އެމެރިކާގެ ހައި ސްކޫލް ދަރިވަރަކަށް ތިން ވަނަ ލިބުމުން އެކަން ގަބޫލުނުކޮށް އެދަރިވަރާއި އޭނާގެ ބެލެނިވެރިން ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

އަލްޕިން ހައި ސްކޫލްގައި ތައުލީމް ހާސިލް ކުރަމުން އައި ޑަލީ ސުލިވަން ނަމަކަށް ކިޔާ ދަރިވަރު ކޯޓަށް މައްސަލަ ހުށަހެޅީ އޭނާ އަށް ލިބުނު މާކްސް ގުނުމުގައި ސްކޫލުން ގޯސްތައް ހަދާފައިވާ ކަމަށް ބުނެއެވެ. ނަމަވެސް ސްކޫލުން ބުނާ ގޮތުގައި ލިބުނު ޝަކުވާތަކާއި ގުޅިގެން އަލުން މާކުސް ބެލި އިރު ވެސް ޑަލީއަށް މާކްސް ދިނުމުގައި ގޯހެއް ހެދިފައި އޮތް ކަމަކަށް ނުބެލެވެއެވެ.

އުމުރުން އެންމެ 18 އަހަރުގެ ޑަލީ މިމައްސަލައިގައި ކޯޓުގައި ވަކާލާތު ކުރަނީ އެއްވެސް ވަކީލެއްގެ އެހީތެރިކަން ނުހޯދައި އަމިއްލައަށެވެ. ސްކޫލްގެ ބަހުސް މުބާރާތުން އެއްވަނަ ޑަލީއަށް ލިބިފައި ވީނަމަވެސް އޭނާއަށް ގާނޫނީ ދާއިރާއިން އެއްވެސް ތައުލީމެއް އަދި ތަޖުރިބާއެއް ވެސް ލިބިފައި ނެތެވެ. ނަަމަވެސް މިމައްސަލައިގައި އަމިއްލަ އަށް ވަކާލާތު ކުރަން އޭނާ ނިންމީ މައްސަލައިގެ ގާނޫނީ ފީގެ ގޮތުގައި ވަކީލުންނަށް 75000 ޑޮލަރު ދޭން ޖެހުމުންނެވެ. އެވަރުގެ އަދަދެއް ވަކީލުންނަށް ދެވޭވަރުގެ މާލީ ގާބިލްކަމެއް ޑަލީގެ އާއިލާގެ ކިބައަކު ނެތެވެ.

މައްސަލަ ކޯޓަށް ހުށަހެޅުމުން މިހާރު ވަނީ އެއްއަޑުއެހުން ބާއްވާފައެވެ. ކޯޓުން މިހާރު ވަނީ މަޝްވަރާ ކޮށްގެން މައްސަލަ ހައްލު ކުރުމުގެ ފުރުސަތު ޑަލީ އާއި އޭނާގެ ސްކޫލަށް ދީފައެވެ.

މަޝްވަރާ ކޮށްގެން މައްސަލަ ހައްލު ކުރުމުގެ ފުރުސަތު ދިން ނަމަވެސް ޑަލީ ބުނެފައި ވަނީ ބޮޑު ރަސްމިއްޔާތެއް ބާއްވާ މިހާރު އޭނާ ނުހިމަނައި ސްކޫލްގެ ވަނަތަކަށް ހޮވުނު ދަރިވަރުންނަށް އެވޯޓް ދީފައިވާ ކަމަށާއި އެހެންކަމުން އޭނާއަށް އިޔާދަ ނުކުރެވޭނެ ގެއްލުމެއް މިހާރު ވެސް ލިބިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު