތެރިންނަށް ފެނިފައިވެއެވެ. އަލަށް ނުކުތުމަށް ހަމަޖެހިފައި ވަނީ މި ސީރީޒްގެ އެންމެ ފަހުގެ ބައިތަކެވެ.