އިންޑިޔާގެ މަރުކަޒީ ސަރުކާރުން ހިންގާ ހޮސްޕިޓަލަކަށް، ހިތުގެ ސީރިޔަސް އޮޕަރޭޝަނެއް ކުރަން ގެންދިޔަ ތުއްތު ކުއްޖަކު، 2023 ވަނަ އަހަރު އޮޕަރޭޝަން ކުރަން ގެންނަން ބުނި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ، ދިއްލީގައި ހުންނަ "އޯލް އިންޑިޔާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް" ގެ މައި ހޮސްޕިޓަލުގައެވެ.

ހިތުގައި ލޯވަޅެއް ހުރުމުގެ ސަބަބުން އޮޕަރޭޝަނެއް ކުރަން ގެންދިޔަ ހަތަރު މަހުގެ މި ކުއްޖާގެ މައިންބަފައިންގެ ކައިރީގައި، 2023 ވަނަ އަހަރު އަންނަން ބުނެފައިވަނީ، އޭގެކުރިން އެހޮސްޕިޓަލުގައި އޮޕަރޭޝަން ކުރެވެން ނެތުމުންކަމަށާއި، އެހާތަނަށް މުޅި ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރުތައްވަނީ ފުލްވެފައިކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ.

މިކަމާ ގުޅިގެން މި ކުއްޖާގެ ބައްޕަ ބުނެފައިވަނީ އޭނާއަކީ ފަޤީރެއްކަމަށާއި އޭނާގެ އަތުގައި ޕްރައިވެޓް ހޮސްޕިޓަލަކުން މި އޮޕަރޭޝަން ކުރާނެ ފައިސާ ނެތްކަމަށެވެ. އަދި، ދަރިފުޅު ސަލާމަތް ކުރަން ޖެހޭކަމަށާއި މިއަދު މިވަނީ މުޅިން ގޮތްހުސްވެފައިކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ސަރުކާރުން ހިންގާ ފެންވަރު ރަނގަޅު ހޮސްޕިޓަލެއްކަމުން، އެތަނުން ފަރުވާ ހޯދުމަށް ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ދާއިރު، ދިއްލީގައި ހުންނަ މައި ހޮސްޕިޓަލަށް އޮންނަ ބުރަ ލުއިކުރުމަށް، އެތަނުގެ ގޮފިތަކަށް، އިންޑިޔާގެ އެހެން ސަރަޙައްދުތަކުގައިވެސްވަނީ ހުޅުވާފައެވެ.

މި މައްސަލަ ފެންމަތިވުމާ ގުޅިގެން، އެޤައުމުގެ ޔޫނިއަން ހެލްތު މިނިސްޓަރު ބުނެފައިވަނީ މިއީ އެހޮސްޕިޓަލުގައި ޖާގައިގެ ދަތިކަން ކުރިމަތިވެފައިވީކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު