މީގެ 40 އަހަރު ކުރިން ލޮލުގެ ފެނުން ގެއްލުނު އެމެރިކާ މީހަކަށް ލޮލުގެ ފެނުން އަނބުރާ ލިބިއްޖެއެވެ.

އެމެރިކާގެ މީޑިއާތަކުން ބުނާ ގޮތުގައި މިހާރު އުމުރުން 58 އަހަރުގެ ވެފައިވާ ފިރިހެނަކަށް އަލުން ލޮލުގެ ފެނުން ލިބުނީ އޮޕްޓޮޖެނެޓިކް ތެރަޕީއާއި އަދި ހާއްސަ ކަންތައްތަކެއް ހިމަނައިގެން އުފައްދާފައިވާ އައިނެއް ބޭނުން ކޮށްގެންނެވެ. މިއީ މިފަދަ ގޮތަކަށް މީހަކަށް އަލުން ފެނުން ލިބުނު ފުރަތަމަ ފަހަރެވެ.

ލޮލުގެ ފެނުން އަލުން ލިބުނު މީހާއަކީ ލޮލަށް ޖެހޭ ބައްޔެއް ކަމަށްވާ ނިއުރޯޑެނެރެޓިވް ޖެހިފައި ހުރި މީހެކެވެ. މިބަލީގެ ސަބަބުން އޭނާގެ ލޮލުގެ ފެނުން ވަނީ އެއްކޮށް ގެއްލިފައެވެ.

ލޮލުގެ ފެނުން އަލުން ލިބުނު މީހާއަށް ދިން ފަރުވާ އާއި ގުޅޭ ގޮތުން ޔުނިވަސިޓީ އޮފް ބަސެލްގެ ޕްރޮފެސަރ ބޮޓޮންޑް ރޮސްކާ ވިދާޅުވީ ފެނުން ގެއްލުނު މީހާ އަށް ފަރުވާ ދީފައި ވަނީ ފެނުން ގެއްލިފައިވާ ރެނީޓާގެ މައްޗަށް އާޓިފިޝަލް ފޮޓޯސެންސިޓިވް ފަށަލައެއް ލައިގެން ކަމަށެވެ.

ފެނުން ގެއްލުނު މީހާއަށް އަލުން ފެނުން ލިބުނު ނަމަވެސް އަދި އޭނާ އަށް މީހުން ވަކިކުރަން އެނގޭ ވަރަށް ލޮލަށް ނުފެންނަ ކަމަށް އޭނާ އަށް ދިން ފަރުވާ އާއި ގުޅޭ ގޮތުން އާއްމުކޮށްފައިވާ ދިރާސާ ކަރުދާހުގައި ބުނެފައި ވެއެވެ.

ދިރާސާ ކަރުދާހުގައި ބުނެފައި ވަނީ ކުރިން އެއްވެސް ތަނެއް، އެއްވެސް ގޮތަކަށް ނުފެނުނު ނަމަވެސް މިހާރު އޭނާ އަށް ފޯނާއި، ތައްޓާއި، ދޮރާއި، އަދި އެފަދަ އެހެން އެއްޗެހި ފާހަގަ ކުރަން އެނގޭ ވަރަށް ލޮލަށް ފެންނަ ކަމަށެވެ. އެހެންކަމުން މިއީ ވަރަށް ބޮޑު ކާމިޔާބެއް ގޮތުގައި އޭނާ އަށް ފަރުވާ ދިން ޑޮކްޓަރުންނާއި ސައިންސްވެރިން ފާހަގަ ކުރެއެވެ.

މިއީ ލޯ އަނދިރި މީހުންނަށް ފަރުވާ ދިނުމުގައި ވެސް ހޯދުނު އާދަޔާއި ހިލާފު ކާމިޔާބެއްގެ ގޮތުގައި ސައިންސްވެރިން ފާހަގަ ކުރެއެވެ. ސައިންސްވެރިން އުއްމީދު ކުރަނީ ދުރުނޫން މުސްތަގުބަލެއްގައި މިފަރުވާ އާއްމުކޮށް، އެންމެންނަށް ލިބިގެން ދާނެގޮތް ހެދޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު