ބޮލީވުޑުގެ އެކްޓަރ ސުޝާންތު ސިންގް ރާޖުޕޫތު އެކްޓިންއަށް ފުރަތަމަ ތައާރަފްވި ޑުރާމާ ''ޕަވިތުރަ ރިޝްތާ'' އަށް 12 އަހަރު ފުރުމުގެ މުނާސަބަތުގައި ޒީ ޕްރޮޑަކްޝަންގެ ފަރާތުން މި ޑުރާމާއަށް ހާއްސަކޮށްގެން ލަވައެއް ނެރެފިއެވެ.

މި ލަވައާއި އެކު ސުޝާންތުގެ ސަޕޯޓަރުންނަށް ރޮވިއްޖެއެވެ.

މިދިޔަ އަހަރުގެ ޖޫން މަހު 14 ވަނަ ދުވަހު މަރުވެފައިވާ ސުޝާންތުގެ ހަނދާންތައް އަލުން އައުވެފައި ވަނީ މި ލަވައާއި އެކުގައެވެ. ސުޝާންތުގެ ހަނދާނުގައި އޭނާގެ ސަޕޯޓަރުންދަނީ ޓުވީޓު ކުރަމުންނެވެ.

މާނަވް ދޭޝްމުކްގެ ރޯލުން ސުޝާންތު އަދި އަރުޗަނާ ދޭޝްމުކްގެ ރޯލުން އަންކިތާ ފެނިގެން ދިޔަ މި ޑުރާމާއަށް 12 އަހަރު ފުރުނީ މި މަހުގެ އެއްވަނަ ދުވަހުއެވެ.

ސުޝާންތުއާއި އަންކިތާގެ ޖޯޑު ވަރަށް ކަމުދާ ކަމަށް އެއް ޓުވީޓެއްގައިވެއެވެ. އެހާ ލޯބި ދެ ބައިވެރިން ވަކިވެގެން ދިޔައީ ކީއްވެތޯ ވެސް ބައެއް ފަރާތްތަކުން ދަނީ ސުވާލު ކުރަމުންނެވެ. ސުޝާަންތު މަތިން ހަނދާންވާ ކަމަށް ވެސް ބައެއް ފަރާތްތަކުން ޓުވީޓު ކޮށްފައިވެއެވެ.

ސުޝާންތުގެ ދެކެ ލޯބިވާ ކަމަށާއި ހަނދާންވާ ކަމަށް ބުނެ ކުރެވިފައިވާ ޓުވީޓުތަކާއި އެއްކޮށް ސުޝާަންތުގެ މަރަށް އިންސާފެއް ހޯދައިދިނުމަށް އެދި ވެސް ބައެއް ފަރާތްތަކުން ޓުވީޓު ކޮށްފައިވެއެވެ.

''ޖެއިސީ ހޯ ވެއިސީ ރަހޯ'' މި ލަވައިގައި ދައްކުވައިދެނީ ޕަވިތުރާ ރިޝްތާ ޑުރާމާގައި ސުޝާަންތުއާއި އަންކިތާގެ ސީންތަކެވެ. އެ ދެބައިވެރިންގެ ލޯތްބެވެ.

އަންކިތާއާއި ސުޝާންތު ލޯބީގެ ގޮތުން ގުޅިފައިވަނީ މި ޑުރާމާގެ ތެރެއިންނެވެ. ނަމަވެސް އޭގެ އަހަރުތަކަކަށް ފަހު މި ދެމީހުން ވެސް ވަނީ ވަކިވެފައެވެ.

މި މަހުގެ 14 ވަނަ ދުވަހަކީ ސުޝާަންތުގެ މަރަށް އަހަރެއް ފުރޭ ދުވަހެވެ.