(ސައުވީސްވަނަ ބައި)

"އަހްލާމް އެ ދިޔައީ އަލީފްގެ ހިތް ފަތަޙަކޮށްފަ! އަލީފްގެ ހިތުގައި އަހަރެންނަށް އެއްވެސް ޖާގައެއް ނެތް!" ނަތާޝާ ޓިޝޫތަކެއް އަތަށް ބޮނޑިކޮށްލިއެވެ. "އަދިނުވެސް ލިބޭނެ!"

"ތިއެއްވެސް އެނގޭނީ ލޯބިވާ ވާހަކަ އަލީފްގެ ގާތުގައި ބުނީމައެއްނުން!" ލުކްޝާން ނަތާޝާއަށް ޚިޔާލެއް ދިނެވެ. "އެހެން ނޫނީ ދުވަހަކުވެސް އަލީފަކަށް ނޭނގޭނެ ނަތާޝާ އޭނާދެކެ އިންތިހާއަށް ލޯބިވާ ކަމެއް."

"އެނގޭނެ! އަލީފް ބޭނުމެއް ނުވޭ އެނގޭ ކަމަށް ހަދާކަށް!" ޓިޝޫއިން ނަތާޝާ ލޯ ފޮހެލީ ލޮލުގައި އަޅާފައި އޮތް ކަޅު ކުލައިގެ ރޮނގު ނުފިލާނޭހެންނެވެ. "ކުރިއަށް އޮތް ތަނުގައި، އެނގޭ ކަމަށް ނުވެސް ހަދާނެ. އަހްލާމް ނެތަތީވެ ހަފްތާއެއްގެ ތެރޭގައި އަލީފަށް އައިސްފައި ހުރި ބަދަލު..."

"އަޅުގަނޑަށް ބަދަލެއް އައި ވާހަކަތޯ؟" އަލީފް އައިސް އޮފީހަށް ވަނެވެ.

"އެ... އީ..." ނަތާޝާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

"ނަތާޝާ! އަހްލާމްގެ ވަޒީފާ ނުގެއްލޭނެހެން ވަޒީފާ ދުވަސްކޮޅަކަށް ހިފެހެއްޓުމަށް އެދި ސިޓީއެއް ޑްރާފްޓްކޮށްލާ!" އަލީފް ނަތާޝާގެ މޭޒު ކައިރިއަށް ޖެހިލިއެވެ. "ސަބަބަކަށް ލިޔުއްވާނީ އަހްލާމް ގެއްލިފައިވާ ކަމަށް އެ ފަރާތުގެ އާއިލާއިން ފުލުހަށް ރިޕޯޓްކޮށްފައި ވާތީ ކަމަށް."

"އަހްލާމް ގެއްލުނީއޭ!" ނަތާޝާގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ.

"އަޅުގަނޑަށް އެނގޭ އެފަދަ ކަމެއް ވީމަކަން އަހްލާމް އޮފީހަށް ނާންނަނީ!" ލުކްޝާންގެ މޫނުމަތިން ފެންނަމުން ދިޔައީ ހައިރާންކަމެވެ. "އަހްލާމް ކަހަލަ ރަނގަޅު ކުދިން އެއްވެސް ސަބަބެއް ނުދީ އޮފީހުން ކެނޑިގެން ނުދާނެ!"

"ލައްބަ! މިހާރު ފުލުސް އޮފީހުން އަހްލާމް ހޯދުމުގެ މަސައްކަތް އެބަ ކުރިއަށް ގެންދޭ! ފަހަރެއްގައި ލުކްޝާންމެންގެ އެއްބާރުލުން ތަހުޤީޤަށް ބޭނުން ވެދާނެ!" އަލީފަށް ހިންދިރުވައިލެވުނީ ބޭއިޚްތިޔާރުގައެވެ. "އަހަރެންނަށް އެނގޭ މައުލޫމާތެއްވިއްޔާ މިހާރު ފުލުހުންނަށް ކިޔައި ދީފިން."

"އަޅުގަނޑުގެ ފަރާތުން ތިކަމަށް ފުރިހަމަ އެއްބާރުލުން ދޭނަން!" އަހްލާމް ލިބިގަތުމުގެ އެދުމުގެ އުއްމީދު ލުކްޝާންގެ ހިތުން މަޑުމަޑުން ފަނޑުވިއެވެ. "އެކަމަކު ކާކުބާ އެފަދަ ކަމެއް އެގޮތަށް ކުރާނީ!"

"އާނ! އަހްލާމަކީ އެހާ ރަނގަޅު ކުއްޖެއް!" ބަސް ހުއްޓިފައި އިދެ ނަތާޝާ ވާހަކަދެއްކީ ގަދަކަމުންނެވެ.

"ޝުކުރިއްޔާ!" އަލީފް އޭނާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.

"އަހްލާމް! އަހްލާމް!"

އަހްލާމް ގަދަކަމުން ލޯ ހުޅުވައިލިއެވެ. މީހަކު ގޮވައި އަޑު އިވުމުންނެވެ. އަހްލާމަށް ހިންދިރުވައިލެވުނީ ނިކަން އުނދަގުލުންނެވެ. އޭނާގެ ކަރުތެރެ ހުރީ ހިކިފައެވެ. އެ ފިޔާތޮށި ކުލައިގެ ތުންފަތް ހުރީ ހުދުވެ ހިކިފައެވެ. މޫނުމަތީގައި ހުރި ތާޒާކަން ގެއްލި މީހާގެ ހަށިގަނޑުން ހީވަނީ ފެން ދަމާލާފައި ހުރި ހެންނެވެ. ލޯ ކައިރި ހުރީ ކަޅުވެފައެވެ. އޭނާގެ އެ ފަންފަން އިސްތަށިގަނޑު ހުރީ ކިހުޅިވެފައެވެ.

"އަހްލާމް!"

އެ ގޮވައި މީހަކު އަހްލާމަށް ތިންވަނަ ފަހަރަށް ގޮވައިލިއެވެ. އެހެނަސް އޭނާ އޮތް އެނދުމަތިން ތެދުވެ ބަލައިލާނެހާ ބާރެއް އޭނާގެ ހަށިގަނޑަކު ނެތެވެ. ރަނގަޅަށް ނުކައި ނުބޮއެ އުޅުމުގެ ސަބަބުން އޭނާއަށް ރަނގަޅަށް ވާހަކަނުދެއްކޭ ތާގައި ރަނގަޅަށް ލޯ ހުޅުވައި ބަލައިވެސް ނުލެވެއެވެ. އޭނާގެ ހަށިގަނޑު ވަރު ދޫވެގެން ދަނީ ރަނގަޅަށް ނުކައިތީއެވެ.

އަހްލާމް ރަނގަޅަށް ކައިން ބޭނުން ނުވަނީއެވެ. އެންމެ ކުޑަމިނުން ފެން ކޯވަރެއް އަރުތެރެއިން އެތެރެކުރާކަށް ވެސް އޭނާ ބޭނުމެއް ނުވެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ކާރުގައި ވަގަށް ގެންގޮސް ހައްޔަރުކުރި މީހާ ދޭ ކައި އެއްޗަކާމެދު ހިތުގައި އެތަކެއް ވަހުމާއި ޝައްކެއް އުފެދެނީއެވެ. މައިންބަފައިންނާ ވާހަކަނުދައްކާ ބަންދުކުރެވިފައިވާ ކޮޓަރިއެއްގައި އުޅެގެން އޭނާއަށް އޮތީ ކޮން އުފަލެއް ހެއްޔެވެ؟

"އަހްލާމް! ކީއްވެގެންތަ އަހަރެންނާ ވާހަކަ ނުދައްކަން ތިއުޅެނީ!" އެ މީހެއްގެ ގާތަށް ރުޅިއަންނަން ފެށިއެވެ. "އަހަރެން އަހްލާމްއާ ވާހަކަދައްކަން މަސައްކަތްކުރީ ވަރަށް ރީތިކޮށް!"

އަހްލާމް އަޑު އަންނަ ދިމާއަށް ކަޅި ހިންގައިލިއެވެ. އެހެނަސް އޭނާއަށް ކުރިމަތީގައި ހުރި މީހާ ފެންނަނީ ނިކަން ފުސްކޮށެވެ. އަހްލާމަށް އެ މީހެއްގެ އަޑުން އެއީ ކާކުކަން އެނގެއެވެ. ނަމަވެސް އެ މީހެއްގެ ނަން އަހްލާމްގެ ދުލުން ބުނަންވެސް އޭނާ ބޭނުމެއް ނުވެއެވެ. މިއަދު އަހްލާމަށް ރަނގަޅަށް ވާހަކަދެއްކުނަސް އެ މީހަކާ ވާހަކަދައްކާކަށް އޭނާ ބޭނުމެއް ނުވެއެވެ.

އަހްލާމް ކާރުގައި އިދެ ހަލޭލެވިއެވެ. ކޮޓަރީގައި ބަންދުކުރުމުން އެފަދަ އަދަބެއް ނުދިނުމަށް އެދި ރޮއެ އާދޭސް ކުރިއެވެ. މައިންބަފައިނާ ވާހަކަދެއްކުމަށް އެދި އެތައް ފަހަރަކު ފޯނު ދިނުމަށް އެދުނެވެ. އެހެނަސް އެ މީހަކު އޭނާގެ އާދޭސްތަކަށް ދިނީ ބީރު ކަންފަތެކެވެ. މިއަދު އަހްލާމްވެސް އޭނާގެ އެދުންތަކަށް އެ ދެނީ ބީރު ކަންފަތެކެވެ.

"އަހްލާމް! ޕްލީސް! އެންމެ ފަހަރަކު ނަމަވެސް އަހަރެންނާ ވާހަކަދައްކަބަލަ!" އެ މީހެއްގެ އަޑު ކުރެހިގެން ދިޔައެވެ. "އަހަރެން ފުރަތަމަ ދުވަސްތަކުގައި އަހްލާމާ ވާހަކަނުދެއްކީ އަހްލާމް ހަމައަކަށް އެޅޭތޯ! އަހްލާމަށް އަހަރެންގެ ބޭނުން އެނގޭތޯ!"

"އަހަރެން އަހްލާމާ ވާހަކަ ދެއްކީ އެހާ ލޯބިން! އެކަމަކުވެސް އަހަރެންނާމެދު އަހްލާމް ތިގޮތަށް ކަންތައް ކުރާނެ ކަމަކަށް އަހަރެން ހިޔެއް ނުކުރަން!" ވާހަކައަކަށްފަހު ވާހަކައެއް އޭނާ ބުނަމުން ދިޔައެވެ. "އަހަރެން ކޮންމެ ދުވަހަކު މީރު ކައި އެއްޗިއްސާއި ބުއިންތައް މިގެނެސްދެނީ. އެކަމަކު މިއިން އެއްޗެއް ޤަބޫލުނުކުރުން އެއީ އަހަރެންނަށް ދެވޭ އަނިޔާއެއް!"

އެ މީހާ ފެންފުޅި ނަގައި އަހްލާމްގެ ތުންފަތުގައި ޖައްސައިލިއެވެ. އެޔާއެކު އަހްލާމް ކޮށިއެރިއެވެ. އޭނާއާ ނުވަތަށް އަހްލާމް މޫނު އަނބުރައިލިއެވެ. އެއިން އިތުރު ފެން ފޮދެއް އަރު ތެރެއަށް ފޮނުވާލަން ބޭނުން ނުވާތީއެވެ. އެޔާއެކު އޭނާގެ ގާތަށް އިންތިހާއަށް ރުޅިއައެވެ. ބަންލާފައި ފެންފުޅި މޭޒުމަތީގައި ބޭންދިއެވެ. އޭނާ ނިކަން ބާރަށް ގޮށް މުއްކަވައިލިއެވެ. ދަތްކުނޑި ވިކައިލިއެވެ. އެހުރި ތަނުގައި ހުރެ ފުން ނޭވާތަކެއް ލުމަށްފަހު ބާރުބަރަށް ގޮސް ކޮޓަރިން ނުކުމެގެން ދިޔައެވެ.

ކޮޓަރީގެ ދޮރު ތަޅުލި އަޑު އިވުމުން އަހްލާމް މަޑުމަޑުން އެނދުން ތެދުވިއެވެ. ނިކަން އުނދަގުލުންނެވެ. އެޔާއެކު މޭޒުމަތީގައި ހުރި ފެންފުޅިން، ފެން ކޯވަރެއް ބޮއެލިއެވެ. ނުކައި އޮތަސް ފެން ނުބޮއެ ކެތް ނުކުރެވޭތީއެވެ. އަހްލާމް މަޑުމަޑުން އެނދުން ތެދުވަން ޤަސްތުކުރިއެވެ. އެހެނަސް ކޮޓަރިން ނުކުމެވޭތޯ އިތުރަށް މަސައްކަތްކުރުމަކީ ބޭކާރު ކަމެއް ކަން ވިސްނުމުން، އެ ޚިޔާލު ދޫކޮށްލިއެވެ. ހިތާހިތުން އޭނާ ﷲ އަށް ދުޢާކުރަން ފެށިއެވެ.

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތުމްސޭ

    މަށަށް ނިކަން ރީތި މިވާހަކަ. ތަންކޮޅެއް ދިގުކޮށް ގެނެސްދީބަލަ.

  2. ކިޔުންތެރިޔާ

    ވަރަށް ރީތި. ތަންކޮޅެއް ދިގުކޮށްބަލަ. ނޫނީ އަވަހަށް ގެނެސްދީބަލަ ބައިތައް

  3. ައަޅުގަނޑު

    ވާހަކަ ވީހާވެސް ފާސްޓު ކޮށް އަޕް ކޮށްލަދީބަ