ސްޓަރ ޕްލަސް ޑުރާމާ 'ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ'' ގެ ނިޔަތިކް ރާޖުގެ ކެރެކްޓަރ އިން މަގުބޫލުކަން ހޯދާފައިވާ ކަރަން މެހެރާއަށް އޭނާގެ އަންހެނުން ނިޝާ ރާވަލް ކޮށްފައިވާ ތުހުމަތުތަކަށް ކަރަން ރައްދު ދީފިއެވެ.

ނިޝާއަށް ގެވެށި އަނިޔާ ކުރުމުގެ ތުހުމަތުގައި ހައްޔަރު ކުރެވުނު ކަރަން ބުނެފައިވަނީ ނިޝާ އެ ދައްކާ ވާހަކައިގެ އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. ޖޫރިމަނާ ދެއްކުމަށް ފަހު ޖަލުން ސަލާމަތް ވެފައިވާ ކަރަން ބުނެފައިވަނީ މިފަދަ އެތައް ތުހުމަތެއް އޭނާއަށް ކުރާނެކަން އެނގޭ ކަމަށެވެ.

''މިފަދަ އެތައް ތުހުމަތުތަކަކާއި އަހަރެން ކުރިމަތިލާން ޖެހޭނެ. އެތައް ބަޔަކާއި އަހަރެންގެ ވާހަކަތައް ގުޅުވާނެ. މިދެކެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް. އަހަރެން އޭނާއަކަށް ބޭވަފާތެރިއެއް ނުވަން. އަދި ކައިވެނީގެ ބޭރުން އެއްވެސް ގުޅުމެއް ނުހިންގަން'' ބޮމްބޭ ޓޯކްސްއަށް މަޢުލޫމާތު ދެމުން ކަރަން ބުނެފައިވެއެވެ.

މިކަމާއި ބެހޭގޮތުން އިތުރަށް ވާހަކަ ދައްކަމުން ކަރަން ބުނެފައިވަނީ އެދެމީހުންގެ ކައިވެނީގައި މީގެ އަހަރުތަކެއް ކުރިން މައްސަލަ ޖެހެން ފަށާފައިވާ ކަމަށެވެ. ނަމަވެސް އެކުގައި އުޅެން މަސައްކަތް ކުރީ ކަމަށެވެ.

ނަމަވެސް މި އަހަރުގެ އޭޕްރީލް މަހު ނިޝާ ވަރިވުމަށް ބޭނުންވުމުން ކަރަން އެކަމާއި އެއްބަސްވިއެވެ. އަދި އޭގެފަހުން ވަރީގެ ސަބަބުން ކުރަން ޖެހޭ ޚަރަދުތަކާއި ފައިސާގެ ގޮތުން ކުރިމަތިވެފައިވާ ދަތިތަކުގެ ވާހަކަތައް ދެކެވެން ފެށިއެވެ.

ކަރަންގެ މައިންބަފައިންނަށް އިހާނެތިކޮށް ކަންތައް ނުކުރުމަށް ނިޝާއަށް ނަސޭހަތް ދިނުމަށް ނިޝާގެ ބޭބެގެ ގާތު ކަރަން ބުނެފައިވެއެވެ. އަދި މަހެއްގެ މައްޗަށް ދެވޭނެ ފައިސާގެ އަދަދު ބުނެ، އެއީ މިދުވަސްވަރު އޭނާގެ ހާލަތު ހުރިގޮތް ކަމަށް ވެސް ނިޝާ ގާތު ބުނެފައިވާނެ ކަމަށް ކަރަން ފާހަގަ ކުރިއެވެ.

ނިޝާއަށް އަނިޔާ ކުރި ކަމަށް ބުނެ ދައްކާ ވާހަކައަކީ ތެދެއް ނޫން ކަމަށާއި އެއީ ކަރަން ބަދުނާމު ކުރުމަށް އޭނާ އަމިއްލަ ގައިގައި ޖަހައި، ދައްކާ ވާހަކަތަކެއް ކަމަށް ވެސް ކަރަން ބުނެފައިވެއެވެ.