އުމުރުން އެންމެ ފަސް ދުވަހުގައި، ރީނދޫވުމުގެ ސަބަބުން ފަރުވާދެމުންދިޔަ އެއްމާބަނޑު ދެކުއްޖެއްގެ ހަށިގަނޑު ވަރަށް ބޮޑަށް ފިހިގެން މަރުވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ޒިމްބަބްވޭގެ ހޮސްޕިޓަލެއް ކަމަށްވާ ހަރަރޭ ހޮސްޕިޓަލުގައެވެ. އެ ހޮސްޕިޓަލްގައި ވިހެއި އަންހެނެއްގެ ދެ ކުދިން ރީދޫވެގެން ފަރުވާދެމުން ދިޔައީ ފޮޓޯތެރަޕީ މެޝިނަކަށް ލައިގެންނެވެ. މިދިޔަ ހަފްތާ ތެރޭގައި މި ހަދިސާ ހިނގިއިރު، މިކަން ހިނގިގޮތް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ވަކިން ހުރި ވޯޑެއްގައި ބާއްވައިގެން ފޮޓޯތެރަޕީ މެޝިނުގައި ފަރުވާދެމުން ދިޔަ އެ ދެ ކުދިން މަރުވީ ޑީހައިޑްރޭޓްވެ ހަންގަނޑު ފިހިގެންނެވެ. އެގޮތަށް ވާން ދިމާވީ އެ މެޝިނަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށް ލަފާ ކުރެވޭކަމަށް ހޮސްޕިޓަލާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އެކުދިންނަށް ނުރައްކާ ކުރިމަތިވެ ފުރާނަ ވަކިވެދިޔައީ، މެޝިނަށް ލުމަށްފަހު އިތުރަށް ބަލަން ޖެހޭ ވަރަށް ނުބެލުމުންކަން ވަނީ އެނގިގެން ގޮސްފައެވެ. މި ހާދިސާގައި އެ ދެކުދިން މަރުވިކަން އެންމެ ފުރަތަމަ އެނގުނީ، ގާތުން ދިނުމަށް އެ ކުދިން މަންމަ މެޝިން ކައިރިއަށް ގެންދިޔަ ވަގުތުއެވެ.

އެ ހޮސްޕިޓަލުން މައުލޫމާތުދިން ގޮތުގައި، މި ދެ ކުދިން މަރުވީ އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އިހުމާލުންނެވެ. އާއްމުކޮށް މިގޮތަށް ހާއްސަ ފަރުވާދޭ ކުދިންގެ ކަންތައް ވަރަށް ގާތުން ބަލަން ނަރުހުން ތިބޭއިރު، މި ހާދިސާ ހިނގާފައި މި ވަނީ އެ ކުދިންގެ ގާތުގައި ނަރުހެއް ނެތި ގިނަ އިރުތަކެއް ވުމުންކަމަށް ބެލެވޭކަމަށް ހޮސްޕިޓަލުން ބުންޏެވެ.

ކަމާއި ބެހޭ އިދާރާތަކާއި ގުޅިގެން ހޮސްޕިޓަލުން މިހާރު މި މައްސަލަ ތަހުޤީޤުކުރަމުން ދާއިރު، އެކަމުގައި އިހުމާލުވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ވަނީ ނިންމާފައެވެ.

ރީނދޫވުން ކުރިމަތިވަނީ ލޭގައި ބިލިރޫބިން ގެ ލެވެލް ނުވަތަ ހުންނަން ޖެހޭ މިންވަރު މަތިވުމުންނެވެ. ރީނދޫވުން އޭގެ ޒާތުގައި އެއީ ބައްޔެއް ނޫނެވެ. އެކަމަކު އެއީ ބައެއް ބަލިތަކާއި ގުޅިގެން ކުރިމަތިވާ އުދަގުލެކެވެ. ނުވަތަ ފެންނަ އަލާމާތެކެވެ.