ދިވެހި ފިލްމު އިންޑަސްޓްރީ އަށް ބޮޑު އިންގިލާބެއް ގެނެސްދިން ބަތަލާ ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު "ނިވައިރޯޅި"ގެ ޝޫޓިން ފަށައިފި އެވެ.

ވަރުގަދަ ކާސްޓަކާ އެކީ ފިލްމުގެ ޝޫޓިންނަށް އިއްޔެ ގިނަ ތަރިންތަކެއް ރ. އިނގުރައިދޫއަށް ފުރާފައިވާއިރު ރ. އަތޮޅުގެ އުނގޫފާރުގައި ވެސް އެ ފިލްމުގެ ބައެއް މަންޒަރުތަކެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ.

މޫމިން ފުއާދުގެ ޑައިރެކްޝަނަކަށް އުފައްދާ އެ ފިލްމުގެ ހުރިހާ އިންޑޯ މަންޒަރެއް ނަގާނީ އިނގުރައިދޫގަ އެވެ.

އަދި ފިލްމުގެ ޝޫޓިން އެއްކޮށް ނިންމާލެވޭނީ 25 ވަރަކަށް ދުވަހުން ކަމަށް " ސަން " އަށް ދިން އިންޓަވިޔުއެއްގައި ނިއުމާ ބުނެފައިވެއެވެ.

"ފިލްމުގެ ޝޫޓިން އެއްކޮށް ނިންމާލެވޭނެ 25 ދުވަހުން. ހުރިހާ އިންޑޯ މަންޒަރުތަކެއް އިނގުރައިދޫގައި ނަގާގޮތަށް އޮތީ. އުނގޫފާރުގައި ވެސް މަންޒަރެއް ނަގާގޮތަށް. މާލޭގައި އައުޓްޑޯ މަންޒަރުތައް،" ސަން" އަށް މައުލޫމާތު ދެމުން ނިއުމާ ބުނެފައިވެއެވެ.

މަޝްހޫރު އެތަކެއް ތަރިންނެއް އެއް ފިލްމަކުން ފެނިގެންދާ އެ ފިލްމުގެ ލީޑު ރޯލުތަކުން ފެނިގެންދާނީި ޔޫސުފް ޝަފީއު (ޔޫއްޕެ)، ފާތިމަތު ޒީނަތު (ޒީތު)، ނިއުމާ މުހައްމަދު، އަދި އަހްމަދު ސައީދުއެވެ. އެހެންތަރިންގެ ތެރޭގައި ހިމެނެނީ އަމިނަތު ރިޝްފާ، އަހްމަދު ޒިޔާ، ފާތިމަތު ޒީނަތު (ޒީތު)،މަރިޔަމް ޝަކީލާ، މަރިޔަމް ހަލީމް، އަމިނަތު ރަޝީދާ (އައިންތު)، އަހްމަދު އަޒްމީލް (އަޒޭ)، ނާޝިދާ މުހައްމަދު (ނާއްކޮ)، އިސްމާއިލް ޒާހިރު،އަހްމަދު އާސިފް، އަޖްނާޒް އަލީ އަދި އާމިނަތު އިޝާލް ރަޝީދު އެވެ.

އަދި ނިއުމާގެ ފަހު ފިލްމު ކަމަށްވާ ނިވައިރޯޅި އަކީ ހުރިހާ ގޮތަކުންވެސް ވަރަށް ހާއްސަ ފިލްމެއް ކަމަށް ނިއުމާ ވަނީ މީގެ ކުރިން ބުނެފައެވެ.