ޓެކްސީގެ ލާރި ނުދެއްކި ކަމަށްބުނެ މީހެއްގެ ގައިގައި އޮޓޯ ރިކްޝާ ދުއްވާ މީހަކާއި އޭނާގެ ރަޙްމަތްތެރިއެއް ވެގެން ތަޅާ މަރާލާފިއެވެ.

އިންޑިޔާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި މަރާލާފައިވަނީ އުމުރުން 35 އަހަރުގެ ފިރިހެން މީހެކެވެ. އިންޑިޔާގެ ފުލުހުންނާއި ހަވާލާދީ އިންޑިޔާގެ ނޫސްތަކުގައި ބުނެފައިވަނީ މީހެއް ވަރަށް ބޮޑަށް ޒަޚަމްކޮށްލާފައިވާ ޚަބަރު ފުލުހުންނަށް ލިބުމާއެކު އެސަރަހައްދަށް ގޮސްފައިވާ ކަމަށެވެ. ގޮސްބެލިއިރު ޒަޚަމްތަކާއެކު އޮތް މީހެއް ފެނުނު ކަމަށާއި އެމީހާ ހޮސްޕިޓަލްއަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލައިގައި ދެމީހުން ހައްޔަރު ކޮށްފައިވާ އިރު، ފުލުހުން ބުނެފައިވަނީ މިމައްސަލައިގައި މިދެމީހުންގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެކި އެބަހުރި ކަމަށެވެ. ފުލުހުން ބުނެފައިވަނީ ރިކްޝާ ދުއްވަން އިން މީހާއާއި އޭނާގެ ރަޙްމަތް ތެރިއެއް މިމީހާއަށް އަނިޔާ ކުރާ މަންޒަރު ސީސީޓީވީ ކެމެރާއަށް އަރައިފައިވާ ކަމަށެވެ.

ފުލުހުންގެ ތަޙްޤީޤަށް މިދެމީހުން ބުނެފައިވަނީ މިމީހާއަށް އަނިޔާ ދީފައިވަނީ މަރާލުމުގެ ނިޔަތުގައި ނޫން ކަމަށާއި އޭނާގެ ރިކްޝާއިން ދަތުރުކޮށް ދަތުރަށް އަރާ ފީ ދައްކާފައި ނުވާތީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު