"ތާޒަން" ގެ ކުރީގެ އެކްޓަރު ޖޯއި ލާރާ މަރުވެއްޖެއެވެ.

ޖޯއި ލާރާ މަރުވެފައި ވަނީ އޭނާ ދަތުރުކުރަމުން ދިޔަ ޖެޓު ވެއްޓުނު ހާދިސާގައެވެ. އޭނާއާއެކު އިތުރު ހަ މީހުން ވެސް މަރުވިއެވެ.

ލާރާ ދަތުރުކުރަމުން ދިޔަ ޖެޓް ވެއްޓިފައި ވަނީ އެމެރިކާގެ ޓެނެސީ ލޭކް އަށެވެ. އެ ޖެޓު ދަތުރުކުރަމުން ދިޔައީ ސްމަރާ ރަދާފޯޑް ކަންޓްރީ އެއާޕޯޓުން ޕާމް ބީޗް އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ މި ޖެޓް ވެއްޓުނު ގޮތް ތަހުގީގު ކުރަމުންނެވެ.

ޖޯއި ލާރާ އާއި އިތުރު ހަމީހުން ދަތުރުކުރަމުން ދިޔަ ޕްރައިވެޓް ޖެޓް ވެއްޓުމުގެ މި ހާދިސާގައި ޖޯއި ލާރާގެ އަންހެނުން ވެސް ވަނީ މަރުވެފައެވެ.

އުމުރުން 58 އަހަރުގެ ލާރާ މަޝްހޫރު ވެފައިވަނީ އެޑްވެންޗަ ސީރީސް އެއް ކަމަށްވާ ތާޒަންގެ މެއިން ބަތަލާގެ ރޯލުންނެވެ. މި ސީރީސްގައި 22 އެޕިސޯޑު ހިމެނޭ އިރު މި ސީރީސްގެ ޝޫޓިން ނަގާފައި ވަނީ 1996 ވަނަ އަހަރުން 2000 ވަނަ އަހަރާއި ހަމައަށެވެ.

ލާރާ ވަނީ ތާޒަން ކުޅުމަށްފަހު އަހަރުތަކެއް ފަހުން ތާޒަން އިން މެންހެޓެންގެ ނަމުގައި ފިލްމެއްވެސް ކުޅެފައެވެ.

މީގެ އިތުރުން ލާރާ ފެނިގެން ގޮސްފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި 'ސްޓީލް ފްރޮންޓިޔާ'، 'ސަންސެޓް ހީޓް'، 'ގަންސްމޯކް: ދަ ލާސްޓް އަޕާޗީ'، 'އެމެރިކަން ކައިބޯ: ސްޓީލް ވޯރިޔާ' ފަދަ ފިލްމުތައް ހިމެނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު