މާވަހަރަކީ ވަރަށް އަގު ބޮޑު އެއްޗެކެވެ. މާވަހަރެއް ލިބޭ މީހެއްގެ ދިރިއުޅުން އެއްކޮށް ބަދަލުވެއެވެ. ބޮޑު މާވަހަރެއް ލިބިއްޖެ ނަމަ އެމީހާގެ ނަސީބު އަތުގައި ހިފީ ކަމަށް ބަލާށެވެ.

ޔަމަންގެ މަސްވެރިއަކަށް މިފަދަ ނަސީބެއް ލިބުނީ މަހަށް ނިކުމެ އުޅެނިކޮށް ފެނުނު 1.5 މިލިއަން ޑޮލަރުގެ އަގު ބޮޑު މާވަހަރެއް ލިބުމުންނެވެ.

ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ތެރެއިން އެއް ގައުމު ކަމުގައިވާ ޔަމަންގެ ރައްޔިތުން ކައި ބޮއެ އުޅުމަށް ކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމެވެ.

ޔަމަންގެ ދެކުުނު ގަލްފް އެޑެންގެ ކަނޑުން މަރުވެފައި އޮތް ބޮޑު މަހެއް މަސްވެރިއަކަށް ފެނުމުން ދެން ތިބި 35 މަސްވެރިން ސަމާލުކަމަށް ގެނައީ އޭގައި މާވަހަރެއް އޮވެދާނެ ކަމަށް ބުނެއެވެ.

މަރުވެފައި އޮތް ބޮޑު މަހާ ކައިރިވުމުން މާވަހަރުގެ ވަސް ދުވުމުން އެ ބޮޑުމަސް އެއްގަމަށް ގެނައެވެ. އަދި އޭގެ ބަނޑުގެ ތެރެއިން 127 ކިލޯގެ މާވަހަރެއް ފެނުނެވެ.

''މީގެ އަގަކީ ހިތަށް ވެސް ނުގެނެވޭހާ ބޮޑު އަގެއް. އަހަރެމެން އެންމެންނަކީ ވެސް ވަރަށް ފަގީރު ބައެއް. އަހަރެމެން ހިޔެއް ވެސް ނުކުރަން މިހާބޮޑު އަގެއް ލިބިދާނެ ކަމަށް'' މާވަހަރު ލިބުމުން އުފާވެފައިވާ މަސްވެރިންގެ ތެރެއިން އެކަކު ބީބީސީއަށް ބުނެފައިވެއެވެ.

ކަނޑުގެ ހަޒާނާގެ ގޮތުގައި ބެލެވޭ މާވަހަރަކީ ސެންޓު އުފައްދާ އިރު އޭގެ ވަސް ގިނައިރު ބެހެއްޓުމަށް ބޭނުން ކުރާ އެއްޗެކެވެ. މާވަހަރުގެ ކިލޯއެއް އާއްމުގޮތެއްގައި އުޅެނީ 50،000 ޑޮލަރަށެވެ.

ޔަމަންގެ މަސްވެރިން މި މާވަހަރު ވިއްކާލާފައިވަނީ ދުބާއީގެ ވިޔަފާރިވެރިއަކަށެވެ. މި މާވަހަރު 1.5 މިލިއަން ޑޮލަރަށް ވިއްކާލައިގެން ލިބުނު ފައިސާ ހުރިހާ މަސްވެރިންގެ މެދުގައި ހަމަހަމައަށް ބަހައި އެއިން ބައެއް ވަނީ ފަގީރު އާއިލާތަކަށް ވެސް ހަދިޔާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    އަލްހަމްދުލިﷲ

    59
    1
  2. ސަރުކާރު

    ޔަމަނުގެ މީހުން ފަގީރުންނަށް ހެދީ ކޮން ބަޔެއް

  3. އެދުރުބެ

    50،000 ޑޮލަރަށް ކިލޯއެއް އުޅޭއިރު 127 ކިލޯއަށް 1.5 މިލިއަން ޑޮލަރަށްވީމަ ހިލޭއެންނު ތިދޫކޮށްލީ

    12
  4. Anonymous

    އެމީހުންނަށް ނިޢްމަތެއް ލިބުން ހިނދު އެ ވިއްކާފައިވެސް އެވަނީ ކޮންމެހެން ދަހިވެތިކަުގައި ނޫންކަން. އަދި ލިބުނު އެއްޗެއް ހަމަހަމައަށް ބެހިކން. އަދި އިތުރު ފަޤީރުންނަށްވެސް އެކަމުން އެހީތެރިވިކަން.
    އެއީ ނިޢްމަތްތައް އިތުރުކޮށްދެއްވާނެ ކަމެއް.

    27
    4
  5. ރރ

    މިހާރު ސެންޓް ހަދަން މާވަހަރު ނުވަތަ އެމްބަގްރިސް ބޭނުމެއް ނުކުރޭ! ތި އުވިފަވާ އެއްޗެއް އެހެންވެ ހަމައެކަނި އަރަބިން އަދިވެސް ތި ގަންނަނީ އަރަބިން ވެސް މިހާރަކު އަތަރު ހަދަން ވެސް ތި ވ ބޭނުން ނުކުރޭ އެހެންވެ ދުވަސްކޮޅަކުން ތި ނުއަގުގަ ވެސް ނުގަންނާނެ! ގޯގުލް އެމްބަރގްރިސް!

    1
    2