އެތައް ދެލޯބިވެރިންނެއް ހުވަފެނީ ގަނޑުވަރު ތަކުން، ހިޔާލީ ބަގީޗާތަކުން މާފޮޅުވަމުން އުފަލުގައި އުޅެމުންދާއިރު ވާނުވާ ނޭންގި ދެވޭ ނުދެވޭ ތަނެއް ނޭންގި ވާބޯ ޖަންގަލިތަކުގައި ގަނޑަތެޅޭ ލޯބިވެރިން ވެސް މަދެއް ނޫނެވެ. އެއްބަޔަކު ވަރަށް މަސައްކަތުން ވެސް ދެމީހުން އެކުގައި އުޅުމަށް މަސައްކަތް ކުރަމުންދާއިރު އަނެއް ބަޔަކު ތިބެނީ މިއަދު މާބޮޑު އުފަލެއް ނުލިބުނަސް މިނޫން ދުވަހެއް ފެނި ލޯބިވެރިޔާ އަދި ރަނގަޅު ވާނެ ކަމަށް އުންމީދު ކޮށްގެންނެވެ.

ދެމީހުންގެ ދޭތެރޭގައި ޖެހޭ މައްސަލަތައް ހައްލު ނުކުރެވި ހަދާނެ ގޮތެއް ނޭންގި ގާތް ރަހުމަތްތެރިންނާއި އާއިލާ މީހުންނާއި މަޝްވަރާކޮށް ލިބުނު އިރުޝާދު ތަކުން ވެސް މައްސަލަތަކަށް ހައްލެއް ނުލިބޭނަމަ އެއީ މައްސަލައެކެވެ. ލިބުނު މަޝްވަރާތަކުގެ އަޖުމަ ބެލުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން އިތުރު ހިތާމަ އާއި ހިތްދަތިކަން އިހްސާސް ކުރެވޭނަމަ އެހެން ގޮތެއް ވިސްނަން އެބަޖެހެއެވެ.

މައްސަލަ ހައްލުކުރަން މަސައްކަތްކޮށް ހައްލެއް ނުލިބުނު ނަމަ ދެން ކުރަންޖެހޭ ކަމަކީ މައްސަލަތަކުގެ ތެރެއިން ނިކުމެ ދިރިއުޅުމައިގެން ކުރިއަށް ދިއުމެވެ. ލޯބިވާ މީހަކާއި ވަކިވުމަކީ އެކަކުވެސް ކަން ކުރަން ބޭނުންވާނެ ގޮތް ނޫން ނަމަވެސް މައްސަލަތަކެއްގެ ތެރޭ ދިރިއުޅުން ނަގާލުމަށް ވުރެ ވަކިވުން މާރަނގަޅު ވާނެއެވެ. މިއީ ބުނަން ފަސޭހަ ކުރަން އުދަނގޫ ކަމެއް ކަން އަހަރެން ވެސް ގަބޫލު ކުރަމެވެ.

އެކުގައި އެތަށް މަސްތަކެއް ނުވަތަ އަހަރު ތަކެއް ވޭތު ކުރެވުނު ނަމަވެސް އެދުވަސްތަކުން އުފަލާއި ހިތް ހަމަޖެހުން ނުލިބޭނަމަ އެކުގައި އުޅުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟

ލޯތްބަކީ ހިތުގެ ހިތް ހަމަޖެހުމެވެ. ލޯބި ވުމަކީ އެކަކު އަނެކަކަށް އަޅާލާ އޯގާތެރި ވުމެވެ. ލޯބި ވުމަކީ އެކަކު އަނެކަކަށް އިހްތިރާމް ކުރުމެވެ. ލޯބި ވުމަކީ އެކަކު އެދޭއެދުން އަނެއްކަކު ފުއްދައި ދިނުމެވެ. ލޯބި ވުމަކީ އެކަކު އަނެކަކަށް އިތުބާރު ކުރުމެވެ.

ލޯބިވަމޭ ހަމައެކަނި ބުނެލުމަށް ފަހު ބައިވެރިޔާ ކުރާ ކަންތަކުން ހިތުގެ ހަމަޖެހުން ގެއްލޭނަމަ ތިދެމީހުންގެ ދެމެދުގައި ތިއޮތީ ލޯއްބެއް ނޫނެވެ. އޭނާ ތިބާއަށް އަޅާލާ އޮގާތެރި ނުވެ އެހީތެރިނުވެ ހުރެ ތިބާ ދެކެ ލޯބިވެޔޭ ބުނި ނަމަވެސް އެއީ ޙަޤީޤަތެއް ނޫނެވެ. އޭނާ ތިބާ އަށް އިހްތިރާމް ނުކޮށް އަދި ތިބާ އަށް އިތުބާރު ވެސް ނުކުރާ ނަމަ ތިދެމީހުންގެ ގުޅުމަކަށް ލޯބީގެ ގުޅުމެކޭ ނުކިޔޭނެއެވެ.

އޭނާ ބުނާ ކޮންމެ ވާހަކައަކުން ތިބާގެ ހިތުގެ ހަމަޖެހުން ގެއްލި އޭނާ ކުރާ ކޮންމެ އަމަލަކުން ތިބާގެ ލޮލުން ކަރުނަ އަންނަ ނަމަވެސް އޭނާ އާއި އެކު އަދިވެސް ތިއުޅެނީ ކީއްވެ ހެއްޔެވެ؟ ޖަވާބަކީ އޭނާ ދެކެ ލޯބީވާތީއެވެ. އެހެން ހެއްޔެވެ؟

ހަނދާން ކުރާށެވެ. ލޯތްބަކީ ހުރިހާ އެއްޗެއް ނޫނެވެ. ހަމައެކަނި ލޯބި ލިބިގެން ދިރިއުޅުން ފުރިހަމަ އެއް ނުކުރެވޭނެއެވެ. ލޯތްބާއި އެކު ފުރިހަމަ ވާންޖެހޭ އެތައް ކަންތައްތަކެއް ފުރިހަމަ ނުވެ ދިރިއުޅުން އުފާވެރި އެއް ނުކުރެވޭނެއެވެ.

ތިދެމީހުންގެ ދެމެދުގައި ޖެހެމުންދާ މައްސަލަތަަކަށް ހައްލެ ގެނައުމުގެ ގާބިލްކަން ދެމީހުންގެ ކިބައިގައި ނެތުމުގެ މާނައަކީ ތިދެމީހުންނަކީ އެކުގައި އުޅެން އެންމެ ރަނގަޅު ދެމީހުން ނޫންކަމެވެ. އެހެންވީމާ މިއީ ތިދެމީހުން ބްރޭކަޕް ވާންވީ ވަގުތެވެ.