ބޮލީވުޑުގައި އެފަދަ ދެވަނައެއް ނުވާ ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ބަޔޯޕިކް "ސަންޖޫ" އެޅުވުމަށް ދަނީ ވަގުތު ކުޑަތަންވަމުންނެވެ. އޭނާގެ ޙަޔާތުގެ އުސްއަލިތަކާއެކު ރަންބީރު ކަޕޫރު މި ފިލްމުން ފެނިގެންދާއިރު، ގިނަ ބަޔަކު ދަނީ ފިލްމަށް އިންތިޒާރު ކުރަމުންނެވެ.

ފިލްމު އިޝްތިހާރު ކުރުމުގެ މަސައްކަތް، ހަލުވިކަމާއެކު ކުރަމުންދާއިރު، ސަލްމާން ޚާންވަނީ ފިލްމާ ގުޅިގެން ކޮމެންޓެއް ކޮށްފައެވެ. އޭނާ ބުނެފައިވަނީ ފިލްމުގެ ފަހު ބައިގައި، ސަންޖޭގެ ރޯލުން ފެނިގެންދާން ޖެހޭނީ ސަންޖޭކަމަށާއި، ރަންބީރު ނޫންކަމަށެވެ.

ސަންޖޫގެ ޕޯސްޓަރެއް
ސަންޖޫގެ ޕޯސްޓަރެއް

މިކަމަށް ރައްދު ދިނުމަށްފަހު ރަންބީރު ބުނެފައިވަނީ، ދުވަހަކުވެސް އެއްވެސް ބަޔޯޕިކެއްގައި، އެމީހެއްގެ އަމިއްލަ ރޯލުން އެމީހާ ނުފެންނާނެކަމަށާއި އޭރުން ކެރެކްޓާގެ ބާރު ދަށްވާނެކަމަށެވެ. އަދި، އޭނާ، ސަންޖޭއާ ސީދާ އެއްގޮތް ނުވާނެކަމަށާއި، ދެވަނަ ސަންޖޭއަކަށް ނުވާނެކަމަށްވެސް ބުނެފައިވެއެވެ. އެހެންނަމަވެސް، ރޯލުން ދައްކައިދޭން ޖެހޭ ބައިތައް، އެންމެ ފުރިހަމަ ދައްކައިދިނުމަށް އޭނާ މަސައްކަތް ކޮށްފައިވާކަމަށް ބުނެފައިވެއެވެ.

ހަމައެހެންމެ، ބެލުންތެރިން ފިލްމު ބަލާއިރުވެސް، ފިލްމުގައި އުޅެނީ ސީދާ ސަންޖޭ ނޫންކަމާއި ފިލްމުގައި ސަންޖޭގެ ކެރެކްޓާ ދައްކައިދެނީ އެހެން ފަންނާނެއްކަން ބެލުންތެރިންނަށްވެސް އެނގެން ޖެހޭކަމަށް ރަންބީރު ބުނެފައިވެއެވެ.

މި މަހުގެ 29 ވަނަ ދުވަހު މި ފިލްމު އެޅުވުމަށް ތައްޔާރުވަމުންދާއިރު، ފިލްމުގެ އެހެން ރޯލުތަކުން އަނުޝްކާ ޝަރުމާ، ސޯނަމް ކަޕޫރު އަދި ދިޔާ މިރްޒާވެސް ފެނިގެންދާނެއެވެ. މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ ރާޖްކުރާމު ހިރާނީ އެވެ.