ޕީއެސް 5 ރިލީޒް ކުރުމާއި އެކު ޕީއެސް 5 ގަތުމަށް މައިންބަފައިން އެއްބަސް ކުރުވުމަށް އެތައް އެކި މީހުން ދަނީ އެކި އުކުޅުތައް ބޭނުން ކުރަމުންނެވެ.

މިގޮތަށް ޕީއެސް 5 ގަތުމަށް މީހަކު ބޭނުން ކުރީ މުޅިން ވެސް ތަފާތު އުކުޅެކެވެ. އެހެން މީހުންނާއި މުޅިން ތަފާތު އުކުޅެކެވެ. ބައްޕަ ލައްވާ ޕީއެސް 5 ގަތުމަށް ދަރިފުޅު ބޭނުން ކުރި ތަފާތު އުކުޅެވެ.

ފައިން އެޕަލްގެ ނަމުގައި ޓުވިޓާ އެކައުންޓަކުން ބައްޕައަކާއި އެކު ދަރިއަކު ޕީއެސް ކުޅޭ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް ހިއްސާކޮށް ބުނެފައިވަނީ އޭނާގެ ކޮއްކޮއަށް ޕީއެސް 5 ގަނެދޭތޯ ބައްޕަ ޕީއެސް 4 ގެ ގޭމުގައި ޖެއްސީ ކަމަށެެވެ.

''އަހަރެންގެ ކޮއްކޮ ބައްޕައަށް ޕީއެސް 4 ކުޅެން ދަސްކޮށްދެނީ. އޭގެ ޖާދޫގައި ޖެހިގެން ބައްޕަ އޭނާއަށް ޕީއެސް 5 ގަނެދޭތޯ'' ފައިން އެޕަލް ޓުވިޓާ އެކައުންޓުން ކޮށްފައިވާ ޓުވީޓުގައިވެއެވެ.

ބައްޕައާއި ދަރިފުޅު ޕީއެސް ކުޅޭ މި ފޮޓޯ ދަނީ މީސް މީޑިޔާގައި ހަލުވި ކަމާއި އެކު ދައުރުވަމުންނެވެ. 50،000 އަށްވުރެ ގިނަ މީހުން ވަނީ މި ޕޯސްޓަށް ލައިކް ދީފައެވެ. އަދި 8،000 އަށްވުރެ ގިނަ މީހުން ވަނީ މި ޓުވީޓު ރީޓުވީޓު ކޮށްފައެވެ.

ފޮޓޯއަށް ލިބިފައިވާ ލައިކާއި ރީޓުވީޓެކޭ އެއްވަރަށް އެ ފިރިހެން ކުއްޖާގެ އުފެއްދުންތެރި އެ ޚިޔާލަށް އެތައް ބަޔަކު ވަނީ ތާޢީދުކޮށް ތަޢުރީފު ކޮށްފައެވެ.

މި ޚިޔާލަކީ އެންމެ ރަނގަޅު ޚިޔާލު ކަމަށް އެއްބަޔަކު ބުނެފައިވާ އިރު އަނެއް ބަޔަކު ބުނެފައިވަނީ އެމީހުންގެ މައިންބަފައިން ލައްވާ ޕީއެސް 5 ގަތުމަށް މި ޚިޔާލުގެ ބޭނުން ކުރާނެ ކަމަށެވެ.