ކައިވެނިކުރަން ދެކޮޅު ހެދުމުން، ލޯބިވެރިޔާގެ ތުއްތު ދަރިފުޅު ވަގަށް ނަގައިގެން ރަހީނެއްގެ ގޮތުގައި ގެންގުޅުނު ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

އިންޑިއާގެ ދިއްލީގައި ހިނގި މި ހާދިސާގައި އެ ފިރިހެންމީހާ ރަހީނުކޮށްފައިވަނީ އުމުރުން ހަތަރު އަހަރުގެ ފިރިހެން ކުއްޖެކެވެ. އޭނާ އެކުއްޖާ ވަގަށް ނަގާފައިވަނީ އެކުއްޖާގެ މަންމަ އޭނާ އާއި ކައިވެނިކުރަން ދެކޮޅު ހެދުމުން ކަމަށްވާއިރު، އެކަން ފުލުހުންނަށް ހުށަހެޅީ އަންހެން މީހާއެވެ.

ދަރިފުޅު ގެއްލިގެން އެ އަންހެން މީހާ ފުލުހުންނަށް މިދިޔަ ހޮނިހިރު ދުވަހު މައްސަލަ ހުށަހެޅިއިރު، އޭނާ ވަނީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ފިރިހެން މީހާއަށް އޭރުވެސް އެކަމުގައި ތުހުމަތުކޮށްފައެވެ. އެއާއިއެކު ފުލުހުން ކުރި މަސައްކަތުން އެ ކުއްޖާ ހޯދައިގަނެވުނުއިރު، އޭނާ ރަހީނުކޮށްގެން އުޅުނީ، އަންހެން މީހާގެ ލޯބިވެރިޔާކަން ވަނީ ޔަޤީންކުރެވިފައެވެ.

މި މައްސަލަ އާއި ގުޅިގެން އެ ފިރިހެން މީހާ ހައްޔަރުކޮށް އޭނާއާއި ސުވާލުކުރުމުން ބުނެފައިވަނީ، ކުއްޖާ ވަގަށް ނެގީ އެކުއްޖާގެ މަންމަ އޭނާ އާއި ކައިވެނި ކުރުމަށް ދެކޮޅު ހެދުމުން ކަމަށެވެ. އަދި އެކުއްޖާ ރަހީނުކޮށްގެން އުޅުނީ، އަންހެން މީހާވެސް ވިސްނުން ބަދަލު ކުރުމަށް ކަމަށާއި، ކުއްޖާއަށް ގެއްލުމެއް ދިނުމުގެ އެއްވެސް ނިޔަތެއް ނެތްކަމަށް އޭނާވަނީ ބުނެފައެވެ.

އިންޑިއާގައި ކުޑަކުދިން ރަހީނުކުރުމަކީ ވަރަށް ޢާންމުކޮށް ހިނގަމުންދާ ކަމަކަށްވާއިރު، ހޮނިހިރު ދުވަހުގެ މައްސަލައާއި ގުޅިގެން ހައްޔަރުކުރި މީހާ އާއި ދެކޮޅަށް ދަޢުވާކުރުމަށް އިދާރާތަކުން ވަނީ ނިންމާފައެވެ. އޭނާ ރަހީނުކުރި ހަތަރު އަހަރުގެ ކުއްޖާ މިހާރު ވަނީ އާއިލާ އާއި ޙަވާލުކޮށްފައެވެ. އެކުއްޖާއަށް މި ހާދިސާގައި އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.