އިންޑިޔާގެ އުއްތަ ޕްރަދޭޝްގެ އެކި ޖަލުތަކުން 21 މީހަކު، ޖަލުން ނިކުންނަން ބޭނުން ނުވާ ކަމަށް ބުނެފިއެވެ. މި މީހުން މިހެން ބުނެފައިވަނީ އެމީހުންނަށް މިވަގުތަށް އެންމެ ރައްކާތެރީ ޖަލު ކަމަށް ވާތީއެވެ.

އުއްތަ ޕްރަދޭޝްގެ ޖަލުގެ ކަންތައްތަކާއި ހަވާލުވެ ހުންނެވި އާނަންދު ކުމާރު ބުނެފައިވަނީ ނުވަ ޖަލެއްގައި ތިބި އެކާވީސް ގައިދީން ޖަލުން ބޭރަށް ދިޔުމަށް ބޭނުން ނުވާ ކަމަށެވެ. ކޮވިޑް-19ގެ މި ނުރައްކާތެރި ހާލަތަށް ބަލައި އެމީހުންނަށް އެންމެ ރައްކާތެރީ އަދި އެމީހުންނަށް އެންމެ ރަނގަޅަށް ކަންތައް ކޮށްދެނީ ޖަލުން ކަމަށް ވާތީއެވެ.

''ކޮވިޑުގެ ރައްކާތެރިކަމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް ވެސް އަހަރެމެން އަޅަން. އަދި ކޮންމެ ގައިދީއެއް ވެސް ވަރަށް ރަނގަޅަށް ބަލަހައްޓަން'' އާނަންދު ކުމާރު ބުނެފައިވެއެވެ.

އުއްތަ ޕްރަދޭޝްގެ ޖަލުތަކުގައި ތިބި މީހުން ގިނަވެ ބައިބޯވާން ފެށުމުން ކޮރޯނާ ވައިރަސްގެ ދެވަނަ ރާޅުގެ ސަބަބުން ދަނީ އެތައް ގައިދީންއެއް މިނިވަން ކުރަމުންނެވެ. މިހާތަނަށް 10،123 ގައިދީން ވަނީ ޖޫރިމަނާ ދެއްކުމަށް ފަހު ދޫކޮށްލާފައި ކަމަށް ވެސް އާނަންދު ކުމާރު ބުނެފައިވެއެވެ.

މީގެތެރެއިން 8،463 މީހުން ވަނީ ސްޕްރީމް ކޯޓު މެދުވެރިކޮށް ދައްކަން ޖެހޭ ޖޫރިމަނާތައް ދެއްކުމުން ދޫކޮށްލާފައެވެ. އަދި 1،660 މީހުން ވަނީ 60 ދުވަހަށް ގޭ ބަންދަށް ދޫކޮށްލާފައެވެ.

އިންޑިޔާގައި ކޮވިޑްގެ ބިރުވެރިކަން ވަނީ އިންތިހާއަށް ގޮސްފައެެވެ. ކޮރޯނާ ވައިރަސްގެ ދެވަނަ ރާޅާއި އެކު އެތައް ބަޔަކު މަރުވެ، އެތައް ބަޔަކު ވަނީ މަރުގެ ތުންފަތް މަތީގައެވެ.

ކިޔުންތެރިންގެ ހިޔާލު