ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާންގެ ކެރިއަރ ހަލާކުކޮށްލާނެ ކަމުގެ އިންޒާރެއް ދީފިއެވެ.

މި އިންޒާރު ދީފައި ވަނީ އޭނާގެ އެންމެ ފަހުގެ ފިލުމު ''ރާދޭ: މޯސްޓް ވޯންޓެޑް ބާއީ'' ރިވިއު ކުރި ޔޫޓިއުބަރ ކަމާލް ޚާންއެވެ.

އޭނާ މި އިންޒާރު ދީފައި ވަނީ އޭނާއާ ދެކޮޅަށް މައްސަލަ ޖައްސާފައިވާތީ ކަމަަށް ވެއެވެ.

ޓުވިޓާގައި ބަރިބަރިއަށް ކޮށްފައިވާ ޓުވީޓުތަކެއްގައި ކަމާލް ވަނީ އޭނާގެ އިހުސާސްތައް ބަންޑުން ކޮށްލާފައެވެ.

އޭނާ ބުނެފައި ވަނީ، ބޮލީވުޑުގެ އެތައް ފަންނާނެއްގެ ކެރިއަރ ސަލްމާން ހަލާކު ކޮށްފައިވާ ކަމަށާއި ނަމަވެސް މިފަހަރު އެ ކުރިމަތިލީ ނުބައި މީހަކާ ކަމަށެވެ.

ވިވެކް، ޖޯން، އަރްޖީތު ބެޗަރޭގެ ކެރިއަރ ހަލާކު ކޮށްލާފައިވަނީ ސަލްމާން ކަމަށް ވެސް ކަމާލްގެ ޓުވީޓުތަކުގައިވެއެވެ.

''ބޮލީވުޑުގެ 20 މީހެއްގެ ސަޕޯޓު އަހަރެންނަށް ދޭނެ ކަމަށް އެމީހުން ގުޅާފައި ބުނި. އަހަރެން ކުރަން މިއުޅޭ ކަންތައް އެމީހުންނަށް ނުކުރެވުނު ކަމަށް އެމީހުން ބުނި. އެއީ ސަލްމާން ޚާނާއި ރުޅިވެރިކަން ބޭއްވުމަށް އެމީހުން ބިރުގަންނާތީ. އަހަރެން ތި ހުރިހާ ފަރާތްތަކަށް ޝުކުރުވެރިވަން'' ކަމާލްގެ ޓުވީޓުގައި ވެއެވެ.

ކަމާލް ކޮށްފައިވާ އެހެން ޓުވީޓެއްގައި އޭނާ ބުނެފައިވަނީ ސަލްމާނާއި ދެކޮޅަށް ވާހަކަ ދައްކާފައިވާ އެތައް ބައެއްގެ ކެރިއަރ ހަލާކު ކޮށްލާފައިވާ ކަމަށެވެ. ނަމަވެސް މިފަހަރު ސަލްމާންގެ ކެރިއަރ ހަލާކު ކޮށްލާނީ އޭނާ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ސަލްމާންގެ ލީގަލް ޓީމުން ބުނެފައިވަނީ ކަމާލްއާއި ދެކޮލަށް މައްސަލަ ޖައްސާފައިވަނީ ފިލުމު ރިވިއު ކޮށްގެން ނޫން ކަމަށެެވެ.

އެ ޓީމުން ބުނީ، ކަމާލްއާ ދެކޮޅަށް މައްސަލަ ޖަައްސާފައި ވަނީ ސަލްމާނަކީ އަދި އޭނާގެ ބްރޭންޑް ''ބީންގ ހިއުމަން'' އަކީ ކަރަޕްޓް ވެފައިވާ ބައެއްކަމަށް ބުނުމުން ކަމަށެވެ.