އަންނަ ސެޕްޓެމްބަރު މަހުގައި އެޕަލްގެ މުވައްޒަފުން އެނބުރި އޮފީހަށް ނުކުންނަން އެ ކުންފުނިން އަންގައިފި އެވެ.

އެޕަލް ކުންފުނިން އެ ކުންފުނީގެ މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ބުނެފައި ވަނީ އަންނަ ސެޕްޓެމްބަރުގައި މުއައްޒަފުން އެނބުރި އޮފީހަށް ނުކުންނަން ޖެހޭނެ ކަމަށެވެ. އެޕަލްގެ ޗީފް އެގްޒެކިޔުޓިވް ޓިމް ކުކް ވިދާޅުވީ ހަފްތާއަކު ތިންދުވަހު މުއައްޒަފުން އޮފީހުގައި މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު ޓެކް ކުންފުނި އެޕްލް އިން މުވައްޒަފުން ގޭގައި މަސައްކަތް ކުރުމަށް ދޫކޮށްފައި ވަނީ ނުރައްކާތެރި ކޮވިޑް-19 އާއި ގުޅިގެން ބަލިން ރައްކާތެރި ވުމަށް އެޅި ފިޔަވަޅެއްގެ ގޮތުންނެވެ.

ކުކް ވިދާޅުވީ، ވީޑިއޯ ކޮންފަރެންސްގެ ސަބަބުން މުއައްޒަފުން ދުރުގައި ތިބުމުގެ އިހުސާސް ކުޑަކޮށްދިން ކަމުގައި ވިޔަސް ބަދަލުނުކުރެވޭނެ ކަންކަން ހުންނާނޭ ކަމަށެވެ.

ގިނަ މުވައްޒަފުން އެކުގައި މަސައްކަތް ކޮށް ގެނެސްދޭ އުފެއްދުންތެރިކަމާއި އެ ހަކަތަ ހަނދާންވާކަމަށް ކުކް ވަނީ ވިދާޅުވެފައެވެ.

ކޮވިޑާއި ގުޅިގެން އެހެން ކުންފުނިތަކާއި ހިލާފަށް އެޕަލް ކުންފުންޏަށް 50 އިންސައްތައިގެ ކުރިއެރުމެއް ލިބުނެވެ. އެއީ ފާއިތުވި އަހަރުގައި ވެސް އެޕަލް އިން އާ ފޯނާއި އިތުރު އުފެއްދުންތައް ބާޒާރަށް ނެރެފައިވާތީ އެވެ.

އެހެނިހެން ބޮޑެތި ކުންފުނިތަކާއި ހިލާފަށް އެޕަލް އިން އެ ކުންފުނީގެ މުއައްޒަފުން ސެޕްޓެމްބަރު މަހު އޮފީހަށް ނުކުންނަން އެންގީ އެ މަހު އެހެން އަހަރުތަކެކޭ އެއްގޮތަށް އެ ކުންފުނީގެ އާ އުފެއްދުންތައް ނެރެން އުޅޭތީ ކަމަށް ބެލެވެ އެވެ.

އެޕަލް އިން ފޯނާއި އައިޕެޑް، އެޕަލް ގަޑި، މެކްބުކް އަދި އިތުރު އުފެއްދުންތައްވެސް ނެރެއެވެ.

ކިޔުންތެރިންގެ ހިޔާލު